(26 އޯގަސްޓުގެ އަދަދާ ގުޅޭ)
"ހޮޓް ޗިކެއް ދޯ..." މާހިލް ބަލައިލީ އޭނާގެ ކޮނޑުގައި އެތަނުން އެކުވެރިޔަކު ހިފާލާފައި ވާހަކަދެއްކުމުންނެވެ. އެ އެކުވެރިޔާ އިޝާރާތްކޮށްގެން ހުރި ދިމާލަށް އޭނާ ބަލައިލިއިރު ނާހިދު ފަހަތުން މޭވާއާއި ތަރުކާރީ ވިއްކާ ފިހާރައަށް ނައިޝީ ވަންނަނީއެވެ. އެކުވެރިޔާގެ އެ ސަމާސާ މާހިލްއަށް ކަމަކުނުދިޔައެވެ. އޭނާ އަތުގައި އޮތް ދަޅު މަގުމައްޗަށް އެއްލާލުމަށްފަހު ހިފީ އެކުވެރިޔާ ލައިގެން ހުރި ޓީޝާޓްގެ ކަރު ވަޅުގައެވެ. އެވަގުތު ތަނުގައި ހަރުލާފައިވި މަޖާގަނޑަށް ހުއްޓުމެއް އައިސް ސީރިޔަސްކަން ވަށައިލިއެވެ. މާހިލްގެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ.
"މޮޔަވީތަ...؟؟" މާހިލްގެ އެކުވެރިޔަކު އަޑުހަރުކޮށް ބުނެލިއެވެ. ބާކީ ތިބި އެކުވެރިން މާހިލް ގެ އަތް ނެއްޓުވީ ގަދަކަމުންނެވެ. އޭނާ ދުރަށް ޖެހުނުއިރު ހުރީ ކަންތައް ކުރެވުނު ގޮތް ގަބޫލުނުކުރެވިފައެވެ. އޭނާ މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ސަރަހައްދު ދޫކޮށް ދިޔައެވެ. އޭނާ ވިސްނަމުން ދިޔައެވެ. ދުވަހަކުވެސް އަންހެން ކުއްޖަކާމެދު ރަނގަޅު ގޮތަކަށް ވިސްނިފައެއް ނެތެވެ. އަންހެން ކުދިން އޭނާއަށް ފެނިފައިވަނީ ކުޅޭ ބުދެއް ފަދައިންނެވެ. މިއަދު ނައިޝީއާއި މެދު ތަފާތު ގޮތަކަށް ވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. އޭނާ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގާލިއެވެ. އޭނާއަށް އަންނަމުންދާ ބަދަލު ގަބޫލުކުރަން ބޭނުންނުވާ ކަހަލައެވެ.
ހަވީރު ފިނިޖެހިފައިވި ވަގުތެވެ. މަގުމަތީގައި ދެ ޖީންސުގެ ޒުވާނުން ހަރަކާތްތެރި ވަމުން ދިޔައެވެ. ހުދުކުލައިގެ ކުރުތާއަކާއި އައިސް ބްލޫ ކުލައިގެ ޖީންސެއް ލައިގެން އިނާޝާ ގެއިން ނިކުތީ ކައިރީގައި ހުރި ބުކްޝޮޕަށް ދިޔުމަށްޓަކައެވެ. ވިޔަފާރި ދަތުރެއްގައި މޯހަންދާސް ވީ ރަށުން ބޭރުގަ އެވެ. އޭނާ ގޭޓުން ނިކުތްއިރު ގަރާޖުގައި އޮތް ކާރު ކައިރީ މަސައްކަތުގައި ނާހިދު ހުއްޓެވެ. ޖޯލީގައި ވާހަކަފޮތެއް ހިފައިގެން ނައިޝީ އޮތެވެ. އިނާޝާ ބޭރަށް ނިކުތް މަންޒަރު ނާހިދަށް ފެނުނެވެ. އޭނާ އިނާޝާ ހުއްޓުވަން މަސައްކަތް ނުކުރީ އެކަހަލަ ކުދިކުދި ބަދަލު އިނާޝާއަށް އަންނަމުން ދާތީއެވެ.
އިނާޝާގެ ފަސްފަހަތުން އޭނާއަށް ފާރަލައިގެން ހުރި ބުރުހާނުއްދީން ހިނގައިގަތެވެ. އެ މަގުގައި ހުރި ބުކްޝޮޕަށް އިނާޝާ ވަނުމުން ބޭރުގައި ބުރުހާނުއްދީން މަޑުކޮށްލިއެވެ. ގަތް އެއްޗިއްސާއެކު އިނާޝާ ފިހާރައިން ނިކުތުމާއެކު ބުރުހާނުއްދީން ފަހަތުން އައިސް އިނާޝާއާއި އަރާ ހަމަކުރިއެވެ. އިނާޝާ ބަލައިލިއެވެ. ފަހަތުގައި ހުރި ބުރުހާނުއްދީން ފެނުމުން ކުރިން އިނާޝާއަށް ލިބޭ ސިހުމެއް ނުލިބުނެވެ. އެހެނީ މިހާރު ބުރުހާނުއްދީންގެ ފަރާތުން އޭނާއަށް ލިބެމުންދާ އުނދަގޫތައް ވަނީ އޭނާ ލާ ނޭވައަށް ވުރެ ވެސް ގިނަވެފައެވެ.
"މިއަދު ހާދަ ރީއްޗޭ... ވަރަށް މީރުވަސް ވެސް އެބަދުވާ..." ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އިނާޝާ ޖަވާބެއް ނުދިނެވެ.
"އަހަރެންވެސް ވަރަށް މީރުވަސް ދުވާ ސެންޓުފުޅިއެއް ގަނެދީފާނަން. ހިނގާ ލެކިޔުޓަށްދާން" އަނެއްކާވެސް ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އިނާޝާ ބަހެއް ނުކިޔުމުން ބުރުހާނުއްދީން ރަކިވާ ގޮތް ވީއެވެ. އިނާޝާ އަޅާލި ކަޅި ފެނުމުން އޭނާއަށް ބަދަލެއްވެސް ނައެވެ. ބަދަލުގައި އޭނާގެ ތުންފަތް މަތީގައި ކުޅެލީ ރިތި ހިނިތުންވުމެކެވެ.
ގެއާއި ހަމައަށް އާދެވުމުން އިނާޝާ ގޭޓު ހުޅުވަންދެން މަޑުކޮށްލިއެވެ. ބުރުހާނުއްދީން އިނާޝާގެ އަތުގައި ހިފެހެއްޓީ އެހިސާބުންނެވެ. ބުރުހާނުއްދީނަށް އިނާޝާ ބަލައިލީ އަލިފާން ބެލުމަކުންނެވެ. އެ ބެލުމުން ބުރުހާނުއްދީނަށް އުނދަގޫވިޔަސް އަތުން ދޫކޮށްލާ ހިޔާލެއް ނުކުރިއެވެ.
"މިތާ ކުޑަ އިރުކޮޅަކު ވާހަކަދައްކާލަން މަޑުކޮށްލަންވީނު" ބުރުހާނުއްދީން ބުނެލިއެވެ.
ނަމަވެސް އިނާޝާ އަތް ނައްޓުވަން ގަދަހަދަމުން ދިޔައެވެ. މަގުމަތިން ދިޔަ ބައެއް މީހުންގެ ތެރެއިން އެއްބަޔަކު އައިސް ބުރުހާނުއްދީނަށް އިނާޝާގެ އަތުން ދޫކޮށްލުމަށް އަންގަމުން ދިޔައެވެ. ބައެއް މީހުން ފޯނު ދިއްކުރަން ފެށުމުން އިނާޝާ މޫނުގައި ވޮލެޓް ހުރަސްކޮށްލިއެވެ. ޕޯސްޓުގައި އިން ގާޑު ނިކުމެ ގޭޓުން އެތެރެއަށް ވަނުމަށްފަހު ކާރު ކައިރީގައި ހުރި ނާހިދަށް ގޮވާލައިފައި އެ ވާހަކަ ބުނެލިއެވެ. ގޭޓާއި ދިމާލަށް ދުއްވައިގަތީ ނައިޝީއާއި ނާހިދު އެކުއެކީގައެވެ. ބުރުހާނުއްދީންގެ މޭގައި އަތް އަޅާފައި ފަހަތަށް ކޮށްޕާލީ ބޭރަށް ނިކުތް ނާހިދެވެ. އިނާޝާ ދެ ކޮނޑުގައި ހިފައި ގެނެސް ހަވާލުކުރީ ނައިޝީއާއެވެ. އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާން ރުޅީގެ ސަބަބުން އިނާޝާގެ ދެލޮލުން ހުރީ ކަރުނަ ފާއްދާލާފައެވެ.
"އަހަރެން ބުނީ މިތަނުގައި ވާހަދައްކާލަން މަޑުކޮށްލަދޭށޭ..." ހަމަޖެހިލާފައި ދެ ޖީބަށް އަތް ޖަހާލަމުން ބުރުހާނުއްދީން ބުނެލިއެވެ. ނާހިދު ބުރުހާނުއްދީނުގެ މޫނަށް ބަލައިލިއެވެ. އެ މޫނު އޭނާއަށް ފެނުނު ހަނދާނެއް ވިއެވެ. ނަމަވެސް އެވަގުތު އެކަން ހަނދާންކުރަން އޭނާ ބޭނުމެއްނުވިއެވެ.
"ލަދެއްވެސް ނުގަނޭތަ...؟ ތިކުރީ ވަރަށް ދަށު ދަރަޖައިގެ ކަމެއް..." ނާހިދު ވާހަކަދެއްކިއެވެ. ނައިޝީގެ އަތު ތެރޭގައި ހުރި އިނާޝާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އޭނާގެ ދަރިފުޅާއި އެ ދަރިފުޅުގެ ހަގީގީ ބައްޕަ ސައްބީސް އަހަރު ފަހުން އެއްތަނެއްގައި ތިބިތަން ފެނުމުން އިނާޝާގެ ހިތުގައި އާދަޔާ ހިލާފަށް ބިރެއް ހިފައިލިއެވެ.
"އަހަރެންގެ މަންމަގެ ހަށިގަނޑުގަ އިނގިލި ކުރި ޖައްސާލިޔަސް ހަނދާންކުރައްޗޭ. މައްސަލަ ނިންމާނީ ފުލުސް އޮފީހުން" ނާހިދު ބުރުހާނުއްދީނަށް އިންޒާރު ދިނެވެ. ކުރިމަތީގައި ހުރީ އޭނާގެ ދަރިފުޅުކަން އެނގުނު ހިނދު ބުރުހާނުއްދީނުގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނާހިދުގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލައިލިއެވެ. ޖާނުން ވަރުގަދަ ފިރިހެން ދަރިފުޅު ފެނުމުން ބުރުހާނުއްދީނުގެ ހިތުގައި ކުލުނުވެރިކަމެއް އުފެދުނެވެ.
"ތިއީ....ތިއީ އަހަރެންގެ ދަ......" ބުރުހާނުއްދީން ޖުމުލަ ފުރިހަމަ ކުރުމުގެ ކުރިން ކުއްލިއަކަށް އިނާޝާ ނައިޝީގެ އަތު ތެރެއިން ލޫދިގެން އައިސް ހިފީ ނާހިދުގެ އަތުގައެވެ. އަދި ގޭޓުން އެތެރެއަށް ވަނުމަށްފަހު ގާޑަށް ލޮކް ކުރަން އެންގިއެވެ.
އާދައިގެ މަތިން މަސައްކަތަށް ހައްވަ ދިޔުމާއެކު އަޒްކާ މިސްރާބު ޖެހީ ކާނި ގަސްތަކާ ދިމާލަށެވެ. ފޯނާއި ހެޑްސެޓް ގުޅާލައިގެން އޭނާ މަޑު ހިނގުމެއްގައި އަތިރިއާއި ވީ ފަރާތަށް ނިކުތް އިރު މަޑުމަޑު ވައިރޯޅިތަކުން ހަށިގަނޑަށް އަރާމު ނާނާއެއް ކިޔައިދެމުން ދިޔައެވެ. ޖޯލީގައި ފިރިހެނަކު އޮއްވާ އޭނާއަށް ފެނުނީ ވަކި ހިސާބަކަށް ހިނގި ފަހުންނެވެ. އެއީ ނިރާޝްކަން އޭނާއަށް އެނގުނީ ނިރާޝް ލައިގެން އޮތް މުށި ކުލައިގެ ޓީޝާޓުންނެވެ. ނިރާޝް ފަހަތް ބަލައިލީ ފަހަތުގައި އަޒްކާ ހުރި ކަން އެނގިގެނެއްނޫނެވެ. އެއީ އަޒްކާ އެތަނަށް އަންނަ ގަޑި ކަން އެނގުމުން އާދޭތޯ ބަލައިލުމަށެވެ. ނިރާޝާއި ހަތަރުކަޅި ބައްދަލުވުމާއެކު އަޒްކާ ހީލިއެވެ. ނިރާޝް ހީކުރި ގޮތާ ޚިލާފަށް އަޒްކާ އެތަން ދޫކޮށް ދާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި އޭނާ ޖޯލިފަތީގައި އިށީނދެ ކަންފަތަށް ޖަހާފައި ހުރި ހެޑްސެޓް ނެގިއެވެ.
"މިއަދު ޑިޔުޓީ ނެތީތަ...؟" އަޒްކާ އަހައިލިއެވެ.
"ނޫން. މިވަގުތު ޕޭޝަންޓެއް ނެތީ. އިމަޖެންސީއެއް އައިއްޔާ ހޮސްޕިޓަލުން ގުޅާނެ...... އަޒް ކިހިނެއްތަ...؟؟" ނިރާޝް އަހައިލިއެވެ.
"ފައިން.... ވަރަށް ފިނި ވައި ޖެހޭދޯ އެބަ" އަޒްކާ ވާހަކަދެއްކިއެވެ. ނިރާޝް ހައިރާންކަމާއެކުު އަޒްކާގެ މޫނަށް ބަލަމުން ދިޔައެވެ. އެހެނީ މީގެ ކުރިން ހުރިހާ ވާހަކައެއް ދައްކަން ޖެހެނީ އޭނާއެވެ. މިއަދު އަޒްކާ ކުރިން ވާހަކަދައްކަމުން ދާތީ ނިރާޝަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބެމުން ދިޔައެވެ.
"ކީއްވެ ތިވަރަށް ތިބަލަނީ...؟؟" ނިރާޝް ބަހެއް ނުބުނެ ބަލަން އިނުމުން އަޒްކާ އަހައިލިއެވެ.
"ކަމެއްނުވޭ. ހިތަށް އަރަނީ މިއަދު މިތާ މީނީ އަހަރެންނަށް ކުރިން ފެނުނު އަޒްކާބާއޭ" ނިރާޝް ބުނެލިއެވެ.
"ހަމަ އެ އަޒްކާ މިއީ. ނިރާޝްއަށް ޔަގީނެއްނޫންތަ...؟" ކުޑަ ހީލުމަކާއެކު އަޒްކާ ބުނެލިއެވެ. ނިރާޝް ވެސް ހީލަމުން ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއެވެ. ދެން ވޭތުވެގެން ދިޔަ ވަގުތުކޮޅުގައި އެއްވެސް މީހަކު ބަހެއް ނުކިޔައެވެ. ނިރާޝްގެ ހިތުގައި އެތައް ސުވާލުތަކެއް ހުއްޓަސް ދުލާއި ހަމައަށް ގެންނާނެ ގޮތެއް ނޭނގުނެވެ.
"އަހަރެން...އަހަރެން ހީކުރީ އަޒް އަދި އަލަށް ވެސް މެރީ ނުކުރާ ކަމަށް..." ނިރާޝް ބުނެލިއެވެ. އަޒްކާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނާ ލަސްލަހުން ނިރާޝްގެ މޫނަށް ބަލައިލިއެވެ.
"ޔުއަރ ގެސް އިޒް ރައިޓް..." އަޒްކާ ބުނެލިއެވެ.
"އެކަމަކު އެދުވަހު ނަތާ ބޭބީއެއްގެ ވާހަކަދައްކާތީ... ހިތަށް އެރީ..." ނިރާޝް ވާހަކަދެއްކިއެވެ.
"ނަތާ އެދެއްކީ އަހަރެންގެ ދަރިފުޅުގެ ވާހަކަ. އަހަރެންގެ އައިޒާ.... އަހަރެންގެ ދިރިއުޅުމަށް މިފަދަ ހިމޭންކަމެއް އައީ އެދަރިފުޅުގެ މަރަށްފަހު. ނިރާޝްއަށް އެނގޭތަ! އަހަރެންގެ ދަރިފުޅު މަރުވީ ދުނިޔޭގެ އަލިކަން ލޮލަށް ނުފެނި..." އިސާހިތަކު އަޒްކާގެ ދެލޯ ފެންކަޅިވިއެވެ.
"މީންސް...."
"އާނ... އަހަރެން ބަލިވެއިނީ ކައިވެނިން ބޭރުން. އެއީ އަހަރެންނަށް ހެދުނު ބޮޑު މިސްޓޭކެއް.." އަޒްކާ ވާހަކަދެއްކިއެވެ. އަޒްކާގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު ނިރާޝް އިންތަނުން މަޑުމަޑުން ތެދުވެގެން ހިނގައިގަތެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ދުރަށް އަޅަމުން ދިޔަ ނިރާޝްއަށް ބަލަހައްޓައިގެން އަޒްކާ އިނެވެ.
"ނިރާޝް....!! އަހަރެންގެ ހަގީގަތް އެނގުމަށްފަހު ނިރާޝަށް ތިކަހަލަ ބަދަލެއް އަންނާނެކަން މާކުރިންވެސް އަހަރެންނަށް އެނގޭ. އެއްވެސް މީހަކު އަހަރެން ދެކެ ލޯތްބެއްނުވާނެ. ނިރާޝް ވެސް އެންމެ ރަނގަޅުވާނީ ތި އެންމެންނާ ގުޅޭ ކުއްޖަކު ހޯދިއްޔާ. މިއީ އަހަރެންގެ ނަސީބުގަ ހުރިގޮތް... މިކަމާ އަހަރެން ޝަކުވާއެއް ނުކުރާނަން... އަހަރެން އަހަރެންގެ ގޮތުގައި ގަބޫލުކުރާނެ މީހަކު ކޮންމެވެސް ދުވަހަކުން އަހަރެންނަށް ލިބޭނެ. އަހަރެން ހެއްދެވި ފަރާތަށް އިތުބާރުކުރަން....." މަގު ހުރިގޮތަށް ހިނގާފައި ދިޔަ ނިރާޝްއަށް ބަލަން އިން އަޒްކާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ. އަތޮޅާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓުން ޖާގަ ލިބުނުކަން ހަމީދު އިއުލާން ކުރިއެވެ. ހައްވައާއި އަޒްކާ ދަތުރަށް ތައްޔާރުވާން ފެށިއެވެ. ހިތުގައި ނުތަނަވަސްކަމެއް ވިޔަސް މާލެ ދާން އަޒްކާ ހުރީ ނުހަނު ބޭނުންވެފައެވެ. އޭނާގެ ނިވިފައިވާ ބައްތީގެ ހުޅުކޮޅު އަލުން ދިއްލާލަން އޭނާ ހުރީ ނިހާޔަތަށް ބޭނުންވެފައެވެ. އޭނާގެ މުސްތަގުބަލު އަދި އޮތީ ކުރިއަށްކަން ވިސްނައިދިނީ ނަތާޝާއެވެ. ދިރިއުޅުމަކީ ހަމައެކަނި ފިލާވަޅެއް ނޫންކަމާއި އެއީ ރަޙުމަތެއްކަން ވެސް ނަތާޝާ ހަނދާންކޮށްދިނެވެ.
ތަރަފާލުގަނޑު މަތީގައި ބަހައްޓާފައި ހުރި ދަތުރުމަތީ ދަބަހަކަށް ހެދުން އަޅަން އިން އަޒްކާ ކައިރީގައި ހައްވަ އިށީނެވެ. އަދި ފަތްޖަހާފައިވާ ދެތިން ޓީޝާޓާއި މުންޑެއް ދަބަހަށް ލިއެވެ. އަޒްކާގެ ފައި ކައިރީގައި ވެއްޓިފައި އޮތް އަލްބަމެއް ހައްވަ ލޮލުގައި އަޅައިގަތީ ތެދުވާން އުޅެނިކޮށެވެ. އޭނާއަށް އެ އަލްބަމް ވަނީ ނަޝްވާގެ ގެއިން އަޒްކާގެ ހެދުންތައް ގެނައި ދުވަހު އަޒްކާގެ ފޮށީގެ ތެރެއިން ވެސް ފެނިފައެވެ.
"އެއީ ކާކުގެ އަލްބަމެއް...؟" ހައްވަ އަހައިލިއެވެ. އެވަގުތު އަޒްކާވެސް އަލްބަމާ ދިމާލަށް ބަލައިލަމުން ހިނިތުންވިއެވެ.
"އެއީ އަޅުގަނޑު ވަރަށް ކުރިން ފެށިގެން ގެންގުޅޭ އަލްބަމެއް" ހީލަމުން އަޒްކާ ބުނެލިއެވެ.
"އެހެންތަ...؟ ދައްކަބަލަ ހައްވައްތަ ބަލައިލަން" އެ އަލްބަމް ބަލައިލާން އޭނާ ހިތްއެދުނީ ކިއްވެގެން ކަމެއް ނޭނގުނެވެ. އަލުން ތިރީގައި އިށީންނަމުން ހައްވަ ހިނިތުންވެލިއެވެ. އޭނާއަށް ނޭނގުނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ފިލައިގޮސް ކަރުނައިގެ ފުން ކަނޑަކަށް އޭނާ ޣަރަޤު ވެގެން ހިނގައިދާނެ ކަމެވެ. އޭނާގެ ހަޔާތުން ގެއްލިފައިވާ ބައެއް ދާދި އަވަހަށް އޭނާގެ ދިރިއުޅުމާއި ގުޅިލާމެހިގެން ދާނެ ކަމެވެ.
ޚިޔާލެއް ފިކުރެއްނެތި އަލްބަމް ނަގައި ޙައްވައަތަށް ދިނެވެ. އެ އަލްބަމުގައިވާ ފޮޓޯއެއްގެ ސަބަބުން އޭނާއަށް ބޮޑު ސިހުމެއް ލިބިދާނެކަން އޭނާއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ކަމަކަށްވެސް ރަނގަޅުު ވަގުތެއް ވާނޭ ބުނާ ފަދައިން އެވަގުތުކޮޅަކީ އުފާވެރި ދުވަސްތަކެއްގެ ފެށުން މިންވަރު ކުރައްވާ ވަގުތުކޮޅު ކަމެއް އޭނާއަކަށް ނޭނގެއެވެ. އިނާސާނާގެ ދިރިއުޅުން އެމީހަކު ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ބަދަލުކުރައްވާ އިލާހު އޭނާގެ އެކަނިވެރިކަން އިމްތިހާން ކުރެއްވުމަށްފަހު އުފާވެރި ފަތިހެއްގެ އަލިން އޭނާގެ ހަޔާތް ދިއްލާލަން ތައްޔާރު ވެއްޖެއެވެ.
ހައްވަ އަލްބަމް ހުޅުވާލިއެވެ. ފެންނަމުން ދިޔައީ އަޒްކާގެ ފޮޓޯތަކެކެވެ. ސްކޫލު ޔުނީފޯމުގައި ހުރިއިރުގެ ފޮޓޯތަކަކާއި ކުޑަކުދިންގެ ހިޔާ ތެރޭގައި އުޅުނު ފޮޓޯތަކެވެ. އެތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނާއި އެއްކޮށް ނަގާފައިވާ ފޮޓޯތަކާއި ސްކޫލުގެ ބައެއް ޓީޗަރުންނާއި އެކުގައި ނަގާފައިވާ ފޮޓޯއެކެވެ. ކޮންމެ ފޮޓޯއަކާއެކު ހައްވަގެ ތުންފަތް މަތިން ހިނިތުންވުން ފާޅުވަމުން ދިޔައެވެ.
އަލްބަމުގެ އެންމެފަހު ގަނޑަށް އެއްލުމަށްފަހު އޭގައިވާ ފޮޓޯ ހައްވަ ބަލައިލިއެވެ. އިރުކޮޅަކުން ފެނުނީ އުނގުމަތީގައިވާ އަލްބަމް ނަގައި އޭނާގެ ލޮލާއި ތަންކޮޅެއް ކައިރިކޮށްލި ތަނެވެ. އެވަރުންވެސް އޭނާއަކަށް ނުފުދުނެވެ. އިންތަނުން ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ނަންބަރު އައިނު ހިފައިގެން އައިސް އަލުން އިށީނެވެ. އެއަށްފަހު ލޮލާއި ކައިރިކޮށްލަމުން ފޮޓޯއަށް ބަލައިލިއެވެ.
"އަރު...އަރުޝީ....." ހައްވަގެ ދެ ތުންފަތް ދޭތެރެއިން ނިކުތެވެ.
"އަރުޝީ....؟؟؟ .... ކޮން އަރުޝީއެއް....؟ އެއީ އަޅުގަނޑު. އަޅުގަނޑަށް ހީވަނީ ދެން މިތިބީ ފެމެލީ މީހުން ކަންނޭނގެ. އަޅުގަނޑު ފެމެލީ އެއްވެސް މީހަކު ނުދެކެން. އަނެއް ގަނޑު އެއްލަބަ. އަޅުގަނޑު އެކަނި އިންނާނެ..." ހައްވަ އިނީ ފޮޓޯއަށް ބަލަން ގެއްލިފައެވެ. ކަރުނުން ބަރާވެފައިވާ ހައްވަގެ ދެލޯ އަޒްކާއަކަށް ނުފެނެއެވެ. ހައްވަ އެއްވެސް އިޝާރާތެއް ނުކުރުމުން އަނެއް ގަނޑު އެއްލީ އަޒްކާއެވެ.
"ޙައްވައްތާ...!" ހައްވަ ބަހެއް ނުކިޔާ އިނުމުން އަޒްކާ ގޮވައިލިއެވެ. އަދި ހައްވަގެ ކޮނޑުގައި ހިފައިލިއެވެ. އަތުގައި އޮތް އަލްބަމް ތިރިއަށް ދޫވުމާއެކު ހައްވައަށް ރޮވިއްޖެއެވެ. އޭނާއަށް އަޒްކާގެ މޫނަށް ބަލައެއްނުލެވުނެވެ. ވީގޮތެއް ނޭނގި ހައްވައަށް ބަދަލުތަކެއް އައިސްފިކަން އެނގުމުން އަޒްކާގެ ހިތުގައި ޖެހި ރޮވޭގޮތް ވިއެވެ. އޭނާ ހައްވަގެ ކުރިމަތީގައި އިށީނުމަށްފަހު ދެއަތުން ހައްވަގެ މޫނުގެ ދެފަރާތުގައި ހިފައި އުފުލާލިއެވެ.
"ޙައްވައްތާ ކިހިނެއްވީ...؟ އަޅުގަނޑަށް ކަމެއް ކުރެވުނީތަ...؟" އަޒްކާ އަހައިލިއެވެ. ބަހެއް ބުނާނެ ހިތްވަރެއް ޙައްވައަކަށް ނުލިބުނެވެ. އޭނާއަށް ގިސްލެވެން ފެށިއެވެ. އުމުރުން ދުވަސްވެފައިވާ އެހަށިގަނޑު ހީވަނީ ރޫޅިދާނެހެންނެވެ. އެންމެ ޒުވާން ދުވަސްވަރުން ފެށިގެން އޭނާ އިންތިޒާރުކުރީ އުމުރުގައި ލިބުނު ހަމައެކަނި މާމަ ދަރިފުޅާއި ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ. ކުރެވޭ ކޮންމެ ނަމާދެއްގެ ފަހަތުގައި ހުއްޓުމެއްނެތި ކުރެވުނު ދުޢާ މިއަދު އެވަނީ އިޖާބަ ކުރައްވާފައެވެ. އުމުރުން ދުވަސްވުމާއި ހަމައަށް އޭނާ އެންމެފަހަރަކުވެސް އެކަލާނގެ ޙަޟްރަތުން އުންމީދު ކަނޑާލާފައެއް ނެތެވެ. އެހެނީ ޔަޢުޤޫބް އަލައިހިއްސަލާމް ވެސް ވަނީ އެންމެ ލޯބިވާ ދަރިފުޅުގެ ވަކިވެދިޔުން ބަރުދާސްތު ކޮށްފައެވެ. އެދަރިކަލުން އަނބުރާ ލިބުމަށް އެދި އެތައް ދުޢާއެއް ކޮށްފައެވެ. ޔޫސުފް އަލައިހިއް ސަލާމް ދުނިޔޭގައި ހުރި ކަމެއްވެސް އަދި ނެތްކަމެއްވެސް ނޭނގޭ ހާލު އެ ދަރިކަލުން އަނބުރާ ލިބުމަށް ދާންދެން ހިތްވަރު އެލުވާލުމެއްނެތި އެއްކައުވަންތަ މާތްﷲ އަށް ދުޢާ ދެންވެމުގައި ނަމޫނާ ދައްކަވާފައެވެ.
ޙަމީދަށް ދޮރު މައްޗަށް އެރުނީ އެގޮތުގައި ޙައްވަ ރޮމުން ދަނިކޮށެވެ. ރޮވިފައި އިން އަޒްކާ ފެނުމުން އޭނާއަށް ލިބުނީ ހާސްކަމެވެ. އޭނާ ވަދެގެން އައި ގޮތަށް ޙައްވަ ކައިރީގައި ކުރުކަކޫ ޖަހައިގެން އިށީނެވެ.
"މަންމާ...! ކިހިނެއްވީ..؟ ކީއްވެގެން ތިރޮނީ...؟" ޙަމީދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާއަށް އެގޮތަށް ޙައްވަ ރޮނިކޮށް އަދި ފެނިފައެއް ނެތެވެ.
"ނޭނގޭ ވީގޮތެއް. އަލްބަމް ބަލާފައި ރުއީ..." ކުރެހިފައި ހުރި އަޑަކުން އަޒްކާ ވާހަކަދެއްކިއެވެ. އޭނާ އިނީ ވީގޮތް ނޭނގި ކަންބޮޑުވެފައެވެ.
"ކޮން އަލްބަމެއް...؟' ޙަމީދު އަޒްކާގެ މޫނަށް ބަލައިލިއެވެ. އަދި ތިރީގައި އޮތް އަލްބަމް ނަގާ ޙަމީދަށް ދިއްކޮށްލިއެވެ.
"ހައްވައްތަ ބުނީ އަރުޝީއެކޭ..." އިތުރަށް އަޒްކާ ބުނެލިއެވެ. ހިތް އަވަސްވެފައިވި ވަރުން ޙަމީދަށް އެއްލުނީ އަލްބަމްގެ އަނެއް ފަރާތުންނެވެ. އެހެންކަމުން ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އަޒްކާ އެކަނިން އިން ފޮޓޯއެވެ. އަޒްކާގެ އުމުރުން ހަތަރު އަހަރުގައި ނަގާފައިވާ އެ ފޮޓޯ ފެނުމާއެކު ޙަމީދަށް ވީގޮތެއް ބުނެދޭންވެސް ނޭނގުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ ކުރިމަތީގައި އިން އަޒްކާއަށް ބަލައިލިއެވެ.
"މި ފޮޓޯ ކިހިނެއް ދަރިފުޅަށް ލިބުނީ...؟" ޚައިރާންކަމާއެކު ޙަމީދު އަހައިލިއެވެ.
"އަބަދުވެސް އަޅުގަނޑު ތި ފޮޓޯ ގެންގުޅެން. އަޅުގަނޑަށް ނޭނގެ ކިހިނެއް ލިބުނު ފޮޓޮއެއްކަމެއް. ތިއީ އަޅުގަނޑު ކުޑައިރުގެ ފޮޓޯއެއް... ކޮބާތަ މައްސަލައަކީ ޙަމީދުބޭ...؟؟" އަޒްކާގެ އަޑު ބެދުނެވެ.
މިއީ... އަހަރެންގެ ދަރިފުޅު އަރުޝީ...." ޙަމީދު ބުނެލިއެވެ. ވަގުތުން އަޒްކާއަށް ރުއިން ހުއްޓާލެވުނެވެ. އޭނާއަށް ހައިރާންކަމާއެކު ޙަމީދުގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ޙަމީދުގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެވަގުތު އޭނާގެ ހިތަށް ވަމުން ދިޔަ ގޮތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އޭނާއަށް މޫނުމަތީގައި ދެއަތް އެޅުނެވެ. މިހުރިހާ ދުވަހު ގާތުގައި އުޅުނީ ދަރިފުޅުކަން އެނގި އޭނާގެ ހިތް އިތުރަށް ރޮއްވާލިއެވެ.
ކުއްލިއަކަށް އަޒްކާ ސިހިގެން ދިޔައީ ޙަމީދު އަޒްކާ ގެނެސް އޭނާގެ ހަށިގަނޑާއި ލާ ފިއްތާލުމުންނެވެ. އެހިނދު އޭނާގެ އަޑު ފަޅައިގެން ގޮސް ކޮޓަރި ތެރޭގައި ޙަމީދުގެ ވޭނީ ގިސްލުމުގެ އަޑު ގުގުމައިގަތެވެ. އިސާހިތަކު އަޒްކާއަށް ތުންފިއްތާލެވުނެވެ. ފަހަތުން ޙައްވަގެ މޫނު އަޒްކާގެ ބުރަކަށީގައި ޖެހުނު ކަހަލަ އިހުސާސެއް ކުރެވުމާއެކު ބަލައިލިއެވެ. ޙައްވަ ރޮމުން ދިޔަ މަންޒަރު ނުބަލަންވެގެން އަޒްކާ ދެލޯ މަރާލިއެވެ.
"ތިއީ އަޒްކާއެއް ނޫން. ދަރިފުޅުގެ ނަމަކީ އަރުޝީ. މަރިޔަމް އަރުޝީ ޙަމީދު" ޙައްވަ ވާހަކަދެއްކިއެވެ. ގިނަ އިރު ރުއިމުގެ ސަބަބުން އޭނާގެ އަޑު ވަނީ ކުރެހިފައެވެ.
ޝަދީނާއި ބައްދަލުކުރުމަށް ނަތާޝާ ރެސްޓޯރަންޓަށް ދިޔައީ ވަޒީފާ ނިމުނު ގަޑީގައެވެ. ރާއިދު ބޭރުގައި ބައިންދާފައި އޭނާ ރެސްޓޯރަންޓަަށް ވަދެގެން ދިޔައެވެ. އަވަސް އަރުވާލާފައި ކުރިމަތީގައި ހުރި ސިޑިބަރިން އަރައިގެން އޭނާ މައްޗަށް ދިޔައެވެ. ކަނާތްފަރާތުގައި ކަޅު ބިއްލޫރި ޖަހާފައިވާ ދޮރު ކައިރީގައި ހުއްޓުމަށްފަހު މަޅިގަނޑު އަޅުވާފައިވާ އޭނާގެ ފައިވާން ނައްޓުވާލިއެވެ. އެއަށްފަހު އެތެރެއަށް ވަނެވެ. ކޮމްޕިޔުޓަރ ކައިރީގައި އިން ޝަދީން ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ދޮންތަބެ ބިޒީ ތަ...؟" ޝަދީން މަސައްކަތެއްގައި އިންހެން ހީވުމުން ނަތާޝާ އަހައިލިއެވެ.
"ސްޓާފުންގެ ސެލެރީ ސްލިޕް ރެޑީކޮށްލަނީ. އެކަމަކު ނަތާއަށްޓަކައި މިވަގުތަށް މެދުކަނޑާލީ މި" ޝަދީން ބުނެލިއެވެ. ނަތާޝާ ހީލިއެވެ. އޭނާ ނަތާޝާ ގޮވައިގެން ގޮސް ޖައްސާލީ މަގުމަތި ފެންގޮތަށް ނިކުމެވެން ހުންނަ ބެލްކަނީގައި ހުރި ސޯފާގޮނޑީގައެވެ.
"ދޮންތަބެއަށް އެނގޭ އޮފީހަށް ދޮންތަބެއާއި ބައްދަލުކުރަން ނަތާ އަންނާނީ ވަރަށް މުހިންމު ކަމެއްވީމަކަން" ޝަދީން ބުނެލިއެވެ.
"އާނ ދޮންތަބޭ. ވަރަށް ބޮޑު ކަމަކު ކިޔަން ނަތާ މިއުޅެނީ. އަސްލު ދޮންތަ ކައިރީގައި ބުނަން އުޅުނީ. އެކަމަކު ނަތާ ބޭނުމެއްނޫން މިފަހަރު ދޮންތައަށްވެސް މިކަން އަންގާކަށް" ނަތާޝާ ވާހަކަދެއްކިއެވެ.
"ސީކްރެޓެއް ދޯ.." ހީލަމުން ޝަދީން ބުނެލިއެވެ.
"ދޮންތަބޭމެން ގޭގައި އެޕާޓްމަންޓެއް ހުސްކޮށް ހުރި ވާހަކަ ކުރިން ދުވަހަކު ދޮންތަ ބުނި" ނަތާޝާ ބުނެލިއެވެ.
"އާނ.. އެއީ ނިރޫގެ ބައި. ނިރޫ އަންނަންވެސް ދެން މާގިނަ ދުވަހެއް ނެތެއްނު" ޝަދީން ބުނެލިއެވެ.
"ނިރާޝް ބުނި އޭނަ އެކޮޅުގައި އަދި ދެތިން މަސްވާނޭ. ދޮންތަބޭ ޕްލީޒް ނަތާގެ ފްރެންޑެއް އެތަނުގައި ބަހައްޓައިދީފާނަންތަ..؟" ނަތާޝާ ވާހަކަދެއްކިއެވެ. ޝަދީންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
"ނަތާގެ ފްރެންޑެކޭ.... އަޒްކާތަ...؟؟" ޝަދީން އަހައިލިއެވެ. ނަތާޝާ ޝަދީންއަށް ބަލައިލަމުން ބޯޖަހައިލިއެވެ.
"ޕްލީޒް ދޮންތަބޭ.. މިވާހަކަ އެއްވެސް މީހެއް ކައިރީގައި ނުބުނައްޗޭ.. ނަތާއަށް އަޒްކީ ފެނުނީ މެޑިކަލް ކޭމްޕު ދިޔަ ރަށުން. އޭނަ އުޅެނީ ވަރަށް ހާލުގަ. އަޒްކީގެ ބޭބީވެސް މަރުވީ. އޭނަ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އެއްބަސްވީ ނަތާ ވަރަށް އާދޭސްކުރީމަ. އެކަމަކު ހުންނާނެ ތަނެއް ނެތީމަ....." ނަތާޝާ އޮޅުންފިލުވައިދިނެވެ.
"ނަތާއަށްޓަކައި ދޮންތަބެ އުފާކުރަން. އަދި ނަތާ ބުނެފިއްޔާ ދޮންތަބެ ކޮންމެ ކަމެއްވެސް ކޮށްފާނަން" ޝަދީން ބުނެލިއެވެ.
"އޯވް... ތެންކިޔު ސޯ މަޗް ދޮންތަބޭ... އައި ލަވް ޔޫ..." ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ނަތާޝާއަށް ޝަދީންގެ ހަށިގަނޑުގައި ކުޑަކޮށް ބައްދައިލެވުނެވެ.
"އެނީޓައިމް.... ދެން ކޮންއިރަކުން އަޒްކާ އަންނަނީ" ޝަދީން އަހައިލިއެވެ.
"މާދަމާ ކޮންމެވެސް ގަޑިއެއްގައި. ޕްލީޒް ދޮންތަބޭ މިއީ ވަރަށް ބޮޑު ސީކްރެޓެއް އިނގޭ...." ނަތާޝާ ބުނެލިއެވެ.
"ޕްރޮމިސް... ނުބުނާނަން އެއްވެސް މީހެއް ކައިރީގައި ތިރީގައި ރަތް ޓީޝާޓުގައި އިން ބޯއީ އެއީ ނަތާގެ ބެޓަރހާފްއެކޭވެސް" ޝަދީން ވާހަކަދެއްކިއެވެ.
ނަތާޝާ އަވަސް އަވަހަށް ތިރި ބަލައިލިއެވެ. ރާއިދު އިނީ އެދެމީހުންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ޝަދީންއަށް ބަލައިލާކަށް ނުކެރުނެވެ. އިނގިލީގައި ދަތް އަޅާލެވުނީ އޭނާ އެހާ ސިއްރުން ކުރަމުން އައި ކަންތައް ފަޅާއެރިކަން އެނގުމުން ލަދުގަތް ވަރުންނެވެ.
އެނދުމަތީގައި ޙައްވަގެ އުނގުގައި ބޯ އަޅާލައިގެން އޮތް އަޒްކާގެ ދެލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. އުފާވެރިކަމުގެ އެ ކަރުނަތަކާއެކު އެތައް ފަހަރަކު އޭނާއަށް ހެއްދެވި ފަރާތަށް ޝުކުރު ކުރެވިއްޖެއެވެ. ކުރިމަތީގައި ގޮނޑިއެއްގައި އިން ޙަމީދު އިނީ އޭނާގެ ދަރިފުޅުގެ އަނގައިން އޭނާއަށް 'ބައްޕާ' އޭ ކިޔާ ގޮވާލާނެ އިރެއްގެ އިންތިޒާރުގައެވެ.
"މާމާ...! އަޅުގަނޑުގެ މާމަ.... ހެއްދެވި ފަރާތުގެ ރޭވުންތެރިކަން ނިކަން ދެކިބަލަ" އަޒްކާ ބުނެލިއެވެ. ޙައްވަ އަޒްކާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު އޭނާގެ ދެލޮލުގައި ވެސް ވީ ކަރުނައެވެ.
"ބައްޕާ..." އިސްޖެހިފައި އިން ޙަމީދު އިސްއުފުލާލީ އޭނާގެ ކަންފަތަށް އިވުނު އަޑު ޤަބޫލުނުކުރެވިގެންނެވެ. އަޒްކާ އޭނާގެ ދެ އަތުގެ ތެރެއަށް ވަނީ އޭނާ ބަލަހައްޓައިގެން އިންދައެވެ. ޙަމީދު ކަރުނަތަކާއެކު ލޯބިވާ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ހިމާޔަތް ދިނެވެ.
"ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. ބައްޕައަކީ ރަނގަޅު މީހެއް ނޫން. އެއް ނަމާދު ކުރެވުނިއްޔާ އަނެއް ހަތަރު ނަމާދު ދަނީ ނުކުރެވި. ރަމަޟާން މަހު ރޯދަ ހިފިޔަސް ޤުރުޢާނެއް ނުކިޔެވޭ. އެކަލާނގެއަށް އަޅުކަން ކުރުމުގައި ބައްޕަ ނުކުޅެދިފައިވީ ހާލު ވެސް މި ބައްޕައަށް އެކަލާނގެ މިދެއްވީ ކޮންފަދަ ނިޢުމަތެއް. ބައްޕަގެ ހިތުގެ އެދުން ހާޞިލްކޮށް ދެއްވައިފި. ބައްޕަ ތަޢުބާވަން. ތަޢުބާވަން. ޔާ ﷲ މިއަޅާގެ ކުށް ފާފަ އަފޫކުރައްވާ މިއަޅާގެ އުމުރުގައި ބާކީ މިވާ ދުވަސްތައް މިދަރިފުޅާއެކު ހޭދަކުރުމުގެ ހެޔޮ ތަޢުފީޤް މިންވަރު ކުރައްވާށި" އަޒްކާގެ އިސްތަށިގަނޑުގައި ބޮސްދެމުން ޙަމީދު ވާހަކަދެއްކިއެވެ.
އުފާވެރިކަމާއި މަޖަލުގައި ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އަޒްކާ ކޮޓަރިއަށް ވަނީ ފުރުމުގެ ކުރިން ފޮށްޓަށް ނޭޅި ހުރި ސާމާނުތައް ފޮށްޓަށް އެޅުމަށެވެ. އޭނާގެ އެ ކުޑަކުޑަ ދުނިޔެއަށް ދިރުން އައިސްފައިވި ކަހަލައެވެ. ކުރިން އޭނާގެ ހިތުގައި އުފެދިފައިވި އެކަނިވެރިކަމާއި ހިތާމަތަކަށް ނިމުމެއް އައިސްފައިވި ކަހަލައެވެ. ވިސްނުމާއި ފިކުރުގެ އައްސޭރިން ނިކުންނާނެ ދޮރު އެކަލާނގެ އޭނާއަށް ހުޅުއްވައި ދެއްވައިފިއެވެ. ދެން އޮތީ ހިތްވަރާއެކު ކުރިއަށް ދިޔުމެވެ.
"ދަރިފުޅާ ނިކުމެބަލަ ބޭރަށް. ޑރ.ނިރާޝް އެބަހުރި ބައްދަލުކޮށްލަން އައިސް" ކޮޓަރި ދޮރުމައްޗަށް އަރާފައި ޙައްވަ ބުނެލިއެވެ. އަޒްކާ ވިސްނާލިއެވެ. ނިރާޝް ހުރީ އޭނާ ދެކެ ފޫހިވެފައެވެ. އޭނާއަކީ ކޮންކަހަލަ މީހެއްކަން އެނގުނު ހިނދު ނިރާޝް ވަނީ އޭނާއަށް ފުރަގަސްދީފައެވެ. ވީއިރު މިހާރު ނިރާޝް އޭނާއާއި ބައްދަލުކުރަން ބޭނުންވި ސަބަބަކީ ކޮބާ ހެއްޔެވެ؟ ނިރާޝް އިތުރަށް އޮޅުންފިލުވަން އޮތީ ކޮންކަމެއް ހެއްޔެވެ؟ ހިތުގައި އެފަދަ އެތައް ސުވާލުތަކެއް އުފެދުނު ނަމަވެސް އޭނާ މަޑުމަޑުން ކޮޓަރިން ނިކުތެވެ. ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި ނިރާޝް އިންތަން ފެނުމުން އަރާ ހަމަކުރިއެވެ. ނިރާޝް ނުބުނަނީސް އޭނާ އެއް ޖޯލި ދޫކޮށް އިށީނެވެ.
"އަހަރެން އެވަގުތު އެތަނުން ދިޔައީ އެއްގޮތަކަށްވެސް އަޒް ދެކެ ފޫހިވެގެނެއްނޫން. އަހަރެން.... އަހަރެން ވަރަށް ބޮޑަށް ހާޓްވެގެން" ނިރާޝް ވާހަކަދެއްކިއެވެ.
"އަހަރެން އެހެން ބުނިންތަ..؟" އަޒްކާ ބުނެލިއެވެ.
"މާދަމާ އަޒް ފުރަން ދޯ. އަހަރެން މާލެދާނަން ވަރަށް އަވަހަށް. ދިމާވާނެ ދޯ މާލެ ދިޔައިމަ" ނިރާޝް ބުނެލިއެވެ.
"ޔެސް. އިންޝާﷲ... ނިރާޝް..... އަހަރެންނަށް އަހަރެންގެ ޙަޤީޤީ މާމައާއި ބައްޕަ ލިބިއްޖެ..............." އަޒްކާ ނިރާޝްއަށް އެކަން ހިނގާ ދިޔަ ގޮތް ކިޔައިދިނެވެ. ނިރާޝް އިނީ ޤަބޫލުނުކުރެވިފައެވެ.
"ހެޕީ ފޯ ޔޫ..." ނިރާޝް ބުނެލިއެވެ.
"އެކަނިވެރިކަމުގެ ދިރިއުޅުމުން އަހަރެންނަށް ނިކުމެވިއްޖެ. އެދުނިޔެއަށް ދެން އަހަރެން އެނބުރި ނުދާނަން. އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ ދިރިއުޅުން އަމިއްލަ މަސައްކަތުން ކުރިއަށްގެންދަން. އަހަރެންގެ މާމައާއި ބައްޕަ އެއްވެސް މަސައްކަތެއް ކުރަން އަހަރެން ބޭނުމެއްނޫން. އެދެމީހުންނަށްޓަކައި އަހަރެން ޖާނުން ޤުރުބާންވެސް ވެދާނަން..." އަޒްކާގެ ވާހަތަކުގައި އެހެންޏާ ނުހުންނަ ކަހަލަ ޖޯޝެއް ހުރިކަން ނިރާޝް ދެނެގަތެވެ. އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އަހަރެން ދެން ނިދަން ދިޔަސް ހެޔޮތަ...؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަޒްކާ ވާހަކަދެއްކިއެވެ.
"ހެހެހެ... އޯކޭ..." ނިރާޝް ބުނެލިއެވެ. އަޒްކާ ތެދުވަން އުޅުނު ވަގުތު ނިރާޝް އަދި މަޑުކޮށްލަން އެދުނެވެ. އޭނާ ނިރާޝްގެ މޫނަށް ބަލައިލިއެވެ. ނިރާޝް އެއްޗެއް ބުނަން އުޅޭހެން ހީވުމުން އަލުން ޖޯލީގައި ހަމަޖެހިލިއެވެ. އޭނާ ނިރާޝްގެ މޫނަށް ފުން ނަޒަރަކުން ބަލަހައްޓައިގެން އިނެވެ. ނިރާޝްގެ ލޮލާއި އަޒްކާގެ ދެލޯ ބައްދަލުވެފައި ހުރުމުން ނިރާޝް އިނީ ހިމޭންވެފައެވެ. ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ. އަޒްކާގެ ދެލޮލުގެ ފުން ކަނޑު ތެރެއަށް ފީނައިގަނަންނަން ބޭނުންވެފައެވެ.
(ނުނިމޭ)