ވިޔަފާރި

ކޯޕަރޭޓް މޯލްޑިވްސް މެގަޒިންގެ ފުރަތަމަ ޕްރިންޓް އެޑިޝަން ނެރެފި

ފަތޯނާ ފާއިޒު

ކޯޕަރޭޓިވް މޯލްޑިވްސް މެގަޒިންގެ ފުރަތަމަ ޕްރިންޓް އަދަދު ނެރެފިއެވެ.

ވިޔަފާރި އަދި ހޮސްޕިޓާލިޓީ ދާއިރާތަކުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި ޕްރޮފެޝަނަލުންގެ މެދުގައި މަގުބޫލު ބްރޭންޑް، ކޯޕަރޭޓް މޯލްޑިވްސް އަކީ 2016 ވަނަ އަހަރުން ފެށިގެން ވިޔަފާރި އަދި ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށްގެން އޮންލައިންކޮށް ނެރެފައިވާ މެގަޒިންއެކެވެ.

ކޯޕަރޭޓިވް މެގަޒިންގެ ޕްރިންޓް އަދަދުގައި ވިޔަފާރި ކޮމިއުނިޓީއާ ގުޅޭ ތަފާތު ސެގްމެންޓްތަކަށް ހާއްސަ ރިޕޯޓްތަކާއި އެ ދާއިރާގެ މާހިރުންގެ ހިޔާލު ވެސް ހިމަނާފައިވެއެވެ.

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެންމެ ޝަރަފްވެރި އެވޯޑް، "ގޯލްޑް 100 ގާލާ" އިންތިޒާމުކޮށް ބާއްވާ ކޯޕަރޭޓިވް މޯލްޑިވްސް އަކީ ވިޔަފާރި ހަބަރުތައް ގެނެސްދޭ ރާއްޖޭގެ ލީޑިން ނިއުސް ޕޯޓަލްއެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ދެން އެންމެ އަވަހަށް ބާއްވާ ހަރަކާތަކީ މިމަހުގެ ތެރޭގައި ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއެވެ.

މިމަހުގެ 29 އަދި 30 ގައި ބާއްވާ އެ އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.

އެ އެކްސްޕޯގައި ގާތްގަނޑަކަށް 1500 ތަޖުރިބާކާރުންނާއި 150 ވިޔަފާރިތައް ބައިވެރިވާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ 2010 ވަނަ އަހަރުން ފެށިގެން މާކެޓިން މަސައްކަތުގައި ހަރަކާތްތެރިވަމުން އައިސް އަދި މިދިޔަ މޭމަހުގެ ތެރޭގައި މީޑިއާއަށް ހާއްސަ ކުންފުންޏަކަށް ބަދަލުކުރި އޯކާ މީޑިއާ ގުރޫޕްގެ ޕްރޮޑަކްޓެކެވެ.