ގާސިމް އިބްރާހިމް

އަނިޔާވެރި ގޮތަށް މަރާލާފައިވާ މީހުންގެ ކަންކަން އޮޅުން ފިލުމަކީ ކުރިހާ ރައްޔިތުން ބޭނުންވާކަމެއް: ގާސިމް

އިބްރާހިމް ޒަކީ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ، މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ އާއި އެފަދަ އަނިޔާވެރިގޮތަށް މަރާލާފައިވާ މީހުންގެ ކަންކަން އޮޅުންފިލައި ދިއުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިލްވާންގެ މަރާ ބެހޭގޮތުން ނެރުނު ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްްކަވަމުން، ގާސިމް ވިދާޅުވީ، އަނިޔާވެރި ގޮތަކަށް ރިލްވާން މަރާލާފައިވާ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި ރިލްވާންގެ މައްސަލައާއި އަނިޔާވެރިގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް އޮޅުންފިލައި ދިއުމަކީ ހުރިހާ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނަމަވެސް އެކަންކަން ކުރުމުގައި ދުސްތޫރީ ހަމަތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ދަންނަވާ ކަމަށެވެ.

މި ރިޕޯޓަށް ބަހުސް ފެއްޓެވުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިގެން ދާ މައްސަލަައެއް ނުވަތަ ތަހުގީގުގެ މަރުހަލާގައި އޮތް މައްސަލައެއްނަމަ މަޖިލީހުގެ ފްލޯގައި ބަހުސް ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާކަމަށް ވެސް ގާސިމް މަޖިލީހުގެ ރިޔާސަތުގެސަމާލުކަމަށް ގެންނެވިއެވެ.