ވިޔަފާރި

އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިޒޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ބައިވެރިވެވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

1

ރ. އަތޮޅު މާމުނަގައުގައި އަލަށް ތަރައްގީކުރި "އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިޒޯޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ހަފުލާގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަން ކުރުމުގެ ތެރެއިން ފަތުރުވެރިކަން ތަފާތުކުރުމަށްޓަކައި ދިވެހިންގެ ސަގާފަތާއި އާދަކާދަ މުހިންމު ދައުރެއް އަދާކުރާ ކަމުގައެވެ.

މީގެ އިތުރުން މިނިސްޓަރުގެ ވާހަކައިގައި ދިވެހި އާޓިސްޓުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރިޒޯޓުން ފުރުސަތުދެއްވި ކަމާއި މިނޫންވެސް ދިވެހި ފަންނުވެރިންގެ ހުނަރު ކުރިއެރުވޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށް ރިޒޯޓުގެ މެނޭޖްމަންޓުން އަހަންމިއްޔަތުކަން ދެއްވާފައިވާ ކަން ވަނީ ފާހަގަކުރެއްވިއެވެ. އެގޮތުން ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %56 އަކީވެސް ދިވެހިންނަށް ވުމުން ދިވެހިންގެ ބައިވެރިވުމާއެކު ރިޒޯޓު ހިންގުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވާތީ މިނިސްޓަރ އަލީ ވަހީދު އެ ރިސޯޓުގެ މެނޭޖްމެންޓަށް ޝުކުރު އަދާކުރެއްވި އެވެ.

މިއީ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖޭގައި ހުޅުވިގެންދިޔަ 16 ވަނަ ރިޒޯޓު ކަމަށާއި އާ ސަރުކާރު ވެރިކަމަށް ހަވާލުވިފަހުން މުޅިން އާ 16 ރިޒޯޓަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އޯޕެނިންގް ލައިސަންސް ދޫކޮށްފައި ކަމަށް ޓުރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟