ދީނީ އިލްމްވެރިޔާ، އިލްޔާސް ހުސެއިންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ރާއްޖެއިން ފުރުމަށް އައްޑޫ މަގުން ސްރީލަންކާއަށް ދިއުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން އިމިގްރޭޝަނުން ވަނީ އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައި ނުފުރޭނެ ކަމަށް އަންގައިފައެވެ. އިލްޔާސް ރަޖިސްޓަރީ ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ވޯޓުލާ ގޮތަށެވެ.
އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއާ ގުޅޭގޮތުން އިލްޔާސް ދެއްކެވި ވާހަކަތަކަކާ ގުޅިގެން ދާދި ފަހުން ފުލުހުން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ. ނަމަވެސް އޭރު އިލްޔާސް ހުންނެވީ މެލޭޝިއާގައެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އޭނާ ފުލުހަށް ގެންދަން އަދި ޗިޓް ލިބިފައެއް ނެތެވެ. އިލްޔާސް ރާއްޖޭގައި ނެތިސް އާއިލާގެ ބޭފުޅަކާ ޗިޓް ހަވާލުކުރުމަށް ފުލުހުން މަސައްކަތްކުރި ކަމަށާއި ނަމަވެސް އާއިލާއިން ޗިޓާ ހަވާލުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓިއަސް ހައްގު މަގުގައި ބަސްބުނުން ހުއްޓާނުލާނެ ކަމަށާއި މިގައުމުގައި އަނިޔާވެރިކަމާއި ބޭއިންސާފު އާންމުވެފައިވާ ކަމަށެވެ. އަދި އެ ކަންކަމާ ދެކޮޅަށް ހައްގު ބަސް ބުނަން މިއަދު މަޖުބޫރު ވެއްޖެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
މި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަނީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ދުވަހަކު ވެސް ސަރުކާރުގެ މަގާމަކަށް އައުމުގެ ދަހިވެތި ކަމެއް ނެތް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާ ދައްކާ ހުރިހާ ވާހަކައެއް ބިނާކޮށްފައި ހުންނާނީ ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްތަކުގެ މައްޗަށް ކަމަށެވެ.