މަރުތައް ތަހުގީގުކުރާ ކޮމިޝަން

ރިލްވާން މައްސަލައިގެ ރިޕޯޓު، މަޖިލިސް ރައީސަށް އަރުވައިފި

އިބްރާހިމް ޒަކީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާ ގުޅިގެން އެކުލަވައިލި ޑްރާފްޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވައިފި އެވެ.

މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެރުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސްއާ ބައްދަލު ކުރެއްވުމަށްފަހުއެވެ.

ހައްދު ފަހަނައަޅާފައިވާ ޖަމާއަތަކުން ޑިންގީއަކަށް އަރުވައިގެން ގެންގޮސް ކަނޑުގެ އުޅަނދަކަށް އަރުވައިގެން ރިލްވާން ވަނީ މަރާލާފައި ކަމަށް، ވިދާޅުވެ، އެ ކޮމިޝަނުން ހިންގި ތަހުގީގާބެހޭ މައެއް މައުލޫމާތުތައް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކޮމިޝަންގެ ރައީސް ސުއޫދު ވަނީ ހާމަ ކުރައްވައިފައެވެ.

ސުއޫދު ހާމަކުރެެއްވި މައުލުމާތާ ގުޅިގެން ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ވަކިހިއްޕާލާފައިވާ އަނދިރި ދައުލަތް އެއްކޮށް ރޫޅާލަން ޖެހޭ ކަމަށެވެ.