ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ރިލްވާން އަބްދުﷲ ގެ އާއިލާއާ ބައްދަލުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރު މިއަދު ހެނދުނު ރިލްވާންގެ އާއިލާއާ ބައްދަލުކޮށްފައިވާ ކަމަށާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިހާރު ވަނީ މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހޯދާފައިވާ ކަންތައްތަކާއި ބެހޭ ގޮތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް އެކޮމެޓީ އާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަޖިލީހުގައި އެދިފައިވަޑައިގެންފައި ކަމަށެވެ.
ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރު މިއަދު ރިލްވާންގެ އާއިލާ އާއި ބައްދަލުކުރައްވާފައިވާއިރު، ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ރިލްވާންގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދެ ފުލުހުންގެ މައްސަލަ ބަލައި، އިހުމާލެއް އޮތްނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ. ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ އެކަން ބަލާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.