މަރުތައް ތަހުގީގުކުރާ ކޮމިޝަން

ރާއްޖޭގައި މީހުން ގަތުލުކުރުމުގެ ހަރަކާތްތައް ހިންގާފައި ވަނީ އަލްގައިދާގެ ޖަބްހަތުއް ނުސްރާއިން: މަރުތަކާ ބެހޭ ކޮމިޝަން

ފަތޯނާ ފާއިޒު

ރާއްޖޭގައި މީހުން ގަތުލުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވަނީ، ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްޕެއް ކަމަށްވާ ޖަބްހަތުއް ނުސްރާއިން ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރާއްޖޭގައި އަލްގައިދާ ޖަމާއަތުގެ ގޮތްޕެއް އުފައްދައި، ހަރަކާތްތެރިވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އެގޮތުން 2009 ވަަނަ އަހަރުން ފެށިގެން އަލްގައިދާގެ ގޮތްޕެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނައިރު، 2014 ވަަނަ އަހަރުގެ ޖޫން މަހު އައިއެސްއަކީ ވަކި ހިލާފަތެއް ކަމަށް ނިންމައި އެކަން އެ ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ އިއުލާން ކުރުމުން، ރާއްޖޭގައި އޮތް އަލްގައިދާ ދެބައިވެގެން ދިޔަ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެތަނުން އެއް ބަޔަކީ، ސުއޫދު ވިދާޅުވި ގޮތުގައި، ބަގްދާދީގެ އައިއެސްއަށް ތާއީދު ކުރާ ބައެކެވެ. އަދި އަނެއް ބަޔަކީ ސީރިޔާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ޖަމާއަތުގެ ގޮތްޕެކެވެ. މި ދެ ޖަމާއަތުން ވެސް ހަރަކާތްތެރިވަމުން ގެންދަނީ މާލޭ ފުރުގާން މިސްކިތުގަޔާއި، ނޫރު މިސްކިތް ސަރަހައްދުގައެވެ.

ސުއޫދު ވިދާޅުވީ، ރާއްޖޭގައި އުފެދުނު އަލްގައިދާ ގޮފީގެ އިސްވެރިއަކަށް ހުންނަނީ މުހައްމަދު މަޒީދު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ޕާކިސްތާނަށް ގޮސް ތަމްރީންވެފައިވާ މީހެއް ކަަމަށާއި އޭނާ ތަމްރީން ހެދީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާއަށް ފަހު ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މަޒީރު ޕާކިސްތާނުން އެނބުރި ރާއްޖެ އައިސް، ރާއްޖޭގައި އަލްގައިދާގެ އުސޫލުތައް އަލުން މުރާޖައާކޮށް، ތަރުތީބު ކޮށްފައި ކަމަށެވެ.

"މި ދެޖަމާއަތުގެ ތެރެެއިން އަލްގައިދާއަށް ނިސްބަތްވާ ޖަބްހަތުއްނުސްރާއަކީ ލޭ އޮހޮރުވުމުގެ ކަންކަން ހިންގާ ބައެއްކަން އެނގިގެން މިދިޔައީ" ސުއޫދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އައިއެސް އާއި ޖަބްހަތުއް ނުސްރާއިން މީހުން ރެކްރޫޓް ކުރަމުން ގެންދަނީ އެކަނިވެރިހެން ހީވާ ޅަފުރައިގެ ކުދިން ހޯދައި، އެކުދިންނަށް އެހީތެރިވެގެން ކަމަށެވެ. އެގޮތުން ރެކްރޫޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން އެކުދިންނަށް ދީނީ ނަސޭހަތް ދިނުމުގެ އިތުރުން ޖިހާދު ކުރުމަށް ހިތްވަރުދޭ ފަދަ ވީޑިއޯތައް ވެސް ދައްކާކަން ތަހުގީގަށް ހެކިންގެ ހެކި ބަހުން އެނގިފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ޖަމާއަތް ރޭވިފައި އޮންނަ ގޮތަކީ ދައުވާއަށް (ދީނީ ނަސޭހަތުގެ ބައި) ވަކި ބައެއް، ފައިނޭންސަށް ވަކި ބައެއް، ދެން ހުރި ހުރިހާ ކަމަކަށް ވަކި ބައެއް، އެގޮތަށް" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ އެގޮތަށް އެކި ކަންކަމަށް މީހުން ހާއްސަކޮށްގެން އެ ޖަމާއަތުން މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން، އެތަނުން އެއް ބަޔަކު އަތުލައި ގަތަސް، ދެން ތިބި މީހުންގެ މައުލޫމާތު ފުލުހުންނަށް ނޭނގޭނެ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގެ ހަގީގަތް ހޯދަން ފުލުހުންނަށް ވެސް ދަތިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.