މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓަކީ ދެން އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އެ ރިޕޯޓާބެހޭގޮތުން ބަހުސް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގާއި ބަހުސަށް ހުޅުވައިލައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ރިލްވާން މައްސަލައިގެ ރިޕޯޓްގެ ޑްރާފްޓެއް އެމަނިކުފާނަށް އެރުވީ، މީގެ އެއްމަސް ދުވަސް ކުރިން ކަމަށެވެ. ނަމަވެސް ކޮމިޝަންގެ ރައީސް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، މަޖިލީހުގެ އަމީން އާއްމު އާއި ލީގަލް ކައުންސިލްގެ ހާޒިރުގައި އެރިޕޯޓް އެމަނިކުފާނަށް އަރުވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެ ރިޕޯޓާ މެދު މަޖިލީހުން ކަންތައް ކުރަންވީ ގޮތަކާމެދު ކޮމިޝަންގެ ރައީސަށް ދެންނެވުމުން، ރިޕޯޓާ ބެހޭގޮތުން މަޖިލީހުގައި ބަހުސް ކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، މަޖިލީހުގެ ބަހުސަށް ރިޕޯޓް ހުށަހެޅުއްވީ އެހެންވެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ރިޕޯޓަކީ ދެން އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވީ، އެ ރިޕޯޓްގައިވާ ކަންކަން މިވަގުތު ހާމަ ނުކުރުމަށް ބައެއް ފަރާތްތަކުން އެމަނިކުފާނަށް ދަންނަވަމުން ގެންދަވާކަން ފާހަގަ ކުރައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ ރިޕޯޓްގައިވާ ކަންކަން ހާމަކުރުން މިވަގުތަށް އެހާ ރަނގަޅު ނޫންކަމަށް އެތައް ގާނޫނީ ވަކީލުންނަކާއި، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އެތައް މެންބަރުންނެއް އެމަނިކުފާނަށް ދަންނަވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް އެ ރިޕޯޓަކީ ދެން އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫން ކަމަށާއި އެ ރިޕޯޓްގައިވާ މައުލޫމާތުތަކަކީ ޝަރީއަތް ތަކުގަ އާއި އެހެން ތަންތަނުގައި ވެސް ހާމަވެގެންދާނެ މައުލޫމާތުތައް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މި ރިޕޯޓްގެ ތަފުސީލު ހާމަވެގެން ދިއުމުން މިކަމުގެ އުދާސް، ހިތުގެ ގިލަން، ހިތާމަ އާއި ވޭން އެންމެބޮޑަށް ކުރާނެ ފަރާތަކީ ރިލްވާންގެ މަންމަ އާއި ބައްޕަ އާއި އޭނާގެ އާ އިލާ އާއި ގާތް ރަހުމަތްތެރިން، މިކަމުން ރިލްވާންގެ އާއިލާއަށް ނުހަނު އަސަރު ކުރާނެކަން އެހެން ނަމަވެސް ކޮމިޝަންގެ ރިޕޯޓަކީ ދެން އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫން މީގައިވާ މައުލޫމާތުތައް ކޮންމެވެސް އެއް އިރެއްގައި ޝަރީއަތުގައިވެސް އެހެން ތަންތަނުގައި ވެސް ހާމަވެގެންދާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.