އިލެކްޝަންސް ކޮމިޝަން

އިލެކްޓްރޯނިކް އެއްވެސް ނިޒާމެއް މަޖިލީހުގެ އިންތިޚާބުގައި ބޭނުމެއް ނުކުރާނަން: އީސީ

2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލެކްޓްރޯނިކް އެއްވެސް ނިޒާމެއް ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމު ބޭނުން ކުރުމުން ބައެއް ފަރާތްތަކުން ޝަކުވާ ކުރި ކަމަށެވެ. އަދި އިލެކްޓްރޯނިކް ވޯޓަކަށް ދިއުމަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް އެހާ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމު ބޭނުން ނުކުރާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

''މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެއްވެސް ވަރަކަށް އިލެކްޓްރޯނިކް ނިޒާމު ބޭނުމެއް ނުކުރާނަން. އިލެކްޓްރޯނިކް ވޯޓިންއަކަށް ދިއުމަކީ ރާއްޖެފަދަ ގައުމަކަށް އެހާ މުހިންމު ކަމެއްކަމަކަށް ނުފެނޭ.'' އީސީގެ ރައީސް ޝަރީފު ވިދާޅުވިއެވެ.

ނަމަވެސް ޝަރީފު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން ކުރުމަށް އިލެކްޓްރޯނިކް ނިޒާމަކަށް ހިނގައްޖެނަމަ، ރީ-ރެޖިސްޓްރޭޝަންގައި ދިމާވާ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށެވެ.