ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ގޭތެރޭގައި ކުރާ މަސައްކަތް ބަލައި ނުގަތުމަކީ އަންހެނުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް: ޝިދާތާ

އާނިފާ ހުސެއިން ސިރާޖް

އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އުޖޫރަ ނުލިބޭ ގޮތަށް ގޭތެރޭގައި ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ ކަމަށް މިނިސްޓަރު އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ނިއު ދިއްލީގައި މިދިޔަ މަހުގެ 31 އިން މިމަހުގެ ތިނެއްގެ ނިޔަލަށް ކުރިއަށްދާ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10ވަނަ ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަދައްކަވަމުން މިނިސްޓަ ޝިދާތާ ވިދާޅުވީ ކުދިން ބެލުމާއި، ކެއްކުމާއި، ފޮޅާ ސާފުކުރުމާއި، ދޮވެ އިސްތިރިކުރުމާއި، ބާޒާރުކުރުން އަދި އަންހެނުން ގޭތެރޭގައި ކުރާ އެކި ބާވަތުގެ މަސައްކަތްތަކަކީ އުޖޫރައެއް ލިބުމެއް ނެތި ކުރާ މަސައްކަތްތައް ކަމަށާއި ހަމަ އެހެންމެ އެއީ މަސައްކަތެއްގެ ގޮތުގައި ބެލެވިފައިނުވާ ކަންކަން ކަމަށެވެ. އެހެން ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި މަސައްކަތްތައް ނުހިނގާ ނަމަ މުޖުތަމައުގެ ހިނގުން ހުއްޓި އިގުތިސާދު ފުނޑުފުނޑުވެގެންދާނެ ކަމުގައިވެސް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާގެ ވާހަކައިގައި މި ފަހުން ރާއްޖޭގައި ކުރި ސާވޭއެއްގައި އުޖޫރަ ލިބިގެންނާއި އުޖޫރަ ނުލިބި ކުރާ މަސައްކަތްތައް އެއްކޮށްލުމުން ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތުގައި މަސްއޫލުވެގެން އުޅޭ މިންވަރު އިތުރުކަން ވަނީ ފާހަގަކުރެވިފަ އެވެ.