ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން އެތަނުގައި ކިޔަވަމުން އައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ދޭތެރޭގައި އިހާނެތިކޮށް ހިތި ކަމަށް އެދަރިވަރުންގެ ބެލެނިވެރިން ބުނެފިއެވެ.
ބިލަބޮންގައި ކިޔަވަމުން އައި ނުކުޅެދުންތެރިކަން ހުރި ހަތް ކުދިންގެ ކުލާހެއްގެ ހުރިހާ ބެލެނިވެރިން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެސްކޫލްގައި ކިޔަވަމުން އައި އެމީހުންގެ ދަރިވަރުންނާމެދު މެނޭޖްމެންޓުން ފާއިތުވި ދެ އަހަރު އިހާނެތިކޮށް ހިތާފައިވާ ކަމަށާއި، އެގޮތަށް އަމަލު ކުރީ އެކުދިން އެސްކޫލް ދޫކޮށް އެހެން ސްކޫލަކަށް ދޭތޯ ކަމަށެވެ.
އެންމެ ފުރަތަމަ އެ ބެލެނިވެރިންގެ ދަރިން އެސްކޫލަށް ވެއްދިއިރު، އެ ސްކޫލުން ފެނުނީ ބެލެނިވެރިން ބޭނުންވި ފަދަ މާހައުލެއްކަން، އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުދިންނަށް އުނގަންނައިދޭން ހާއްސަ ތަމްރީން ހޯދާފައިވާ މުދައްރިސުން ތިބި ކަމަށާއި، ސްކޫލްގެ ފަރާތުން އެ ކުދިންނަށް ފުރިހަމަ އެއްބާރުލުން ދިން ކަމަށް ބުނެފައިވެއެވެ.
ބެލެނިވެރިންގެ ބަޔާނުގައި ވަނީ ދަރިވަރުން ބިލަބޮން ސްކޫލްގައި ހޭދަ ކުރި އަލަތު ދުވަސްތަކުގައި އެ ކުދިންގެ ފަރާތުން ހެޔޮ ބަދަލުތައް ފެނުނުކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން އެކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރާއި، އުނގެނުމުގެ ހުނަރަށް ކުރިއެރުންތަކެއް އައިކަމަށްވެސް ބެެލެނިވެރިން ބުނެފައިވެއެވެ.
”އެހެންނަމަވެސް މި ފާއިތުވެ ދިޔަ ދެ އަހަރު، އަހަރުމެންނަށް ފާހަގަވީ، އަހަރުމެންނަށް ވައުދުވެފައިވާ ހިދުމަތްތަކުގެ ފެންވަރު ދަށް ވަމުން އައިކަން. އަހަރުމެންގެ ދަރިވަރުންގެ ކްލާސްތަކަށް ލިބެމުން އައި ވަސީލަތްތައް މަދުވެ، ދެމުން އައި ތައުލީމުގެ ފެންވަރަށް އެކަމުގެ ނޭދެވޭ އަސަރު ކުރަން ފެށި. ކްލާސްރޫމްގައި ހުރީވެސް ފަނޑު އަލި، އަހަރުމެންގެ ދަރިން ކިޔަވާ ކްލާސްރޫމަކީ، މުޅި ސްކޫލްގައިވެސް އެއްވެސް ކަހަލަ ޒީނަތްތެރިކަމެއް ނެތް ކްލާހަށް ވެގެންދިޔަ. އަދި އަަހަރުމެންގެ ދަރިންގެ ކްލާސްރޫމް ކައިރީގައި ސްކޫލްގެ ހުރިހާ ކުންޏެއް އަޅާ ޑަސްބިންތައްވެސް ބަހައްޓަން ފެށި. އަހަރުމެންނަށް ގަބޫލު ކުރެވެނީ، އެކަމަކީ އަހަރުމެން އަމިއްލައަށް އެހެން ގޮތެއް ހޯދާނެ ކަމުގެ އުއްމީދުގައި ކުރި ކަމެއް ކަމަށް" ބެލެނިވެރިން ބުނެފައިވެއެވެ.
ބެލެނިވެރިންގެ ޝަކުވާތައް ހިއްސާ ކުރުމަށް ނެރުނު ބަޔާނުގައި ބުނީ ބިލަބޮން ސްކޫލުން، އެފަރާތްތަކުގެ ދަރިން ގްރޭޑް 10 ނިންމަންދެން، އެސްކޫލުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް މިއަހަރުގެ ޖެނުއަރީމަހުގައި ބުނި ކަމަށެވެ. އެހެންނަމަވެސް، މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު، ކޮންމެ ބެލެނިވެރިޔަކާ ވަކިން ބައްދަލުކޮށް، އެއްވެސް ކުއްޖަކަށް ކުރިއަށް އޮތް ތަނުގައި ސްކޫލުން ޖާގަ ދެވެން ނެތް ކަމަށާއި، އަންނަ އަހަރު ފެށެންވާއިރަށް އެހެން ގޮތެއް ހޯދަން ބުނި ކަމަށް ބެލެނިވެރިން ބުނެއެެވެ.
ބެލެނިވެރިން ބުނި ގޮތުގައި ސްކޫލް މެނޭޖްމެންޓުން އެހެން ބުނީ ކޮންމެ ދަރިވަރެއްގެ ބެލެނިވެރިޔާއާ ވަކިން ބައްދަލު ކުރުމަށްފަހުގައެވެ. އެއާއެކު ހުރިހާ ބެލެނިވެރިން އެމައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައެެޅި ކަމަށާއި، ރާއްޖޭގެ މީޑިއާތަކުންވެސް އެހަބަރު ގެެނެސްދިންކަން ވަނީ ފާހަގަކޮށްފައެެވެ.
މީޑިއާތަކުގައި އެހަބަރު ފެތުރުމާ ގުޅިގެން މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު، ބިލަބޮން ސްކޫލުން ދޮގު މައުލޫމާތު ހިމެނޭ ބަޔާނެއް ނެރުނު ކަމަށްވެސް ބެލެނިވެރިން ތުހުމަތު ކުރެއެވެ.
"އެއީ އާއްމުންނަށް އޮޅުވާލުމަށް ނެރުނު ޕްރެސް ސްޓޭޓްމެންޓެއް. އެ ބަޔާނަކީ ބިލަބޮންގެ މައްސަލަ ޖެއްސީ ވަރަށް ގިނަ ބެލެނިވެރިންތަކެއްގެ ތެރެއިން، މަދު ބެލެނިވެރިންތަކެއްކަން ދެއްކުމަށާއި، ކުޑަ މައްސަލައެއް، ބޮޑުކަންތައްގަނޑަކަށް ހެދީކަން ދެއްކުމަށް ނެރުނު ބަޔާނެއް. އަހަރުމެންނަކީ މަދު ބައެއް ނަމަވެސް، އެކްލާހުގައި ތިބީ ހަތް ކުދިން. ޝަކުވާ ހުށައަޅާފައިވަނީ އެކުދިންގެ ހުރިހާ ބެލެނިވެރިންގެ ފަރާތުން" ބެލެނިވެރިން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހު މެނޭޖްމެންޓުން އަނެއްކާވެސް ބެލެނިވެރިންނާ ބައްދަލުކުރިއެވެ. ބެލެނިވެރިން ބުނިގޮތުގައި މިފަހަރުވެސް ބައްދަލު ކުރަން އެދުނީ ވަކި ވަކީންނެވެ. އެހެންނަމަވެސް ހުރިހާ އެންމެން އެކީގައި ދިޔުމުން، ސްކޫލް މެނޭޖްމެންޓަށް ހައިރާންކަން ލިބުނު ކަމަށާއި، އެ ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ބޭތިއްބިދާނެތޯ ބެލުމަށް ދިރާސާއެއްކޮށް، ތަޖުރިބާކާރެއްގެ ލަފަޔާއެކު، އެކުދިންނަށް ޖާގަ ދެވެން ނެތްކަން އެންމެ ފުރަތަމަ ފަހަރަށް ބެލެނިވެރިންނަށް އެންގީ އެ ބައްދަލުވުމުގެ ތެރެއިން ކަމަށް ވަނީ ބުނެފައެވެ.
ބެލެނިވެރިން ބުނީ، ބިލަބޮންގެ މެނޭޖްމެންޓުން، އެފަރާތްތަކުގެ ދަރިވަރުން އެ ސްކޫލުން ބޭރުކޮށްލަން މާ ކުރިންވެސް ނިންމާފައިވާކަމަށް ގަބޫލު ކުރެވޭތީ، މި ހިނގާ ދިރާސީ އަހަރު ނިމެންދެން އެކުދިން އެސްކޫލްގައި ބޭތިއްބުމަކީ ރައްކާތެރިކަމެއް ނޫން ކަމުގައި ދެކޭ ކަމަށެވެ.
އަދި އެސްކޫލާ ދެކޮޅަށް މިފަދަ ބަޔާނެއް ނެރުނީ އެ ސްކޫލުން ކަންތައް ކުރި ގޮތާ ގުޅިގެން ބަދަލެއް ބޭނުންވެގެން ނޫން ކަމަށާއި، އެކަން ކުރަން ޖެހުނީ އެސްކޫލުގައި ކިޔެވި ދުވަސްތަކުގައި ދަރިވަރުންނަށް ލިބުނު ކުރިއެރުންތައް ބީވެ ގޮސް، އެކުދިންގެ ހާލަތު ގޯސްވެ، މުޅިން އާ ފެށުމަކުން ފަށަން ޖެހޭނެ ކަމުގެ ބިރު ހީވެފައިވާތީ ކަމަށެވެ.
މިކަމާއި ގުޅިގެން ބިލަބޮންގްއިން މިދިޔަ މަހުގެ ފަހުކޮޅު ބެލެނިވެރިންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މީޑިޔާއަށް އެ ސްކޫލްގެ މައްސަލަ ފެންމަތިވެފައިވަނީ ބިލަބޮންގްގެ ޑްރީމް ކެމްޕަސްގައި ތިބި މަދު ބެލެނިވެރިންތަކެއްގެ ފަރާތުން ކަމަށެވެ.
އަދި މި ބެލެނިވެރިންގެ ދަރިވަރުންނަކީ އަންނަ އަހަރު ޕްރައިމަރީގެ އުމުރު ފަހަނައަޅައި ގޮސްފައިވާ ދަރިވަރުން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ ސަބަބުން ދަރިވަރުންނަށް ލިބެން ހުރި އެހެނިހެން ވަސީލަތްތަކާއި ބެހޭގޮތުން ބެލެނިވެރިންނާއި ސްކޫލުން މަޝްވަރާ ކޮށްފައިވާނެކަމަށް، ބިލަބޮންގް ހިންގާ އައިލެންޑާސް އިން ވަނީ ބުނެފައެވެ.