ޕީޖީ އޮފީސް

ރިލްވާންގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމުން އިންސާފު ގާއިމުކުރުމަށް ފިޔަވަޅު އަޅާނަން: ޕީޖީ

އާނިފާ ހުސެއިން ސިރާޖް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލަ ރަސްމީކޮށް ހުށަހެޅުމުން އިންސާފު ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅުއްވާނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އަހްމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން މިއަދު ޕީޖީ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ ރިލްވާން ގެ މައްސަލައާ ގުޅޭ ގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާ އެކު މަސައްކަތް ފަށާފައިވާ ކަމަށާއި މައްސަލަ ރަސްމީކޮށް ޕީޖީ އޮފީހަށް ހުށަހެޅުއްވުމުން އިންސާފު ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމުގައެވެ.

ރިލްވާން ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާ ކުރުން އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

ރިލްވާންގެ މައްސަލަ ތަހުގީގުކޮށް ލިބުނު ބައެއް މައުލޫމާތުތައް ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ކޮމިޝަނަށް ލިބިފައިވާ ހެކިންގެ ހެކިބަހަށް ބަލައި ކުރެވުނު ތަހުގީގުތަކުން ދައްކަނީ، ރިލްވާން ކިޑްނެޕްކޮށް، ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް ޑިންގީއަކަށް އަރުވައިގެން ކަނޑުގައި އޮތް އިތުރު އުޅަނދަކަށް އަރުވައިގެން މަރާލާފައިވާ ކަމަށެވެ.

އެކަން ކޮށްފައިވަނީ ހަތެއް އޮގަސްޓް 2014 ގެ ރޭ ދަންވަރު، ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮފިން ކަމަށާއި މައްސަލާގައި އިތުރު ހެކި ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.