ގާސިމް އިބްރާހިމް

ރިލްވާންގެ މައްސަލައިގައި، ފުލުހުންގެ އެއްބާރުލުން ނުދޭކަމަށް މަޖިލިސް ރައީސް ވިދާޅުވީ ގޯހުން: ގާސިމް

އިބްރާހިމް ޒަކީ

އަނިޔާވެރިގޮތަކަށް މަރާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެއްބާރުލުން ނުދޭކަމަަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ވަރަށްބޮޑު ގޯހަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، މާމިގިލީ ދާއިރާގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެކަމާބެހޭ މައުލުމާތުތައް ފުލުހުންގެ ފަރާތުން ހޯއްދަވާފައިވާ ކަމަށާއި، އެ މައްސަލައަށް ފުލުހުން އެއްބާރުލުން ނުދޭކަމަށް ވިދާޅުވުމަކީ ގޯހެއް ކަމަށެވެ. އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިލްވާންގެ މައްސަލަ ބެލުމަށްފަހު ނެރެފައިވާ ރިޕޯޓުގައި ހިމެނެނީވެސް ފުލުހުން ހޯދާފައިވާ މައުލޫމާތުކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ މައްސަލައަށް ފުލުހުން އެއްބާރުލުން ނުދޭކަމަށް ބުނެ، އޮޅުވާލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

"ފުލުހުން އެކަމަށް އެއްބާރުލުން ނުދޭކަމަށް ވިދާޅުވުމަކީ ރަނަގޅަށް ވިދާޅުވި އެއްޗެއްނޫން، މިހާރުވެސް އެ ރިޕޯޓްގައި އެ ހިމެނެނީ ފުލުހުންދިން މައުލޫމާތު، އެކަމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލި ކޮމިޝަންގެ ބޭފުޅުން މަސައްކަތްޕުޅެއް ކުރައްވައިފަ ނެތެކޭނޫން، އެހެން ނަމަވެސް ޖުމުލަ ގޮތެއްގައި ފުލުހުންގެ ފަރާތުން އެހުރިހާ ކޯޕަރޭޝަނެއް ދީގެން އެހުރިހާކަމެއް ކުރެވިފައިވަނީ، އެހެންނަމަވެސް އެކަމުގެ ހަގީގަތް މަޖިލީހުގެ ރައީސަށް އޮޅުވާލާގޮތަށް ބޭފުޅަކު އައިސް ދެއްކި ވާހަކައާ ގުޅިގެން މިތާނގައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާގޮތަށް މަޖިލީހުގެ ރައީސް އިންނަވައިގެން ވާހަކަ ދެއްކެވޭނެ އުސޫލެއް އޮވެގެންނުވާނެ،" ގާސިމް ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ތަހުގީގު ކުރުމުގެ އެއްވެސް ގާބިލުކަމެއް ކެޕޭސިޓީއެއްނެތް ބަޔަކު ފުލުހުން އެކުރެއްވި ގޮތަށް މަސައްކަތް ކޮށްގެން، ދޮޅުމަސްކުރިން އެވަރުގެ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލް ޖުމްހޫރިއްޔާގެ އެރުވުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ.

"އެއީ ކުރެވޭނެ ކަމެއްްނޫން، ނަމަވެސް ރިޕޯޓްގައި އެ ހިމެނެނީ ފުލުހުން ދީފައިވާ މައުލޫމާތު، ދެން އޭރުގަ ކަމެއް ގޯސްކޮށް ހިނގައިފަ ނެތްވާހަކައެކޭ އަޅުގަނޑު ނުދަންނަވަން، އެކަމަކު އެއީ މިއަދުގެ ފުލުހުންގެ ބޮލުގަ އެކަން އަޅުވަންޖެހޭ މައްސަލައެއް ކަމަކަށް ނުދެކެން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދައުލަތުގެ މުއައްސަސާއެއް ބަދުނާމުކޮށް ވާހަކަ ދައްކައިގެންނުވާނެ ކަމަށެވެ. އަދި އެއީ ގައުމުގެ މަސްލަހަތަށްވެސް ރަނގަޅުގޮތް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.