ކްރިމިނަލް ކޯޓް

ޝަރީފް އާއި ޒަމީރާއި ލުވެއިޒްގެ ހެކިބަސް ނެގުމަށްފަހު ރައީސް ޔާމީންގެ ޝަރީއަތް މެދުކަނޑާލައިފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގައި، މިއަދު ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހަށް މިހާތަނަށް ހާޒިރުކުރި ތިން ހެކިން ކަމުގައިވާ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރު މުހައްމަދު ޝަރީފް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ލުވެއިޒްގެ ހެކިބަސް ނެގުމަށްފަހު ޝަރީއަތުގެ މަޖިލިސް މެދުކަނޑުއްވާލައްވައިފިއެވެ.

އެ ތިން ބޭފުޅުންގެ ހެކިބަސް ނެންގެވުމަށްފަހު، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ޝަރީއަތުގެ މަޖިލިސް ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑުއްވައި ލެއްވީ، އެ މައްސަލައިގައި ދެން ހާޒިރުކުރަންޖެހޭ ހެކި، އެ ތިން ހެކިންގެ ހެކިބަސް ނެގިއިރުވެސް ހާޒިރުވެފައި ނުވާތިއެވެ.

ޝަރީއަތުގެ މަޖިލީހަށް ދެން ހާޒިރުކުރަން އޮތީވެސް ދައުލަތުގެ ފަރާތުން ހާޒިރުކުރާ ހެތްކެއް ކަމަށްވާ، މުހައްމަދު ވަސީމެވެ.

ވަސީމަކީ ރައީސް ޔާމީންގެ އެކައުންޓަށް، އެއްމިލިޔަން ޑޮލަރު ޖަމާކުރިކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި، ޒަމީރު އެ ފައިސާގެ މުއާމަލާތްކުރި އޭނާގެ ރަހުމަތްތެރިއާއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒަމީރު ވިދާޅުވީ، ރައީސް ޔާމީންގެ އެދި ވަޑައިގެންނެވުމަށް، އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކޮށްދެއްވި ކަމަށާއި، އެއީ ޒަމީރުގެ އަމިއްލަ މުދަލެއް ވިއްކަވާ ލައްވައިގެން ހޯއްދެވި ފައިސާ ކަމަށެވެ. އަދި އެ ފައިސާގެ މުއާމަލާތް ކުރެއްވީ، ވަސީމްއާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރުގެ އިތުރުން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރި، ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރު މުހައްމަދު ޝަރީފް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ލުވެއިޒްއާ ވެސް ދައުލަތުން ސުވާލު ކޮށްފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލައާ ބެހޭގޮތުންނެވެ.