ާއަހުމަދު ރިލްވާން

އެއްވެސް އިރެއްގައި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރައެއް ނުކުރަން: ރިލްވާން

ފަތޯނާ ފާއިޒު

ދީނީ ކަންކަމުގައި ހިޔާތު ތަފާތު ވިޔަސް، އެއްވެސް އިރެއްގައި ޤުރުއާނަށާއި، ރަސޫލާއަށް ފުރައްސާރަ ކޮށްފައި ނުވާނެ ކަމަށް މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަދި ބްލޮގަރު އަހްމަދު ރިލްވާން އޭނާއަށް މަރުގެ އިންޒާރު ދިން މީހާ ކައިރީގައި ބުނިކަން ހާމަވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ އަހްމަދު ރިލްވާން މަރާލާފައިވަނީ ސީރިޔާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރި ޖަމާއަތާއި، ރާއްޖޭގައި ތިބެގެން ސީރިޔާއަށް ގެންދާނެ މީހުން ރެކްރޫޓް ކުރާ ޖަމާއަތުން ގުޅިގެން ކަަމަށެވެ. އަދި ރިލްވާނަށް މަރުގެ އިންޒާރު ދިނީ ސީރިޔާގައި ހަރަކާތްތެރިވާ ޖަމާއަތުން ހިންގާ މީޑިއާ ގްރޫޕް ކަމަށްވާ، ބިލާދުއްޝާމްގެ ފޭސްބުކް ޕޭޖްގެ އެޑްމިން އަބޫ ދުޖާނާ އަލް މާލްދީފީ ކިޔާ މީހެއް ކަމަށެވެ.

2104 ވަނަ އަހަރުގެ މެއިމަހުގެ 27 ވަނަ ދުވަހު، އަބޫ ދުޖާން ފޭސްބުކް މެސެންޖަރއިން ރިލްވާނާ ވާހަކަ ދެއްކި ކަމަށާއި، އެ ވާހަކަތަކުން އެނގެނީ ސީރިޔާއަށް ގޮސްފައިވާ މީހުންގެ މައުލޫމާތާއި އެމީހުންނާ ގުޅުން އޮންނަ މީހުންގެ މައުލޫމާތު ރިލްވާނު ފުލުހުންނަށް ދޭ ކަމަށް އަބޫ ދުޖާނާ ޝައްކު ކުރާކަން ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ރިލްވާނަކީ އެއްވެސް ކަލަކު ގަބޫލު ކުރާ މީހެއް ނޫން ކަމަށްވެސް އަބޫދުޖާނާ ވަނީ ތުހުމަތު ކޮށްފައެވެ. އޭގެ ޖަވާބުގައި ރިލްވާން ވަނީ އޭނާއަކީ ކަލަކުވާކަން ގަބޫލު ނުކުރާ މީހެއް ނޫން ކަމަށް ބުނެފައެވެ.

"އަަހަންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ނުފަތުރާށެވެ. ކަލޭގެ ދޮގުތަކަށް މާތްﷲ ކަލެއަށް ލައުނަތް ލައްވާނެއެވެ. އެހެން އިންސާނެއްގެ ހައްގުތަކަށް އަރައިގަންނަ މީހާ މާފު ދިނުމުން މެނުވީ، މާތްﷲ އެމީހަކަށް މާފު ނުކުރައްވާނެކަން ކަލެއަށް އެނގޭނެ ކަމަށް އަހަރެން އުއްމީދު ކުރަމެވެ. ކަލޭ ތިޔަ ބުނި އަހަރެންގެ ބޭބެއަކީ ދޮގު ހަދާ މީހެކެވެ. އަދި މުނާފިގެކެވެ. އޭނާ އަހަރެންނޭ ކިޔައިގެން ދޮގު ހަދަމުން ދަނީ އަހަރުމެންގެ އާއިލީ މައްސަލަތަކާ ހުރެއެވެ. އެއީ މަގޭ އާއިލީ ވާހަކަތަކެއް ކަމުން އަހަރެން މި ވާހަކަތައް ކަލެއާ ހިއްސާކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން އިވޭ ކޮންމެ ދޮގު ވާހަކައެއް ހިފައިގެން އެވާހަކަ ނުފަތުރާށެވެ. ކަލޭ ރަނގަޅަށް ގުރުއާނަށް ތަބާވާނަމަ، މިވާހަކަތަކުގެ ދޮގު ތެދު ކަށަވަރު ކުރަންޖެހޭނެއެވެ. އަހަރެންގެ ގެ ހޯދައިގެން ގެއަށް ގޮސް، އަހަރެންގެ މަންމައާއި ދައްތަމެންނާއި އަހަރެންގެ ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރާ މީހުންކުރެ ކައިރީގައި އަހަރެން ނަމާދު ކުރޭތޯއާއި ރޯދަ ހިފާތޯ ބަލާށެވެ. ސަލަފީ ހިޔާލުތަކާ އަހަރެން ދެކޮޅު ހަދާތީ ފިތުނަ އުފައްދަން ބޭނުންވާ ނަމަ، އަހަރެންނަކީ ލާދީނީ މީހެކޭ ކިޔަންޏާ ކިޔާށެވެ. އެހެންނަމަވެސް އަހަރެންނަކީ ދީން ގަބޫލު ނުކުރާ މީހެކޭ ނުކިޔާށެވެ. އަހަރެންނަކީ ޖިހާދީއެކެވެ. އަދި އެއް އިރެއްގައި އަހަރެން ދީނާމެދު ޝައްކު ކުރީމެވެ. ނަމަވެސް އެއީ މީގެ ފަހެއް ނުވަތަ ހަ އަހަރު ކުރިިއެވެ. ނަމަވެސް އޭރުވެސް ރަސޫލާއަށް އަދި ޤުރުއާނަށް އަހަރެން ފުރައްސާރަ ކޮށްފައެއް ނުވާނެއެވެ. އަހަރެން އެފަދަ ކަމެއް ކޮށްފައިވާނަމަ، އަހަރެން ކޮށްފައިވާ އެފަަދަ ކަމެއް ދެއްކުމަށް ކަލެއަށް ގޮންޖަހަމެވެ. އެހެންވީމަ ދޮގު ވާހަކަ ފެތުރުން ހުއްޓާލާށެވެ. ތި ބުނާ ޕޭޖެއްގެ އެއްވެސް ލިޔުމަކަށް އަހަރެން އެއްވެސް ކޮމެންޓެއް ނުކުރާތާ އަހަރުތަކެއް ވެދާނެއެވެ. ފާޅުގައި އެއްވެސް ދީނެއް ގަބޫލު ނުކުރާ ބައިވަރު ދިވެހިން މިތާ އުޅުނަސް ކަލޭމެނަށް އަހަރެން ދޫކޮށްފައި ބެހެއްޓޭނެ ގޮތެއް ނުވެއެވެ. ތިޔަ ވައްތަރަށް ޖާހިލުކޮށް ރަސޫލާ އަމަލު ކުރައްވާނެ ކަމަށް އަހަރެންނަކަށް ނުވިސްނެއެވެ. އެހެންވީމަ ރަސޫލާ އެންގެވި ގޮތަށް ނޫޅެވެންޏާ ތިޔައީ އަހުލުއްސުއްނަތުގެ މީހުންނޭ ކިޔުން ހުއްޓާލާށެވެ. ކަލޭމެންގެ ރައުޔާ އަހަރެންގެ ރައުޔާ އެއްގޮތް ނުވިޔަސް، އަހަރެންނަކީ ކާފިރެއް ކަމަށް ނުހެދޭނެއެވެ. އަހަރެން އެއްވެސް އިންސާނެއް ދެކެ ބިރެއް ނުގަންނަމެވެ. އެހެންވީމަ ކަލެއަށް އަދި އެހެންވެސް ފަރާތަކަށް އަހަރެން ސާބިތުކޮށްދޭން ޖެހޭ އެއްޗެއް ނެތެވެ. އެހެންކަމުން، އަހަންނާ ﷲއާ ދެމެދު ވާ ގުޅުމުގެ ތަފްސީލެއް އަހަރެން ކަލެއަށް ކިޔައެއް ނުދޭނަމެވެ. އަހަރެންނަކީ ކަލަކު ވޮޑިގެން ވާ ކަމަށް ގަބޫލު ނުކުރާ މީހެކޭ ނުކިޔާށެވެ. އަދި ކުރިއަށް އޮތްތަނުގައި އެއްވެސް މައްސަލައެއް އޮތް ނަމަ އަހަންނާ އެންމެ ފުރަތަމަ ވާހަކަ ދައްކާށެވެ. އަހަރެންނަށް ކުރެވެން އޮތް ކަމެއް އަހަރެން ކޮށްދޭނަމެވެ. ގަސްތުގައި ނުވަތަ އެހެންވެސް ގޮތަކަށް އެއްވެސް މީހަކަށް އަނިޔާއެއްވާކަށް އަހަރެން ބޭނުމެއް ނުވެއެވެ. ރަނގަޅަށް ވާހަކަ ދައްކައިގެން ވަަރަށް ގިނަ ކަންކަން ހައްލު ކުރެވޭނެއެވެ."

މިއީ އަބޫ ދުޖާންއަށް ރިލްވާން ފޮނުވި މެސެޖް ކަމަށް ހުސްނުއް ސުއޫދު ވިދާޅުވިއެވެ. އެމެސެޖުގެ ޖަވާބުގައި، 2014 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހު އަބޫ ދުޖާނާ ބުނި ކަމަށް ވަނީ "ކަލެއާ އަހަރުމެންނާ ދެމެދު އެއްވެސް އެއްބާރުލުމެއް ނޯންނާނެއެވެ. އެކަން ސާފު އެނގުމަކުން އެނގިގެން ހުންނާށެވެ. އަދި ކަލެއަށް އޮތީ ކުރު ދުވަސްތަކެކެވެ." މިހެންނެވެ.

ސުއޫދު ވިދާޅުވީ ރިލްވާނަށް މަރުގެ އިންޒާރު ދިނީ އޭނާ 2014 ވަނަ އަހަރުގެ މެއިމަހުގެ ފަހެއް، އަދި 27 ވަނަ ދުވަހު ލިޔުނު ލިޔުންތަކެއްގެ ސަބަބުން ކަމަށެވެ. އަދި 2011 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު މިނިވަން ފިކުރުގެ މީހުން، ދީނީ މިނިވަންކަމަށް ގޮވާލައި، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި އެއްވުމުގައިވެސް ރިލްވާން ބައިވެރިވި ކަމަށް ސުއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިލްވާނަށް އިންޒާރު ދިން އަބޫ ދުޖާނާގެ އަސްލު ނަމަކީ ޖޯޖިއާ ޔާމީން ނައީމުކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގައި އޭނާ ސީރިޔާގައި މަރުވެފައިވާ ކަަމަށެވެ. އޭނާ އަކީ ބިލާދުއްޝާމް މީޑިއާ ގްރޫޕްގެ އެޑިޓަރެވެ.

2014 ވަނަ އަހަރުގެ އޯގަސްޓްމަހު ރިލްވާން ގެއްލުނުއިރު، އޭނާ މަރާލާފައިވަނީ ޑިންގީއަކަށް އަރުވައިގެން، ކަނޑުގެ އެހެން އުޅަނދަކަށް ގެންގޮސްގެން ކަން ތަހުގީގަށް އެނގޭ ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.