ލ. މާންދޫ ފިޝަރީޒް ކޮމްޕްލެންސް، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މިއަދުން ފެށިގެން ދޯންޏަކުން ދުވާލަކު އެއް ޓަނު މަސް ގަންނަ ގޮތަށް ހަމަޖައްސައިފިއެވެ.
ހޮރައިޒަން ފިޝަރީޒް އިން ބުނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށްބޮޑަށް ދަށްވެފައިވާތީ މަސް ބޭރު ނުކުރެވި، މަސް ބަންދުކުރުންވެސް މަޑުޖައްސާލަން ޖެހުމުން ރައްކާކުރާ ސްޓޯރޭޖްތައް ފުރިފައި ވުމުގެ ސަބަބުން މިއަދުން ފެށިގެން ދޯންޏަކުން ދެން ގަންނަމުން ގެންދާނީ ދުވާލަކު އެއްޓަނު މަސް ކަމުގައެވެ.
ހޮރައިޒަން ފިޝަރީޒް އިން "ވަން" އަށް މައުލޫމާތުދެމުން ބުނީ ކުރީން ހުރިހާ ދޯންޏަކުން ވެސް އަންނަވަރަކުން އަންލިމިޓެޑްކޮށް މަސް ގަންނަމުން ދިޔަ ނަމަވެސް މިހާރު މަސް ރައްކާކުރާ ސްޓޯރޭޖްތައް ފުރިފައި ހުރުމުގެ ސަަބަބުން ދެން ދުވާލަކު ދޯންޏަކުން ގަންނާނީ އެއް ޓަނު މަސް ކަމުގައެވެ.
މި މައްސަލަ ހައްލުކުރުމަށް ބާޖެއް ގެނެސް މަސް އެރުވުމުގެ އިންތިޒާމުތައް މިހާރު ކުރަމުން އަންނަ ކަމަށްވެސް ހޮރޮއިޒަން ފިޝަރީޒް އިން މައުލޫމާތުދެއެވެ.