ޕީއެސްއެމް

އިންތިޚާބުގެ ކަވަރޭޖް ޚަރަދަށް ޕީއެސްއެމްގެ ބަޖެޓަށް 10 މިލިއަން އިތުރުކޮށްދޭން ރައީސް އަންގަވައިފި

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ކަވަރޭޖު ހެދުމަށް ޕީއެސްއެމްގެ ފަރާތުން ހޭދަކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ ބަޖެޓަށް އެތުރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.

އެ ކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ އިކޮނޮމިކް އެފެއަޒް، މުހައްމަދު ލުވޭޒް ސޮއިކުރައްވައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ތާރީޚުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް "ވަން އޮންލައިން"އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ލުވޭޒް ވިދާޅުވެފައިވާ ގޮތުގައި ޕީއެސްއެމުން މި އަހަރުގެ ތެރޭގައި ކުރައްވާފައިވާ ބައެއް ޚަރަދުތަކަށް ދައުލަތުގެ ބަޖެޓުން ލިބެން ޖެހޭ ފައިސާ އެ ކުންފުންޏަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަން ބަޔާންކޮށް، އެ ފައިސާ ލިބޭނެ ގޮތް ހަމަޖައްސަަވައިދެއްވުން އެދި ޕީއެސްއެމުން ވަނީ ރައީސް އޮފީހަށް ސިޓީއަކުން ދަންނަވައިފަ އެވެ.

އެ ސިޓީގައި ލުވޭޒު ވަނީ ޕީއެސްއެމުގެ ސިޓީގައިވާ މައްސަލައާ ގުޅޭ ގޮތުން އަމަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ގޮތް ފިނޭންސް މިނިސްޓަރަށް އަންގަވައިފަ އެވެ. އެ ގޮތުން ދެ ކަމެއް ވަނީ ފާހަގަކުރައްވައިފަ އެވެ. ފުރަތަމަ ކަމަކީ ރިޔާސީ އިންތިޚާބުގެ ކަވަރޭޖުގެ ޚަރަދު ތަކުގެ ބިލުތައް ދެއްކުމަށް 10629745 ރުފިޔާ އެ ކުންފުނީގެ ބަޖެޓަށް އިތުރުކޮށްދެއްވުމެވެ.

ދެވަނަ ނުކުތާގައި ލުވޭޒް ވިދާޅުވެފައި ވަނީ، މި އަހަރަށް ފާސްކުރި ބަޖެޓުގައި ކެޕިޓަލް އިންވެސްޓްމެންޓަށް 20 މިލިއަން ރުފިޔާ ޕީއެސްއެމަށް ދޫކުރާ ގޮތަށް ކަނޑައަޅާފައިވުމާ އެކު، އެ ފައިސާ އަށް ބަރޯސާވެ، ޕީއެސްއެމުން ވަނީ ގިނަ ޚަރަދުތަކެއް ކޮށްފަ އެވެ. އެ ގޮތުން ޓީވީ އިމާރާތުގެ އާބާތުރަ ފިލުވުމާއި ޓީވީ އާއި އަޑުގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ އިތުރުން ބައެއް އިކުއިޕްމެންޓު ތަކާއި ވެހިކަލް މަރާމާތުގެ މަސައްކަތް ތަކެއް ވެސް ވަނީ ކޮށްފަ އެވެ.

އެހެން ކަމުން އެ ޚަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން ދެނެގަނެ، އެ ފައިސާ މި އަހަރުގެ ބަޖެޓުގެ ތެރެއިން ދޫކުރެވެން އޮތްތޯ ބެލުމަށް ފަހު އެ މައްސަލައިގައި އަމަލުކުރަން ހުށަހަޅާ ގޮތުގެ މައުލޫމާތާ އެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގުމަށް ލުވޭޒްގެ ސިޓީގައި ފިނޭންސް މިނިސްޓަރަށް ވަނީ އަންގަވައިފަ އެވެ.

ޕީއެސްއެމަށް އިތުރު 30 މިލިއަނެއްހާ ރުފިޔާ ދޫކުރަން އުޅޭ އިރު އެ ކުންފުނީގެ ވެރީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީން އަންނަނީ ތަހުގީގުކުރަމުންނެވެ.