މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސާވޭއެއް ހަދަނީ

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި ވިޔަފާރި ކުރާ ތަންތަނާއި އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުސާރައާއި އުޖޫރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދެއް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި 'އެންޓަރޕްރައިސް' ސާރވޭއެއް ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

އެންމެ ކުޑަ އުޖޫރަ ދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މި "އެންޓަރޕްރައިސް" ސާވޭ ކުރުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުގައި ކަމުގައެވެ.

އެގޮތުން ދެކުނާއި އުތުރުގައިވެސް މި ސާވޭ ކޮށްދޭނެ ފަރާތެއް ނެގުމަށް ހަމަޖައްސާފއިވާކަމަށާއި މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން، ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ނިންމައި، އެކަމާއި ގުޅޭ ލަފާ އިކޮނޮމިކް މިނިސްޓަރަށް އަރުވާނެ ކަމަށް މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ވަނީ ބުނެފައެވެ.