ތިމާވެއްޓާއި ރަހުމަތްތެރި ގޮތް އިހުތިޔާރުކުރުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ކުންފުނިން "ގްރީން ފޯ ގުޑް" ގެ ނަމުގައި އިނީޝިއޭޓިވްގެ އާ ޕްލެޖްތައް ތައާރަފުކޮށްފިއެވެ.
މި އިނީޝިއޭޓިވް ލޯންޗުކޮށްފައިވަނީ މިއަދު އަންގްސާނާ އިހުރުގައި ކުރިއަށްގެންދިޔަ "ޓެން ޓު ޓެން ޑައިވް" ހަރަކާތުގެ ތެރެއިންނެވެ. މި އިނީޝިއޭޓިވް ލޯންޗުކޮށްދެއްވާފައިވަނީ ބަނިޔަން ޓްރީ ގްރޫޕްގެ ސަސްޓެއިނަބިލިޓީ ޑިރެކްޓަރު އަދި ބަނިޔަން ޓްރީ ގްލޯބަލް ފައުންޑޭޝަންގެ ކޯޑިނޭޓިން ޑިރެކްޓަރު ސްޓީވް ނިއުމަންއެވެ.
އެލައިޑުން ބުނީ މި އިނީޝިއޭޓިވްގެ ދަށުން ތިމާވެއްޓާއި ރައްޓެހި ކޮތަޅާއި ފުޅި އަދި އޮފީސް މާހައުލުގައި ކަރަންޓާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމާއި އޮފީސް މާހައުލަކީ ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށް ކުރެވޭ ގިނަގުނަ މަސައްކަތްތައްވެސް ވަނީ ތައާރަފުކޮށްފައި ކަމުގައެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން އެލައިޑުގެ މެނޭޖިން ޑިރެކްޓަރު ޝަފާޒު ވިދާޅުވީ "ގްރީން ފޯ ގުޑް" އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ޕްލޭނެއް ކަމަށާއި އެގޮތުން ގައުމަށާއި ރައްޔިތުން އަދި ވަށައިގެންވާ މާހައުލާއި ކަނޑުގެ ދިރުންތަކަށް ވެސް ރައްކާތެރިކަމާއި އަޅައިލުން ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް މުސްތަގުބަލުގައި ތައާރަފުވެގެންދާނެ ކަމުގައެވެ.
އެލައިޑުން މިހާަރުވެސް "ޕްރީމިއަމް ފޯ ގުޑް" ގެ ނަމުގައި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މަލަހިނި ސޭންޑީ މިޝަނާއި ސްކޫލްތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި އުރީދޫ އަދި ޔޫއެންޑީޕީއާ ގުޅިގެން މާޅޮހުގައި ގާއިމްކުރި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ފާހަގަކޮށްލެވެ އެވެ.