އާޒިމާ ޝުކޫރު

ޔާމީނާއި އިތުރު ތިން މީހެއްގެ ހެކިބަސް ނުނެގޭނެ: އާޒިމާ

ޝަހީދާ އަބްދުﷲ ސައީދު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިތުރު ތިން މީހެއްގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އާޒިމާގެ މައްޗަށް ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ކުރަނީ، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ.

އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯއްދަވައި، އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައެވެ.

އާޒިމާއާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރީގެ ރައީސް ޔާމީނާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ހެކިބަސް ނެގުމަށެވެ.

ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާޒިމާ ވިދާޅުވީ، ޔާމީނާއި އަދި ދެން ތިއްބެވި ތިން މީހުންގެ ހެކިބަސް ނުނެގޭނެ ކަމަށެވެ. އެގޮތުން ޔާމީންގެ ހެކިބަސް ނުނެގޭނެ ސަބަބެއް ކަމަށް އާޒިމާ ވިދާޅުވީ، ދައުލަތުން ބުނާ މަނީ ލޯންޑަރިންގެ އަމަލު ހިނގި ނަމަ އެކަމުގައި ޔާމީން ހިމެނޭނެތީއެވެ. އަދި ގިނަ ބަޔަކު ބައިވެރިވެގެން ކުރާ ކުށެއް ނަމަ އެ މައްސަލައެއްގައި ހިމެނޭ މީހުންނަށް އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސް ނުދެވޭނެ ކަމަށް ވިދާޅުވެ، އާޒިމާ ވަނީ އެކަމަށް ބާރުދިނުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދެއްވައިފައެވެ.

އާޒިމާގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، މުޅި މައްސަލައަކީ ޔާމީންގެ ހެކިބަހުގެ މައްޗަށް ބިނާވާ މައްސަލައެއް ނޫން ކަމަށާއި ޔާމީނުގެ ހެކިބަސް ނަގަން ނުޖެހޭ ސަބަބެއްވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އަދި ހަސަން ލުތުފީގެ ހެކިބަސް ނުނެގޭނެ ސަބަބު ބަޔާން ކުރަމުން އާޒިމާ ވިދާޅުވީ، ހަސަން ލުތުފީއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މަނީ ލޯންޑަރިންގެ އަމަލެއް ހިންގާފައިވާ ނަމަ އެ އަމަލެއް ހިންގާފައިވާނީ އޭނާއަށް އެނގިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭގެ އިތުރުން ހެކިބަސް ދިނުމަށް ހަސަން ލުތުފީއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އޭނާ އަމިއްލައަށް ވިދާޅުވެފައިވާތީ އޭނާއަށް އަމިއްލަ އިހުތިޔާރުގައި ހެކިބަސް ދެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުން ބުނީ، ލުތުފީއަށް ބިރު ދައްކާފައިވާ ކަމަށް ގާނޫނީ ހަމަތަކުން ސާބިތުނުވާ ކަމަށާއި އަދި ބިރު ދައްކާފައިވާ ކަމަށް ބުނެ ލުތުފީގެ ފަރާތުން ފުލުސް އޮފީހަށް މައްސަލައެއްވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ އެހެން ވިދާޅުވުމުން، ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ލުތުފީ އޭނާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ކޯޓަށް ސިޓީލާފައިވާ ކަމަށެވެ. އަދި އޭނާ މީގެ ކުރިން ތަހުގީގަށް ދީފައިވާ ބަޔާނަކީ ނުފޫޒުގައި ޖެހިގެން ދީފައިވާ ބަޔާނެއް ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ. އަދި އެ ނުފޫޒުގެ ސަބަބުން ހެކިބަސް ދޭން އޭނާ ބޭނުން ނުވާ ކަމަށް އެ ސީޓިގައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެއިތުރުން ލުތުފީގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވި ގޮތަށް މުއައްވިޒުގެ ހެކިބަސް ވެސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން އެއްވެސް ހާލެއްގައި މަނީ ލޯންޑަރިންގެ އަމަލެއް ހިންގައިފައިވާ ނަމަ އެ އަމަލެއް ހިންގާފައިވާނީ މުއައްވިޒަށް އެނގިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މުއައްވިޒު މީގެ ކުރިން ހުވާކޮށްގެން ޝަރީއަތުގެ މަޖިލީހުގައި ދިން ހެކިބަހާއި ލުތުފީ ދީފައިވާ ބަޔާނާ ހިލާފުވާކަން ފާހަގަކޮށް މުއައްވިޒާ މެދު އާޒިމާ ސުވާލު އުފެއްދެވިއެވެ. އެކަމަކު، ދައުލަތުން ގަބޫލު ކުރަނީ އޭނާގެ ހެކިބަސް ނުނެގޭނެ އެއްވެސް ސަބަބެއް ނެތް ކަމުގައެވެ.

ޝަރީފުގެ ހެކިބަސް ނުނެގޭނެ ސަބަބެއްގެ ގޮތުގައި އާޒިމާ ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ވުމެވެ. އަދި އޭނާ ދޮގު މައުލޫމާތު ދިން މައްސަލަ މަޖިލީހުން ފުލުހަށް ހުށަހަޅައިގެން ބަލަމުން އަންނަކަންވެސް އާޒިމާ ފާހަގަކުރެއްވި އެވެ. އަދި ބީއެމްއެލްއިން ވަކި ގޮތަކަށް ބަދަލުކޮށްގެން އާޒިމާ ހޯއްދެވި ކަމަށް ބުނާ ސިޓީއެއްގައި ސޮއި ކުރީ ޝަރީފް ކަމަށާއި އެކަމުގައި ގާނޫނާ ހިލާފު ކަމެއްވާ ނަމަ އެކަމެއް ކޮށްފައިވާނީ ޝަރީފްގެ އެހީތެރިކަމާ އެކު ކަމަށް އާޒިމާ ފާހަގަކުރިއެވެ. އޭނާ ދެކޭ ގޮތުގައި އެއީވެސް ޝަރީފްގެ ހެކިބަސް ނުނެގޭނެ ސަބަބެކެވެ.

ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ޝަރީފު މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިންކަން ސާބިތުވެފައި ނުވާ ކަމަށެވެ. ދޮގު މައުލޫމާތު ދިން ކަމަށް ވާނީ ކިހިނަކުންތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެގޮތަށް ބުނެވޭނީ ތަހުގީގުކޮށް ދައުވާކޮށް މައްސަލަ ސާބިތުވުމުން ކަމަށެވެ.

މީގެއިތުރުން އާޒިމާގެ ފަރާތުން އިތުރު ދެ ހުށަހެޅުމެއް މިއަދުގެ އަޑުއެހުމަށް ވަނީ ހުށަހަޅައިފައެވެ. އެއީ ރައީސް ޔާމީން މަނީލޯންޑާ ކުރި ކަމަށް ބުނާ ފައިސާ އަކީ ހިޔާނާތުގެ ފައިސާކަން ޔަގީން ނުވާ ކަމަށް ބުނާ ހުށަހެޅުމަކާއި ޔާމީންގެ މައްސަލަ ސާބިތު ނުވަނީސް އާޒިމާގެ މައްސަލަ ނުބެލޭނެ ކަމަށް ބުނާ ހުށަހެޅުމެކެވެ.

އާޒިމާ ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ގާނޫނުގެ ގޮތުން، އޭނާ ކުރި ކަމަށް ބުނާ ކުށުގެ މައި އަމަލު ހިންގި މީހާގެ މައްސަލަ ބަލައި ނުނިމެނީސް އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެއެވެ. އެގޮތަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ކުށުގެ މައި އަމަލު ކުރި މީހާގެ މައްސަލަ ޝަރުއީ މަރުހަލާތަކުން ބަލައި ނިމެންދެން މަޑުކޮށްފިނަމަ ދައުވާ ކުރަން ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ގޮސްދާނެ ކަމަށެވެ. އެކަމަކު ގާޒީ ހައިލަމް ވިދާޅުވީ، ދައުވާ ކުރެވޭނެ ކަމަށެވެ.

އެ މައްސަލައިގައި މައި ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ޔާމީންގެ މައްސަލަވެސް މި މައްސަލައާ އެކު ކުރިއަށްދާތީ އާޒިމާގެ މައްސަލަ ބެލުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ދެކޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި އާޒިމާ ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދޫކުރި ވޮޑަމުލާގެ ފައިސާކަން އެނގެން ނެތް ކަމަށެވެ. އެސްއޯއެފްއިން ސައްހަ މުއާމަލާތްތައް ކޮށްފައިވާކަން އެނގެން އޮންނަ އިރު، ވޮޑަމުލާގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމުގެ ކުރިންވެސް އެސްއޯއެފްގެ އެކައުންޓުގައި އަށް ލައްކަ ޑޮލަރު ހުރި ކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެންކަމުން، ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ސީދާ ވޮޑަމުލާގެ ފައިސާތޯ ބެލޭނީ ކިހިނެއްތޯ އާޒިމާ ސުވާލު އުފެއްދެވިއެވެ.

އެސްއޯއެފްގެ އެކައުންޓަށް ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި ފަހުން އެ އެކައުންޓުން އެހެން މީހަކަށް 2000 ޑޮލަރު ޖަމާވެފައިވާ ސްޓޭޓެމްންޓުތަކާ ހަވާލާދެއްވައި އާޒިމާ ފާހަގަކުރެއްވިއެވެ.

އަދި ފުރަތަމަ ފަސް ލައްކަ ޑޮލަރު ޖަމާކޮށްފައި ދެވަނަ ފަސްލައްކަ ޑޮލަރު ޖަމާ ކުރުމާ ދެމެދު އެސްއޯއެފްގެ އެކައުންޓުން 18 ޓްރާންސެކްޝަނެއް ހިނގާފައިވާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ފައިސާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި އިރު ޖަމާ ކުރީ 3.4 މިލިއަން ޑޮލަރު ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ އެހެން ވިދާޅުވުމުން، ގާޒީ ހައިލަމު ވަނީ ދައުލަތުގެ ވަކީލާއާ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

އެގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ސީދާ ވޮޑަމުލާގެ ފައިސާކަން އެނގެނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ސީދާ ވޮޑަމުލާގެ ފައިސާ ނަގައި އެސްކްރޯ އެކައުންޓަށް ޖަމާ ކުރާނީ ކިހިނެއްތޯއާއި އަދި އެފަދައިން ފައިސާ ވަކި ކުރާނެ ގޮތެއް ގާނޫނުގައި ކަނޑައަޅާފައިވޭތޯ ގާޒީ ސުވާލު ކުރެއްވިއެވެ.

ދައުލަތުން ބުނީ އެއީ ސީދާ އެ ފައިސާކަން ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލަ ޝަރީއަތަށް ގެންދާނެތޯ ނުވަތަ މައްސަލަ ބޭރުކޮށްލާނެތޯ ޝަރީއަތުން ގޮތެއް ކަނޑައަޅާނެއެވެ.