އިބްރާހިމް ޒަކީ
ޑިންގީއަކަށް އަރުވައިގެން ގެންގޮސް ކަނޑުގެ އުޅަނދަކަށް އަރުވައިގެން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ މަރާލާފައި ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބުނެފިއެވެ.
ރިލްވާންގެ މައްސަލަ ތަހުގީގުކޮށް ލިބުނު ބައެއް މައުލޫމާތުތައް ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ކޮމިޝަނަށް ލިބިފައިވާ ހެކިންގެ ހެކިބަހަށް ބަލައި ކުރެވުނު ތަހުގީގުތަކުން ދައްކަނީ، ރިލްވާން ކިޑްނެޕްކޮށް، ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް ޑިންގީއަކަށް އަރުވައިގެން ކަނޑުގައި އޮތް އިތުރު އުޅަނދަކަށް އަރުވައިގެން މަރާލާފައިވާ ކަމަށެވެ.
އެކަން ކޮށްފައިވަނީ ހަތެއް އޮގަސްޓް 2014 ގެރޭ ދަންވަރު ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ރިލްވާން މަރައިލީ ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮފިން ކަމަށެވެ.
ސޫދު ވިދާޅުވީ 7 އޯގަސްޓް 2014 ދުވަހުގެރޭ، 10:00 އިން ފެށިގެން އެރޭ 12:55 ވަންދެން މާލެއިން ރިލްވާނަށް ފާރަ ލަމުންދާކަން ސީސީޓީވީ ފްޓޭޖުގެ ތިން ގަޑިއިރުގެ ވީޑިއޯއިން ފެންނަނީ އެ ޖަމާއަތުގެ ދެމީހުން ކަމުގައިވާ މުހައްމަދު ހާމިދާއި މުހައްމަދު ސުވެއިދު ކަމަށެވެ. އަދި އެ ދެ މީހުންވެސް ވަނީ ސީރިއާއަށް ގޮސްފައިކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
ސޫދު ވިދާޅުވީ، އެރޭ ދަންވަރު 1:00ގެ ފެރީއަށް ރިލްވާން އެރިކަމާއި އެ ފެރީގައި ރިލްވާން، ހުޅުމާލެއަށް ދިޔަކަން، ހުޅުމާލެއަށް ދިއުމަށް އެ ފެރީއަށް އެރި މީހެއްގެ ފަރާތުން އެނގުނު ކަމަށާއި އަދި އެ ފެރީ ހުޅުމާލެއަށް ފޯރާނެކަމަށް ބެލެބެވޭ ވަގުތުގެ ފަހުން ރިލްވާންގެ މޯބައިލް ފޯނުގެ ސިގުނަލް ހުޅުމާލޭގައި ހުންނަ ޝެލް ޓަވަރުތަކަށް ޕިން ވެފައިވާ ކަމަށެވެ.
އެހެންކަމުން އެރޭ ރިލްވާން ހުޅުމާލެއަށް ދިޔަކަން ކަށަވަރުވާ ކަމަށެވެ.
އަދި ހުޅުމާލޭގައި ރިލްވާން ދިރިއުޅުނު 21 ނަމްބަރު ފްލެޓް އިމާރާތާއި އެހިސާބުގެ އެެހެންބަހެއް ފްލެޓްތަކުގައި އުޅޭ ބައެއް މީހުން ދީފައިވާ ހެކިބަހަށް ބަލާއިރު، 21 ނަމްބަރު ފުލެޓް ކުރިމަތިން ކިޑްނެޕްކޮށް ގަދަކަމުން ރަތް ކާރަކަށް އަރުވައިގެން ގެންދިޔައީ ރިލްވާން ކަން ޝައްކު ނުއުފެދޭވަރަށް ޔަގީންވާ ކަމަށްވެސް ސޫދު ވިދާޅުވިއެވެ.
ސޫދު ވިދާޅުވީ، ވޭންދެނިވިގޮތަކަށް ދެތިން ފަހަރު ފިރިހެނަކު ހަޅޭއްލަވާ އަޑަށް، ހެކިބަސް ދިން މީހުން ފްލެޓްތަކުގެ ބެލްކަންޏަށް ނުކުތްއިރު، 21 ނަމްބަރު ފުލެޓް އިމާރާތާ ދިމާލުން ޕޭމަންޓުގައި ހުއްޓާފައިއޮތް ރަތް ކާރެއްގެ ފަހަރު ޝީޓަށް، ގަދަކަމުން މީހަކު ގުދުކޮށް އަރުވަނިކޮށް ފެނުނުކަމަށް ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ކާރު އޮތް ދިމާލުގައި ވަޅިއެއް އޮތް ކަމަށާއި އެމީހުން އެކަން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް ބުނިކަމަށްވެސް ވިދާޅުވިއެވެ.
ސޫދު ވިދާޅުވީ އެ ކާރުގެ ކުރީ ޝީޓުގައި ދެމީހުން ތިބިކަމަށާއި ފަހަތުޝީޓުގައި ރިލްވާންގެ އިތުރުން މީހަކުން އިން ކަމަށާއި އެ އެންމެންނަކީ ކޮންބައެއްކަން ވެސް އެނގޭ ކަމަށެވެ. އަދި އޭގެ ތެރެއިން ކާރުގެ ކުރީ ޝީޓުގައި އިން އެކަކީ އާލިފް ރައޫފުކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ދެން ކާރުގައި ތިބި މީހުންނަކީ ކޮންބައެއްކަމެއް ވިދާޅެއް ނުވެއެވެ.
ސޫދު ވިދާޅުވީ އެ ކާރު ދުއްވާފައިދިޔައީ ހެޑްލައިތް ނިންވާލައިގެން ކަމަށާއި ކާރު ފަހަތުން ސައިކަލްގައި ތިންމީހުން ދިޔަ ކަމަށެވެ.
"އެމީހުން ހެކިބަސްދީފައިވާ މީހަކީ ރިލްވާން ކަން އެކަށީގެންވާ ޝައްކެއް ނެތް މިނަވްރަށް ޔަގިންވޭ، ރިލްވާން އަރުވައިގެން، ކިޑްނެޕް ކޮށްގެން، ގެންދިޔަ ރަތް ކާރަކީ، ރަޖިސްޓްރީިން ނަމްބަރު އޭބީ އައިއޭ ޕީފޯ 4954 އާލިފް ރައޫފަށް ރެޖިސްޓެރީ ކޮށްފައިވަނީ، ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ވަނީ އިއުތިރާފްވެފައި، ހ.ހިލްޓަން އާލިފް ރައޫފު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ޕީޓްރަލް އައްކޮ (އަހުސަން މުހައްމަދު) މެދުވެރިކޮށް އާލިފް ރައޫފުގެ ނައުމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަތްކާރު، އޭނާގެ ރައްޓެއްސެއްކަމުގައިވާ ނޫރައްދީން ބުނެގެން ހުޅުމާލެއަށް ނޫރައްދީން ބޭނުން ކުރުމަށްޓަކައި ފޮނުވައިދިން ކަމަށް،" ސޫދު ވިދާޅުވިއެވެ.
ސޫދު ވިދާޅުވީ، އެ ރަތްކާރުން ފެނުނު އިސްތައްޓަކީވެސް ރިލްވާނާ ގުޅުންހުރި އެއްޗެއްކަން ފޮރެންސިކު ތަހުލީލުތަކުން ދައްކާ ކަމަށެވެ.
"މައްސަލައިގެ ފޮރެންސިކް އެނެލިސިސް އެއް ހެދިފައިވޭ، ރިލަވްނާގެ އިސްތަށިކަމަށް ޝައްކު ކުރެވޭ އިސްތަށިތަކެއް ކާރު ތެރެއިން ފެނިގެން މި އިސްތަށިތައް އޭނަގެ މަންމަގެ އިސްތައްޓާ އަޅާކިއުމުން އެއީ ތިމާގެމީހުންކަން އެނގޭ ޑީއެންއޭ ޓެސްޓްތަކެއް ފެނިފައިވޭ، އަދި ރިލްވާންގެ އެޕާޓްމަންޓްގެ ފާހާނާ ތެެރެއިން ނެގި ރިލްވާން ބޭނުންކުރި ބުރުހުން ނެގުނު ސާމްޕަލްއާ ވެސް ދިމާވޭ، އެެހެންކަމުން ކާރުތެރެއިން ފެނުނު އިސްތަށި، ރިލްވާން މައްސަލައާ ގުޅުން ހުރޭ، އެހެންކަމުން އެކާރުގަ އެރޭ އުފުލީ ރިލްވާންކަަމަށް އެއްވެސް ޝައްކެއް ނެތްވަރަށް ޔަގީންވޭ،" ސޫދު ވިދާޅުވިއެވެ.
ސޫދު ވިދާޅުވީ، ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތަކީ، މިހާތަނަށް ލިބިފައިހުރި ހެކި ވަރުގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.
ރިލްވާން މަރައިލަން އެރުވި އުޅަނދުގެ ވެރިފަރާތަކީ ކޮބައިކަމާއި، އެ އުޅަނދު ޑައިރެކްޓް ކުރަމުންދިޔައީ އައްޑޫ ސިޓީގައި ހުރި މީހެއްކަންވެސް އެނގޭ ކަމަށެވެ.
ސޫދު ވިދާޅުވީ ރަލްވާން މަރައިލި ގޮތާމެދު ހެކިން ކިޔައިދިން ކަންތައްތަކުގައި ތަފާތުތަކެއް ހުރިކަމަށެވެ އެގޮތުން އޭނާ މަރައިލީ ދަލެއްގައި އޮޅާލައިގެން ކަމަށް ބުނާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރިލްވާން މަރައިލި ކަމަށްބުނާ ބުނުމުގައި ތަފާތުތަކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.