އުމަރު ނަސީރު

ރިލްވާންގެ މައްސަލާގައި ސުއޫދު ހާމަކުރީ ކުރިން ވެސް ހޯދާފައިވާ މައުލޫމާތުތަކެއް: އުމަރު

ޝަހީދާ އަބްދުﷲ ސައީދު

1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ގުޅޭގޮތުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ހާމަކުރި މައުލޫމާތުތަކަކީ އެ ކޮމިޝަނުން އަލަށް ހޯދި މައުލޫމާތުތަކެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރުމަށް މަރުތައް ތަހުގީގު ކުރަމުންދާ ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ، ކޮމިޝަނަށް ލިބިފައިވާ ހެކިންގެ ހެކިބަހަށާއި ކުރެވުނު ތަހުގީގުތަކަށް ބަލާއިރު، ރިލްވާން ރަހީނުކޮށްގެން ގެންގޮސް ޑިންގީއަކަށް އަރުވައި، ކަނޑުގައި އޮތް އުޅަނދެއްގައި މަރާލާފައިވާ ކަމަށެވެ.

އެކަން ކޮށްފައިވަނީ އަލްގައިދާގެ ރާއްޖޭގެ ގޮފިން، 7 އޮގަސްޓް 2014 ގެ ރޭ ދަންވަރު ކަމަށް ވެސް ވިދާޅުވިއެވެ.

ރިލްވާން ވަގަށް ނެގިއިރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރިލުވާންއާ ގުޅޭގޮތުން މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ހާމަކުރެއްވީ ފުލުހުންގެ ތަހުގީގުގައި ކުރިން ވެސް ހޯދާފައިހުރި މައުލޫމާތު ތަކެއް ކަމަށެވެ.

އަދި އެ މައުލޫމާތުތަކުގެ އަލީގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށްފަހު ޖަލުގައި ބަންދުކޮށްގެން ތަހުގީގުކޮށް، ޝަރީއަތަށް ވެސް ފޮނުވުނު ކަމަށާއި ނަމަވެސް ޝަރުއީ ކޯޓެއްގައި ސާބިތުކުރާ ވަރަށް ހެކި ނެތުމުން އެ މައްސަލަ ސާބިތު ނުކުރެވިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދައުލަތުގެ ފަރާތުން މީހަކު މަރުވި ކަމަށް ބުނެވޭނީ ދެ ހާލަތެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ހާލަތަކީ މަަރުވި މީހެއްގެ ހަށިގަނޑު ފެނުން ކަމަށާއި ދެވަނަ ހާލަތަކީ މަރާލި މީހުންގެ ބަހުން ނުވަތަ އެހެން ބަޔެއްގެ ބަހުން ނަމަވެސް ޝަރުއީ ކޯޓެއްގައި އެކަން ސާބިތުވުން ކަމަށް އުމަރު ވިދާޅުވިއެވެ.

އެއީ މުޅި ދުނިޔޭގައި އަމަލު ކުރަމުންދާ އުސޫލު ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން އެ މައުލޫމާތުތައް ހާމަ ނުކުރީ އެ ސަބަބުތަކާ ހުރެ ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރިލްވާންގެ މައްސަލަ އޭރުވެސް ބެލީ، އަދި މިހާރު ވެސް ބަލަމުން ގެންދަނީ ފުލުހުންގެ އިދާރާގައި ތިބި އެންމެ މޮޅު އިންވެސްޓިގޭޓަރުން ކަމަށާއި ކުރިން ނުހޯދިފައިވާ އާ ހެއްކެއް ލިބިފައިވާނަމަ އަވަހަށް މައްސަލަ ޝަޜީއަތަށް ފޮނުވުމަށް އެދޭ ކަމަށެވެ.

"ރިލްވާންގެ މައްސަލަ ނުބަލަން ނުވަތަ ލަސް ކުރަން ނުވަތަ ފޮރުވަން ރައީސް ޔާމީން ދުވަހަކުވެސް އަޅުގަނޑަކަށް އަންގާފައެއް ނެތް. އަދި ޕޮލިސް އަށް އެފަދަ އެންގެވުމެއް އަންގާފައެއް ވެސް ނެތް،" އުމަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟