ޝަހީދާ އަބްދުﷲ ސައީދު
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރަށު ގޮފިތައް އެކުލަވައިލުމަށް ބާއްވާ އިންތިހާބު އަންނަ ނޮވެންބަރު މަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.
ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ޕާޓީގެ ގޮފިތައް ހެދުމަށް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އިންތިހާބު ބާއްވަން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރަށު ގޮފިތަކާއި ދާއިރާތަކުގެ ގޮފިތައް ހަދާނެ ކަމަށާއި ގޮފިތައް އަލުން އިންތިހާބު ކުރެވެންދެން މިހާރު ހުރި ގޮފިތައް ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕާޓީގެ އަސާސީ ގަވާއިދުގެ 28 ވަނަ މާއްދާއިން ރަށު ގޮފިތަކާއި އިންތިހާބީ ދާއިރާތަކުގެ ޕާޓީގެ ގޮފިތައް ހެދުމާއި ބެހޭ ގޮތުން މި އޮންނަނީ އަސާސީ ގަވައިދުން ފުރުސަތު ދީފައި. އެކަމަކު މިވަގުތު ހުރިހާ ރަށެއްގައި ދާއިރާ އެއްގައި ގޮފިތައް ނެތްކަން ފާހަގަކޮށްލަން. އެކަންކަން ދިރާސާކޮށް ބަލައި މިހާރުވަނީ ނޮވެންބަރު މަހުގެ 15 ގައި ރަށު ގޮފިތަކާއި ދާއިރާތަކުގެ ގޮފިތައް އަލުން އެކުލަވާލައި އިންތިހާބުކޮށް ނިންމަން. ރޭގެ ކައުންސިލު ބައްދަލުވުމުގައި ރަށު ގޮފިތަކާއި ސިޓީތަކުގެ ގޮފިތައް ކަނޑައަޅައި ވަކި ތާރީހެއްގައި އިންތިހާބު ބާއްވަން މި ނިންމީ،'' ހުސައިން ވިދާޅުވިއެވެ.
މީގެ އިތުރަށް ޖޭޕީގެ އިންތިހާބީ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިންތިހާބުތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި
ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންގެ މަގާމުގެ މަސްއޫލިއްޔަތު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންގެ މަގާމުތަކަށް ކުރިމަތިލެވޭނީ 50 މެންބަރުންގެ ފޯމާއެކު ކަމަށާއި އެ މަގާމުތަކަށް އިންތިހާބުވާ ބޭފުޅުންނަކީ ޕާޓީގެ މިހާރުގެ ކައުންސިލަށް އިތުރުވެގެންދާނެ މެންބަރުން ކަމަށެވެ.