ކަނޑުމަތީގައި އޮތް ދޯންޏަކަށް އެރުވުމަށްފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރައިލީ، ބޯ ބުރިކޮށްލައިގެންކަމަށް، ސިއްރު ހެއްކަކު ހެކިބަސްދީފައިވާކަން ހާމަވެއްޖެއެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން، ރިލްވާންގެ މައްސަލައާ ގުޅޭގޮތުން މިދިޔަ އާދިއްތަ ދުވަހު ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ ހުލާސާ ރިޕޯޓުން ހާމަވާގޮތުގައި، ކޮމިޝަނަށް އެގޮތަށް ހެކިބަސް ދީފައިވަނީ ސިއްރު ހެކީންގެ ތެރެއިން އެއްވަނަ ހެއްކެވެ.
ރިޕޯޓްގައި ބުނެފައިވަނީ މި ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލީ ކަމަށާއި، ބޯ ބުރިކޮށްލުމަށްފަހު، އެ މީހުން ރިލްވާނުގެ ހަށިގަނޑު ކަނޑު ފެއްތީކަމަށް އެއްވަނަ ހެކި
ހެކިބަސް ދިން ކަމަށެވެ.
އެ ރިޕޯޓްގައިވާގޮތުން އެރޭ ރިލްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށެވެ. ރިލްވާން އެރުވި ދޯނީގެ ވެރި މީހާއަށް ކިޔަނީ، އއ. އުކުޅަސް، މާވަޑިއާގެ މުހަންމަދު ރާޝިދުއެވެ.
އެގޭ އަލްގިސް އާއި ދެމީހުން އެ ދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށާއި މި ދެ ދޯންޏަކީ ވެސް ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯނި ކަމަށްވެސް ބުނެފައިވެއެވެ.
ހެކި އިތުރަށް ބުނެފަވާކަމަށް ރިޕޯޓްގައިވަނީ އުކުޅަހުގައި ބަޓް ނަގަން ދިއުމަށް ގެންގުޅެނީ މި ދެ ދޯނި ކަމަށާއި މި ދެ ދޯނި ހަމަޖައްސައިދިނީ މި ޖަމާއަތުގެ އޮޕަރޭޝަންސް
ތަކުގެ އެންމެ އިސްމީހަކަށް ހުންނަ ސ. ފެދޫ ގުރަހާގެ އަގްލީލް (ކިޑޫ) އެވެ.
ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އާދިއްތަ ދުވަހު ވިދާޅުވިގޮތަށް، ރިޕޯޓްގައި ވަނީ ރިލްވާން ދޯންޏަށް އެރުވީ، ރަތް ކާރުގައި ގޮސް ރިލްވާން ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެންގޮސް ޑިންގީއަކަށް އަރުވައިގެން ކަމަށެވެ.
ރަތް ކާރުގައި ރިލްވާން ކިޑްނެޕް ކުރަން ދިޔައިރު ކާރުގައި ތިބީ މުނާއްކޮ އާއި އާލިފް އާއި ޝައްފާފު ކަމަށް ރިޕޯޓްގައި ވެއެވެ. އަދި ކާރު ދުއްވަން ހުރީ މުނާއްކޮ ކަމަށާއި، ދެން ކުރީގައި ހުރީ އާލިފް ކަމަށާއި ޝައްފާފު ހުރީ ފަހަތުގައި ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސުވައިދު (މުހަންމަދު ސުވައިދު ސ. ހުޅުދޫ އަތިރީގެ)އާއި ސޮލާހު (ޝަބީނިއޯއާ އެއްކޮށް 30 ޑިސެމްބަރު 2014ގައި ސިރިޔާ އަށް ފުރައިގެން ދިޔަ ސޮލާހް) އާއި ޝަބީނިއޯ (އިސްމާއީލް ސަބިހް، ޏ. ފުވައްމުލައް / ދަޑިމަގު، ދަޑޮފީށި) އެވެ.