މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކުރި މީހުންނާއި އެކަން ކުރުމުގެ ފަހަތުގައިވާ މީހުން ހޯދިފައިވާ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފިއެވެ.
މަރުތައް ބަލާ ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ 7 އޮގަސްޓް 2014 ގެ ރޭ 10:00 އިން 12:00އާ ހަމައަށް، ހަރުކަށި ފިކުރުގެ ޖަމާއަތުގެ ދެ މީހުން ރިލްވާނަށް ފާރަލަމުން ދިޔަ ކަމަށެވެ. ލިބިފައިވާ ތިން ގަޑިއިރުގެ ފުޓޭޖުން ކާރެއްގައި ރިލްވާންގެ ފަހަތުން ފާރަލަމުންދިޔައީ މުހައްމަދު ހާމިދާއި މުހައްމަދު ސުވެއިދުކަން އެނގޭ ކަމަށާއި އެ ދެ މީހުން ވެސް ފަހުން ވަނީ ސީރިއާއަށް ގޮސްފައި ކަމަށެވެ.
އަދި މާލޭގައި ހުންނަ ހުޅުމާލެ ފެރީން ހުޅުމާލެއަށް ދިއުމަށް 7 އޮގަސްޓް 2014 ވަނަ ދުވަހުގެ ރޭ 1:00 އަށް ރިލްވާން ފެރީއަށް އެރި ކަމަށާއި އަދި އެ ފެރީގައި ރިލްވާން ހުޅުމާލެއަށް ދިޔަކަން ފެރީއަށް އެރި ރިލްވާންގެ ރައްޓިއްސެއްގެ ފަރާތުން އެނގުނު ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ހުޅުމާލެއަށް ފެރީ ފޯރާނެ ކަމަށް ބެލެވޭ ވަގުތުގެ ފަހުން ރިލްވާންގެ ފޯނުގެ ސިގްނަލް، ހުޅުމާލޭގައި ހުންނަ ސެލް ޓަވަރުތަކުގައި ޕިންވެފައި ހުރުމުން، އޭނާއަށް ހުޅުމާލެއަށް ދިޔަކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލާގައި ހެކިބަސް ދިން އަންހެނަކަށް އިޝާރާތް ކުރައްވާ ސުއޫދު ވިދާޅުވީ، 8 އޯގަސްޓް 2014 ވަނަ ދުވަހުގެ ރޭ، 1:45 ގައި "ވޭންދެނިވި ގޮތަކަށް ދެތިން ފަހަރު ފިރިހެނަކު ހަޅޭއްލެވި އަޑަށް" އެ އަންހެން މީހާ ބެލްކަންޏަށް ނުކުމެ ބޭރަށް ބެލިއިރު، ރިލްވާން އުޅޭ 21 ނަމްބަރު ފްލެޓާ ދިމާލުން ޕޭމަންޓުގައި ހުއްޓާފައި އޮތް ރަތް ކާރެއްގެ ފަހަތު ސީޓަށް، ގަދަކަމުން މީހަކު ގުދުކޮށް އަރުވަނިކޮށް ފެނުނު ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި ކާރު އޮތް ދިމާލުގައި ވަޅިއެއް އޮތް ކަމަށާއި އެމީހުން އެކަން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް ވެސް އަންހެންމީހާ ހެކިބަސް ދެމުން ބުނެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކާރުގެ ކުރީ ސީޓުގައި ދެމީހުން ތިބި ކަމަށާއި ފަހަތު ސީޓުގައި ރިލްވާންއާއެކު އިތުރު މީހަކު އިން ކަމަށާއި އެ އެންމެންނަކީ ކޮން ބައެއްކަން ވެސް އެނގޭ ކަމަށެވެ. އަދި އޭގެ ތެރެއިން ކާރުގެ ކުރީ ސީޓުގައިއިން އެކަކީ އާލިފް ރައޫފު ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ދެން ކާރުގައި ތިބި މީހުންނަކީ ކޮންބައެއްކަމެއް ސުއޫދު ވިދާޅެއް ނުވެއެވެ.
ސުއޫދު ވިދާޅުވީ އެ ކާރު ދުއްވާފައި ދިޔައީ ހެޑްލައިޓް ވެސް ނިންވާލައިގެން ކަމަށާއި ކާރު ފަހަތުން ސައިކަލުގައި ތިން މީހަކު ވެސް ދިޔަ ކަމަށެވެ.
"އެ މީހުން ހެކިބަސް ދީފައިވާ މީހަކީ ރިލްވާންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޔަގިންވޭ. ރިލްވާން އަރުވައިގެން، ކިޑްނެޕް ކޮށްގެން، ގެންދިޔަ ރަތް ކާރަކީ، ރަޖިސްޓްރީިން ނަމްބަރު އޭބީ އައިއޭ ޕީފޯ 4954 އާލިފް ރައޫފަށް ރެޖިސްޓެރީ ކޮށްފައިވަނީ، ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ވަނީ އިއުތިރާފްވެފައި، ހ.ހިލްޓަން އާލިފް ރައޫފު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ޕީޓްރަލް އައްކޮ (އަހުސަން މުހައްމަދު) މެދުވެރިކޮށް އާލިފް ރައޫފުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަތްކާރު، އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނޫރައްދީން ބުނެގެން ހުޅުމާލެއަށް ނޫރައްދީން ބޭނުން ކުރުމަށްޓަކައި ފޮނުވައިދިން ކަމަށް،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އެ ރަތް ކާރުން ފެނުނު އިސްތައްޓަކީ ވެސް ރިލްވާނާ ގުޅުން ހުރި އެއްޗެއްކަން ފޮރެންސިކު ތަހުލީލުތަކުން ދައްކާ ކަމަށެވެ.
"މައްސަލައިގެ ފޮރެންސިކް އެނަލިސިސްއެއް ހެދިފައިވޭ، ރިލްވާންގެ އިސްތަށި ކަމަށް ޝައްކު ކުރެވޭ އިސްތަށިތަކެއް ކާރު ތެރެއިން ފެނިގެން މި އިސްތަށިތައް އޭނާގެ މަންމަގެ އިސްތައްޓާ އަޅައި ކިއުމުން އެއީ ތިމާގެ މީހުންކަން އެނގޭ ޑީއެންއޭ ޓެސްޓްތަކެއް ފެނިފައިވޭ، އަދި ރިލްވާންގެ އެޕާޓްމަންޓްގެ ފާހާނާ ތެެރެއިން ނެގި ރިލްވާން ބޭނުންކުރި ބުރުހުން ނެގުނު ސާމްޕަލްއާ ވެސް ދިމާވޭ، އެެހެންކަމުން ކާރު ތެރެއިން ފެނުނު އިސްތަށި، ރިލްވާން މައްސަލައާ ގުޅުން ހުރޭ، އެހެންކަމުން އެކާރުގައި އެރޭ އުފުލީ ރިލްވާން ކަަމަށް އެއްވެސް ޝައްކެއް ނެތް ވަރަށް ޔަގީންވޭ،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ކާރަށް އަރުވައިގެން ރިލްވާން ދެން ގެންދިޔައީ ޑިންގީއަކަށް އަރުވައިގެން ކަނޑުގައި އޮތް އުޅަނދަކަށް ކަމަށެވެ. އަދި އެ އުޅަނދުގައި ރިލްވާން މަރާލާފައިވާ ކަމަށާއި އެކަމަށް ތިން މީހެއްގެ ހެކި ބަސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ ހެކި ބަސް ދިން މީހާ އާއި ފަހުން ހެކި ބަސް ދިން ދެ މީހުންގެ ވާހަކައިގައި ތަފާތު ކަމެއް ހުރި ނަމަވެސް، ތިން މީހުންގެ ވާހަކަ ނިމެނީ އެއްގޮތަކަށްކަން ސުއޫދު ފާހަގަކުރެއްވިއެވެ.
އަދި ރިލްވާން އަރުވައިގެން ދުއްވި އުޅަނދު ދުއްވީ އައްޑޫ މީހެއް ކަމަށާއި އެމީހާގެ ނަންވެސް އެނގޭ ސުއޫދު މިއަދު ވިދާޅުވިއެވެ. އަދި އެ މައްސަލާގައި އިތުރު ހެކި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.