ކްރިމިނަލް ކޯޓް

ރައީސް ޔާމީންގެ އެކައުންޓަށް އަޅުގަނޑު އެއް މިލިޔަން ޑޮލަރު ޖަމާކޮށްދިނިން: ޒަމީރު

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އެދިވަޑައިގަންނަވައިގެން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރެއްވިކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފަހުން ހުންނެވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހެކިބަސް ދެއްވައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، ޒަމީރު މިއަދު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރީ ދައުލަތުން ހުށަހަޅާ ހެއްކެއްގެ ގޮތުގައެވެ.

ދައުލަތުގެ ވަކީލު ޒަމީރާ ސުވާލު ކުރެއްވީ، 2018 ވަނަ އަހަރުގެ ތެރެގޭއި ރައީސް ޔާމީނާ ފައިސާގެ އެއްވެސް މުއާމަލާތެއް ކުރައްވާފައިވޭތޯ އެވެ. ޒަމީރު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށެވެ.

އެއާ ގުޅިގެން ދައުލަތުގެ ވަކީލު ކުރެއްވި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކުރީ ރައީސް ޔާމީން އެދިވަޑައިގެން ކަމަށެވެ. އަދި އެ ފައިސާ އަކީ އަމިއްލަ މުދަލެއް ވިއްކައިގެން ލިބުނު ފައިސާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، އެ ފައިސާ ޖަމާކުރެވޭގޮތްވީ ރައީސް ޔާމީން ވިދާޅުވި ވަރަށްވުރެ ލަހުން ކަމަށާއި، އެފައިސާ ލަސްވެގެން ޔާމީން ގުޅުއްވާފައިނުވާ ކަމަށެވެ. ނަމަވެސް އެފައިސާ ލަސްވެގެން އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އާޒިމާ ޝުކޫރު ގުޅުއްވި ކަމަށާއި، އެ ފައިސާ ޖަމާކުރެވުމުން ދަންނަވާނެ ކަމަށް އާޒިމާ ކައިރީ ވިދާޅުވި ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، އެފައިސާ ރައީސް ޔާމީން ބޭނުންވެ ވަޑައިގެންނެވީ ކޮން ބޭނުމަކުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ރައީސް ޔާމީންވެސް އެއީ ވަކި ކަމަށްކަށް ބޭނުންފުޅުވާ ފައިސާއެއްކަމެއް ވިދާޅު ނުވާ ކަމަށެވެ. ނަމަވެސް ގަބޫލު ކުރެއްވެނީ ރައީސް ޔާމީންގެ އަމިއްލަ ބޭނުންފުޅަކަށް ހޯއްދެވި ފައިސާގެ ގޮތުގައި ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެ ފައިސާހޯދަން މުދާ ވިއްކުމުގައި މުއާމަލާތް ކުރެއްވީ ވަސީމް ކިޔާ ރަހުމަތްތެރިއަކާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިހުގައި ރައީސް ޔާމީންގެ ވަކީލުންނަށް ދިފާއުގައި ޒަމީރާ ސުވާލު ކުރެއްވުމުގެ ފުރުސަތު އިސް ގާޒީ ދެއްވުމުން، ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، ޒަމީރު ދެއްވި ހެކިބަހުން ދައުވާލިބޭ ފަރާތުގެ ތެދުނިޔަތް ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި އެއީ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެއްކަަކަށްނުވާތީ ކުރާނެ އިތުރު ސުވާލެއް ނެތްކަމަށްވެސް ވަކީލުވިދާޅުވިއެވެ.

ޒަމީރުގެ ހެކިބަހާ ގުޅިގެން، އޭނާ ފައިސާގެ މުއާމަލާތްކުރެއްވި މުހައްމަދު ވަސީމުވެސް ޝަރީއަތުގެ މަޖިލީހަށް ހެކިބަސް ނެގުމަށްޓަކައި މިއަދު ހާޒިރު ކުރިއެވެ.

ދައުލަތުގެ ފަރާތުން ވަސީމު ޝަރީއަތަށް ހާޒިރުކޮށް ސުވާލު ކުރެއްވީ ޒަމީރާ ދެމެދު ކުރެވުނު ފައިސާގެ މުއާމަލާތްކަކާ ގުޅޭގޮތުންނެވެ.

ވަސީމު ވިދާާޅުވީ، ޒަމީރުގެ ގޯއްޗެއް ގަތް ކަމަށާއި، އެ ގޯތީގެ އަގަކީ ދެ މިލިޔަން ޑޮލަރު ކަމަށެވެ.

މުޅި އެގްރިމްންޓްގެ އަދަދަކީ ދެ މިލިޔަން ޑޮލަރު ނަމަވެސް އެގްރީމެންޓް ފެށުމާ ހިސާބުން އެއްމިލިޔަން 75 ހާސްޑޮލަރު ޒަމީރަށް ދީފައިވާނެ ކަމަށްވެސް ވަސީމު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ދައުވާލިބޭ ފަރާތާ ގުޅުންހުރި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާތީ ވަސީމާ ސުވާލު ކުރަން ބޭނުންނުވާ ކަމަށެވެ.