ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން، މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާންގެ މަރާ ގުޅޭ ގޮތުން، އިއްޔެ މީޑިއާއަށް ދިން މައުލޫމާތުތަކާ ގުޅިގެން ވަރަށް އަވަހަށް ރަސްމީ ބަޔާނެއް ނެރުއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމުގެ ގޮތުން އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ފަހުއެވެ. މި ދަތުރުގައި މުހިއްމު ބައްދަލުވުންތަކެއްކައި ބައިވެރިވެވަޑައިގެންނެވުނު ކަމަށާއި، ޓެރަރިޒަމްގެ މައްސަލަތައް ހަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ހަމީދު ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން ހާމަ ކުރި މައުލޫމާތާއި ގުޅިގެން ހަމީދު ވިދާޅުވީ އާންމުންގެ އިތުބާރު ހޯދުމަށް ފުލުހުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ.
ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އިއްޔެ ބުނީ ރިލްވާން ވަނީ ކަނޑު އުޅަނދަކަށް ގެންގޮސް މަރާލާފައިވާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝިދު މަރާލާފައި ވަނީ ރާއްޖޭގައި އުފެދިފައިވާ ހަރުކަށި ވިސްނުމުގެ ޖަމާއަތަކުން ހަރަދުކޮށްގެން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.