ކްރިމިނަލް ކޯޓް

ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލިސް މިއަދަށް ނިންމާލައިފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގައި، އިތުރު ބައެއް ހެކިންގެ ހެކިބަސް ނެގުމަށްފަހު، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަސް ނެގުމާމެދު ބަހުސް ކުރުމަށްފަހު މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ލުތުފީ ހެކިބަސް ދިނުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށާއި، ނަމަވެސް އެކަން ރލިއުން އެނގުމަށް ދަންނަވާފައިވާނެ ކަމަށެވެ.

ލުތުފީގެ ހެކިބަސްނަގަންކުރި މަސައްކަތް ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، މޭލިޝިޔާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ލުތުފީ އެގައުމުގައި ހުންނަ ދިވެހިއެމްބަސީއަށް ހާޒިރުކޮށްގެންވެސް ހެކިބަސް ނެގުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.

މީގެކުރިން ކުތުފީ ފުލުހުންނަށް ދީފައިވާ ބަޔާނާބެހޭގޮތުން ފަހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާއަށް ބިރުދައްކާފައިވާ ކަމަށެވެ. އަދި އެކަން އެންގުމުގެ ގޮތުން ކުރިމިނަލް ކޯޓަށް ލުތުފީ ވަނީ ސިޓީއެއްވެސް ފޮނުއްވައިފައެވެ.

އެހެންކަމުން ލުތުފީ ފުލުހުންގެ ތަހްގީގަށް ދެއްވާފައިވާ ބަޔާނަކީ މަޖުބޫރުހަލާތުގައި ހުންނަވައިގެން ދެއްވާފައިވާ ބަޔާނެއް ކަމަށް އޭނާ ވިދާޅުވަމުން ގެންދަވާތީ، ފުލުހުންނަށް ބަޔާން ދެއްވިއިރު، ކޮށްފައިވާ ވީޑިއޯގެ ރެކޯޑިން ޝަރީއަތުގައި ބެއްލެވުމަށް ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅުއްވައިފައެވެ. އަދި އޭނާއަށް ބިރު ދައްކާފައިވާނަމަ ވީޑިއޯ ބެއްވުމުން ބޮޑީ ލޭންގުއޭޖުން އެކަންފާހަކަ ވާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ދެކޮޅު ހައްދަވައި ރައީސް ޔާމިނާއި އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ ލުތުފީ ފުލުހުންނަށް ބަޔާންދިން ވީޑިއޯގެ ރެކޯޑިން ބެލިޔަސް އޭނާއަށް ފުލުހުންގެ ފަރާތުން މަޖުބޫރެއް ކޮށްފައި އޮތްކަން ބޮޑީލެންގުއޭޖުން ނޭނގޭނެ ކަމަށެވެ. އަދި ލުތުފީގެ ބަޔާން ނުނެގޭހިނދު އޭނާ ބަޔާން ދެއްވި ވީޑިއޯ ރެކޯޑިންއެއް ބަލައިގެން ހެއްކަށް އެއްވެސް މިންވަރެއްގެ ބުރަދަނެއް ދިނުމަށް ދެކޮޅަށް ހައްދަވާކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އަދި މެލޭޝިޔާ އެމްބަސީ މެދުވެރިކޮށް ލުތުފީގެ ހެކިބަސް ނެގުމަށް ދައުލަތުން ކުރި މަސައްކަތް އެނގޭނެ ލިޔުންތައް ހުށަހެޅުމަށްވެސް ދިފާއީ ވަކީލުން އެދިވަޑައިގެންނެވިއެވެ.

މި މައްސަލައިގައި ދެ ފަރާތުން ދެއްކެވި ވާހަކަތައް އަޑުއެއްސެވުމަށްފަހު، އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ލުތުފީ ބަޔާން ދެއްވި ވީޑިއޯ ރެކޯޑިން ބެލުމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އަދި ދެން މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ދުވަސް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވޭ އިސްގާޒީ މިއަދުގެ މަޖިލިސް ނިންމަވައިލެއްވިކަން އިއުލާން ކުރެއްވިއެވެ.