އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލު އިސް ދަރިވަރުންގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދިއަށް

1

އަމީނިއްޔާ ސްކޫލުގެ 75 އަހަރުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުގެ އިސް ދަރިވަރުންގެ މެދުގައި ބޭއްވި އިންޓަ ހައުސް ނެޓްބޯޅަ މުބާރާތް ނިންމާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފެށި އަމީނިއްޔާ ސްކޫލުގެ "ޕާސްޓް ޕިއުޕިލްސް އިންޓަ ހައުސް ނެޓްބޯލް ޓޯނަމެންޓް" ނިންމާލާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ. އެ މުބާރާތް ޝަރަފުވެރިކޮށްދެއްވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއެވެ.

އެ މުބާރާތުގައި ޖުމުލަ ހަތަރު ހައުސްއަކުން ވާދަކުރިއެވެ. އެއީ އާމިނާރަނި، ރާދަފަތި، ރެހެންދި އަދި ދައިންކަނބާއެވެ. އެ މުބާރާތުގައި 35 އަހަރުން ދަށުގެ އުމުރުފުރާ އަދި 35 އަހަރުން މަތީގެ އުމުރުފުރާ ކުރިއަށްދިޔައީ ވަކިންނެވެ.

އެ މުބާރާތުގެ 35 އަހަރުން ދަށް އަދި 35 އަހަރުން މަތީގެ ކެޓަގަރީގެ ވެސް ޗެމްޕިއަންކަން ހޯދީ ރެހެންދިއެވެ. މުބާރާތުގެ 35 އަހަރުން ދަށުގެ ކެޓަގަރީގެ ޗެމްޕިއަންކަން ރެހެންދި ހޯދީ ފައިނަލުގައި އާމިނާރަނި ބަލިކޮށްގެންނެވެ. އަދި 35 އަހަރުން މަތީގެ ކެޓަގަރީގެ ޗެމްޕިއަންކަން ރެހެންދި ހޯދީ ފައިނަލުގައި ދާއިންކަނބާ ބަލިކޮށްގެންނެވެ.

އަމީނިއްޔާ ސްކޫލުގެ 75 އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ އިތުރުން "އަމީނީ ޑައިމަންޑް ޖުބިލީ ރަން"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންނެވި ހާއްސަ ދުވުމަކާއި އަމީނީ އަލިމަސް ކާނިވަލާއި ފެއާއަކާއި ހާއްސަ ފުޓްބޯޅަ މެޗަކާއި ގޯގްރީން ޕްރޮގްރާމް އަދި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އާޓް އެންޑް ކްރާފްޓް އެގްޒިޗިޝަނެއް ކުރިއަށްގެންގޮސްފައިވެއެވެ. އެ ހަރަކާތްތަކުގައި އެ ސްކޫލުގެ އިސް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟