އެސްޓީއޯ

އެސްޓީއޯގެ ''މަކިޓާ ހެއްޔާ'' މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް "މަކިޓާ ހެއްޔާ" ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފިއެވެ.

މަކިޓާ ހެއްޔާ މުބާރާތުގެ މަގްސަދަކީ ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތަކަށްވެފައި ވާދަވެރި މާހައުލެއްގައި، އެއްފުރާޅެއްގެ ދަށުން މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމެވެ. އަދި އެ ދާއިރާ އިން ވީހާ ވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދިނުމަކީ ވެސް މި މުބާރަތުގެ މަގްސަދެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި މުބާރާތަށް ހުޅުވާލާފައިވަނީ މަކިޓާ ހެއްޔާ ޕްރޮމޯޝަން ފެށުމުގެ ގޮތުން އިއްޔެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ހަފްލާއެއްގައެވެ. ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.

މަކިޓާ ހެއްޔާ ޕްރޮމޯޝަނާ ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި ރަޖިސްޓްރީވާން އެދޭ ފޯމް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގެ އިތުރުން އެސްޓީއޯ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމް ފުރުމަށްފަހު ހޯމް އިމްޕްރޫވްމެންޓުގެ ކައުންޓަރަށް ނުވަތަ ވައިބާ ނަންބަރު 7431007 އަށް ނުވަތަ އީމެއިލް، [email protected] އަށް ހުށަހެޅޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިންނެވެ.

އެސްޓީއޯ އިން ބުނީ، ދިވެހިންނަށް އެކަނި ބައިވެރިވެވޭ އެ މުބާރާތުގައި ބައިވެރި ކުރެވޭނީ އެންމެ އައިޓަމެއް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިކުރާ އައިޓަމް ފަރުމާކުރަންވާނީ އެންމެ ބޮޑުވެގެން 4 ފޫޓު 4 ފޫޓަށްވުރެ ބޮޑުނުވާނެ ގޮތަށް ކަމަށާއި އެ އައިޓަމް ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އޭގެ އިތުރުން މުބާރާތުގައި ބައިވެރިކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިއަކު ވެސް ހުށަހަޅަންޖެހޭއެވެ. އެއް މިނެޓްގެ އެ ވީޑިއޯގައި މަކިޓާ ޕަވާޓޫލްސް ބޭނުންކުރާ ތަން ފެނިގެންދާންޖެހޭއިރު ވީޑިއޯ 720 ޕިކްސަލް ކޮލިޓީގެ (އެޗް ޑީ) އަށްވުރެ ދަށްވެގެންނުވާނެއެވެ.

ތަކެތި ފަރުމާކުރުމަށްފަހު ހުށަހަޅަން ޖެހޭނީ އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. އައިޓަމް އަދި ވީޑިއޯ އެސްޓީއޯއަށް ހުށަހަޅަންޖެހޭ އެންމެ ތަހު ތާރީހަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެސްޓީއޯ އިން ބުނީ، މުބާރާތުގައި ވަނަތައް ހޮވާނީ ފޭސްބުކް ލައިކްއަށް ބެލުމަށްފަހު އާންމުންގެ ފަރާތުން ލިބޭ 50 ޕަސެންޓާއި ޖަޖުންގެ 50 ޕަސެންޓަށް ބެލުމަށްފަހު ކަމަށެވެ. އަދި ހުރިހާ ބައިވެރިން ހުށަހަޅާ އުފެއްދުންތައް ދައްކާލުމަށް މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބިގެންދާއިރު ޕްރޮމޯޝަންގައި ކޮންމެ މަހަކު ހޮވާ ނަސީބުވެރިފަރާތަކަށް 50،000 އަގުހުރި އިނާމު ކަނޑައެޅިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.