އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އާއި ނައިބު ރައީސް ފާތިމަތު ޒައިނާ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެެޖެންޑާ ކޮށްފައިވަނީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ގާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާގުޅޭ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ. އެ ރިޕޯޓަކީ އެ ދެބޭފުޅުން ކޮމިޝަނުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށް ހުށަހަޅާފައިވާ ރިޕޯޓެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެ ދެބޭފުޅުން ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ، އެ މައްސަލަ މަޑުޖައްސާލާފައިވަނީ އެކަން ކޮމިޓީން ނިންމި ގޮތުގެ އިޖުރާއަތްތަކާބެހޭގޮތުން ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
މިިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުން މެންބަރުންނަށް އަންގަންޖެހޭ ކަމެއްގެ ގޮތުގައި އެކަން އަންގަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދެ ބޭފުޅަކު މަގާމުން ވަކި ކުރުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި އެކަމާބެހޭ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެންނަވައި މަޑު ކުރެއްވީ އެކަން ހިނގައިދިޔަ ގޮތުގެ އިޖުރާއަތްތަކާމެދު ކަންބޮޑުވެ ވަަޑައިގެން އެކަން އިތުރަށް ބެއްލެވުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ދެބޭފުޅަކު ވަކިކުރަން ނިންމެވި ގޮތާ ގުޅޭގޮތުން އަޅުގަނޑު ހަމަ ގައިމުވެސް އެކަން ހިނިގި އިޖުރާއަތާ ގުޅޭގޮތުން އަޅުގަނޑުގެ ކަންބޮޑުވުމެއް އޮތަތީ އަޅުގަނޑު އެކަން އިތުރަށް މަޑުކޮށް ބަލަން އެދުނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޝަހީބާއި ޒައިނާ ބްރޯޑްކޮމުން ވަކިކުރަން 19 ޖޫންގައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ހަވަނަ ބައްދަލުވުމުން ފާސްކުރީ، އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ދެއްވި ޖަވާބުތަކަށް ބަލައި ކުއްލި ކަމެއްގެ ގޮތުގައެވެ.
މި މައްސަލައާ ބެހޭގޮތުން ދެއްކެވި ވާހަކައިގައި، މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކި ކުރުމުގައި މާ ސާފު އިޖުރާއަތްތަކެއް އޭރު ނޯންނަކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މުއައްސަސާތަކުގެ މެންބަރުން ވަކިކުރަން އޮންނަނީ، އެ ފަރާތްތައް ގާނުނީ ގޮތުން އަމަލު ކޮށްފައިވާ ގޮތް ބަލައި ކޮމިޓީއަށް ސާފުކޮށް ނަމެއް ފޮނުވުމުން އެ މައްސަލަ ކޮމިިޓީން ބެލުމަށްފަހު އެ މެންބަރަކު ވަކިކުރަން ފާސްކުރާ ގޮތަށް ކަމަށެވެ.
އަދި އޭރަކީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަމުންދިޔަ ވަގުތު ކަމަށާއި، މުއައްސަސާތަކުގެ މަގާމުގައި ތިއްބަވާ ބޭފުޅުން ވަކި ކުރުމުގެ އިޖުރާއަތްތަކެއް މިހާރު މަޖިލިސް ހިންގާ ގަވާއިދުުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަަށްވެސް ނަޝީދު ވިދާޅުވިއެވެ.