އިބްރާހިމް ޒަކީ
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މ. ސީނާ ޑޮކްޓަރ އަޒްމިރަލްދާ ޒާހިރު އާއި މ. ކޮކާހަނދުވަރުގެ، އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަޒްމިރަލްދާ އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރެއްވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމެވެ. އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ދެން އޮންނާނީ އެކަމަށް މަޖިލީހުން ގޮތެއް ނިންމުމަށް ވޯޓަށް އެހުމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އަޒްމިރަލްދާ އާއި އައިޝާ ޝުޖޫން އައްޔަން ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ދެބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ހުސްވި އޯގަސްޓް ކަމުގެ 26 ގައެވެ.
އެ ދެބޭފުޅުންގެ ނަން ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، އެ ދެނަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުއްވުމުން، އެ މަގާމަށް އެ ދެ ބޭފުޅުން އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް ސޯލިހަށް ލަފާ އެރުވުމުންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަން ފާސްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ފޮނުވި މައްސަލާގައި ދީނީ ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.