އިބްރާހިމް ޒަކީ
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، މ. ސީނާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މ. ކޮކާހަނދުވަރުގެ، އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އެ ދެބޭފުޅުން އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން ވޯޓް ދެއްވި ވަ 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ ދެބޭފުޅުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މިދޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރާލްދާ އާއި ޝުޖޫން އައްޔަން ކުރެއްވުމަށް ޖޭއެސްސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވެވީ ސްޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލެއްވި ހައިކޯޓުގެ hަތަރު ފަނޑިޔާރުންގެ އިތުރުން ރައީސް ލަފާފުޅަކަށް އެދިވަޑައިގެން ނަން ފޮނުއްވެވި ދެބޭފުޅުންނާ ވަކިވަކިން އިންޓަރވިއު ކުރެއްވުމަށްފަހުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވަނީ، މަޖިލީހުން އެންނަތައް ފާސްކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހޭނެކަމަށެވެ.
ޑރ.އަޒްމިރާލްދާ ޒާހިރު މީގެ ކުރިން ވަނީ ހައިކޯޓްގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އަދި އައިޝާ ޝުޖޫން އަކީ ބާ ކައުންސިލްގެ މެންބަރެކެވެ. އަދި ޝުޖޫން އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޒީއެވެ.