ވިޔަފާރި

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް

ފަތޯނާ ފާއިޒު

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ދައުލަތުގެ މީޑިއާ(ޕީއެސްއެމް) ހަމަޖައްސައިފިއެވެ.

މި އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އޯކާ މީޑިއާއިން ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާހައުލެއްގައި ދައްކައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް، އެކްސްޕޯ އިންތިޒާމް ކުރާ އޯރކާ މީޑިއާއިން ބުނެއެވެ.

މިފަހަރުގެ އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 29 އަދި 30 މި ދެދުވަހުގައެވެ. އެކްސްޕޯގެ 80 އިންސައްތަ ސްޓޯލް މިހާރު ބުކް ކޮށްފައިވާއިރު، އެ އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގެ 1،500އެއްހާ ޕްރޮފެޝަަނަލުންނާއި، 150 އެގްޒިބިޓަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.

އެ އެކްސްޕޯގެ ތެރެއިން ހަތަރު ސަމިޓެއް ބާއްވަން ވަނީ ހަަމަޖައްސާފައެވެ. އެއީ ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި، އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓެއްގެ އިތުރުން، ޓެކް ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.

އެ ސަމިޓުތަކުގެ ބައިވެރިންނަށް ލިބިފައިވާ ކާމިޔާބީއާއި، ތަޖުރިބާ އެހެން ވިޔަފާރިވެރިންނާ ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ ކަންކަމާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު ބައިވެރިންގެ މެދުގައި ހިޔާލު ބަދަލު ކުރުމުގެ ފުރުސަތުވެސް ސަމިޓުތަކުގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އޯކާ މީޑިއާއިން ބުނެއެވެ.

އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިން މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އޭރު އެކުންފުނީގެ ނަމަކީ މޯލްޑިވްސް ގޭޓްވޭސްއެވެ. ނަމަވެސް މި އަހަރުގެ މޭމަހުގެ ތެރޭ މި ކުންފުނި ވަނީ ރީބްރޭންޑް ކުރުމަށްފަހު، އިންޓަރނޭޝަނަލް މީޑިއާއަށް ހާއްސަ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.