ވައިގެ މަގުން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.
މި މީހާ ހައްޔަރުކުރީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެގެ 07:48 އެހައިކަންހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށްވެސް ފުލުހުން މައުލުމާތުދެއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ބުލެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.
މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.