ޕޮލިސް

އީސީ ޝަރީފާއި އަކްރަމް ފުލުހަށް ހާޒިރު ކޮށްފި

އަހުމަދު ޖައިޝަން

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަދި މެމްބަރު އަހުމަދު އަކްރަމް ދާދި ދެންމެއަކު ފުލުހަށް ހާޒިރުކޮށްފިއެވެ.

އެ ދެ ބޭފުޅުންވެސް ފުލުހަށް ހާޒިރުކޮށްފައިވަނީ ދާދި ދެންމެއަކަށްވާއިރު އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުކުރި ސަބަބެއް އަދި ނޭނގެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ބޭފުޅުން ފުލުހަށް ހާޒިރުކޮށްފައިވަނީ ޖިނާއީ މައްސަލައެއްގައި ހެކި ނައްތާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އެ ބޭފުޅުން ފުލުހަށް ހާޒިރުކޮށްފައިވާއިރު ސަރުކާރު ހިންގާ ޕީޕީއެމް އިން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން އިން ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ކޮށްފައެވެ.

މިއަދު ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ތުހަމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހުށަހަޅާފައިވަނިކޮށް ކުއްލިގޮތަކަށް ވޯޓު ކަރުދާސް ނައްތާލުމަކީ ކުރެވޭ ތުހުމަތަށް ލިބިގެންދާ އިތުރު ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.