އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އާއި ނައިބު ރައީސާ ފާތިމަތު ޒައިނާ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި މައްސަލަ އަލުން އެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެ ދެބޭފުޅުން ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ނުގެނެސް މަޑުޖައްސައިލެއްވީ، އެކަން ކޮމިޓީން ނިންމި ގޮތުގެ އިޖުރާއަތްތަކާބެހޭގޮތުން ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
ނަމަވެސް އެ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެންޑާކުރީ، ކޮމިޓީން އެކަން ނިންމިއިރު، އަމަލު ކުރަމުންދިޔަ މަޖިލީހުގެ ގަވާއިދު މިހާރު މުޅިން ބަދަލުވެފައިވާތީ މަޖިލީހުން އެކަމަށް ގޮތެއް ނިންމުމަށެވެ.
މި މައްސަލައިގައި މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި އެ ކޮމިޓީގެ މުގައްރިރު މީދޫ ދާއިރާގެ މެންބަރު ރޮޒެއިިނާ އާދަމް ވިދާޅުވީ، ކޮމިޓީން ނިންމަައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓެއް އަލުން ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށެވެ. ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ މަޖިލީހުގެ ލީގަލް ބޭފުޅުންގެ ލަފައާއެކު އެކަމަށް ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސްއަށް ކަމަށެވެ.
ފަހުން ރޮޒެއިނާވެސް އެކަމަށް އެއްބަސްވެ ވަޑައިގެންނެވުމުން، މަޖިލީހުގެ ގަވާއިދުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މަޖިލީހުގެ ރައީސް ނިންމެވީ އެ ރިޕޯޓް އަލުން މަޖިލީހަށް ފޮނުއްވުމަށެވެ. އަދި އެ ކޮމިޓީން އަލުން މަޖިލީހަށް ފޮނުއްވުމަށްވެސް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.