އިބްރާހިމް ޒަކީ
ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރެއްގެ ގޮތުގައި ސައުވީސް މިލިޔަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެއް ހިމެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ފޮނުވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ، އެފަދަ ބޭފުޅުންގެ ކިބައިން އެޗްއާރުސީއެމް ފަދަ މިނިވަން މުއައްސަސާތައް ސަލާމަތް ކުރަންޖެހޭ ކަމަށެވެ.
އަދި އެފަދަ ބޭފުޅުންގެ ކިބައިން ސަލާމަތް ކުރެވިގެން ނޫނީ ތައައްސުބުން އެއްކިބާވެ ނުފޫޒުން ސަލާމަތްވެ ތިބެ، ބިރު ނުގަނެ، ފަސްނުޖެހި މަަސްކަތްކުރާ މިނިވަން މުއައްސަސާތަކެއް ނުފެންނާނެ ކަމަށް ޖީހާން ވިދާޅުވެއްޖެއެވެ.
ޖީހާންގެ ވާހަކަ އިޝާރާތް ކުރައްވާފައިވަނީ، އެޗްއާރުސީއެމްގެ މެންބަރު މޫސާ އަލީ ކަލޭފާނަށެވެ.
ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ހޯދުމަށް 2005 ވަނައަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އޭބީސީ) ގެ ނަމުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ "ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމު"ތަކަށް އެޕޯލޯ ކުންފުނިން ހަމަ އެއަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް އޭބީސީ ކުންފުނިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަމަ އެފޯމުތަކުގެ ފޮޓޯ ކޮޕީއަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާއިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އޮޅުވާލައިގެން ނަގާފައިވާކަމަށް މޫސާ އަލީ ކަލޭފާނާއި އިތުރު ބައެއްގެ މައްޗަށް މީގެ ކުރިން ވަނީ ތުހުމަތު ކޮށްފައެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި ހިނދުގައި، މިވަގުތު ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުންގެ ތެރޭގައި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ މުއައްޒިފެއްގެ ގޮތުގައި މަސައްކަތް ކުރިއިރު 24 މިލިޔަން ދިވެހި ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު މިވަގުތު ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރެވިފައިވޭ، މިއީކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަންކަމެއްނޫން،" ޖީހާން ވިދާޅުވިއެވެ.
އެޗްއާރުސީއެމްގެ މެންބަރަކަށް މޫސާ އަލީ ކަލޭފާނު އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގަ އެވެ.
ޖީހާން ވިދާޅުވީ، ގާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ތަކަކީ، ކޮމިޝަންގެ މެންބަރުންގެއިތުރުން، ކޮމިޝަންގެ މުވައްޒިފުންވެސް އެ ކޮމިޝަންގައި މަސައްކަތްކުރާހާ ދުވަހަކު މިނިވަންކަމާއި ތައައްސަބުން އެއްކިބާވެ ތިބެ ވަކި މީހަކަށް، ވަކި ބަޔަކަށް، ވަކި ތަނަކަށް ފައިދާ ނުވާނޭހެން ހަމައެކަނި ރައްޔިތުންގެ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތް ކުރެވޭނެ އިސްލާހެއް ކަމަށެވެ.