ތ އަތޮޅު ކައުންސިލް މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ތ އަތޮޅުގެ ކައުންސިލުން ވަނީ އެ އަތޮޅުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކުގެ އިތުރަށް ރައްޔިތުންގެ ކަނބޮޑުވުންތަކާއި އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން ނައިބު ރައީސާ މަޝްވަރާ ކުރައްވާފައެވެ.
ކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ ތ އަތޮޅުގެ 13 ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރެވެ. އެގޮތުން އެ އަތޮޅުގެ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރަން ހުރި ކަންކަމުގެ ތެރެއިން، 24 ގަޑިއިރު ހުރިހާ ރަށަކުން ބޭސް ލިބުމުގެ އިންތިޒާމު ފަހިކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ. މީގެ އިތުރުން ސީ އެމްބިއުލެންސްގެ ހިދުމަތުގެ ހުރި މައްސަލަތަކާއި އެކަމާގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ނައިބު ރައީސް އާއި ހިއްސާކޮށްފައިވެ އެވެ.
ތ އަތޮޅުގެ ކައުންސިލް ގެ މެންބަރުން މި ބައްދަލުވުމުގައި ވަނީ އެ އަތޮޅުގެ އެކި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތައް ބާރުވެރު ކުރުމާއި ގުޅޭގޮތުންވެސް ނައިބު ރައީސާއާ މަޝްވަރާ ކުރައްވާފައެވެ. އަދި އަތޮޅު ފެރީ ނިޒާމުގެ ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.
ނައިބު ރައީސް ވަނީ ތ އަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކާއި މިނިސްޓްރީތަކާ މަޝްވަރާކޮށްގެން އެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ އަތޮޅުގެ ތަރައްގީއަށް ރޭވިފައިވާ ބައެއް މަޝްރޫތަކާއި ގުޅޭ މައުލޫމާތު ނައިބު ރައީސް ތ އަތޮޅު ކައުންސިލާއި ހިއްސާކުރެއްވެވިއެވެ.