މަސްތުވާތަކެތި ބަލައިގަތުމުގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރުމަށް ތަކުރާރުކޮށް ހިތްވަރުދޭނަމަ މަސްތުވާތަކެތީގެ ވަބާ އިތުރަށް ގޯސްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ "އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުންނެވެ. އިއްޔެ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، ބާރުގަދަ ޑްރަގުގެ ވަބާގައިޖެހި، ޝިކާރައަކަށްވެ، މަގުން ކައްސާލާފައިވާ ޒުވާނުން ކިތަންމެހާވެސް ގިނަ ކަމަށާއި، ދިވެހި ޒުވާނުންނަށް ބާރުގަދަ ޑްރަގް ދިނުމަކީ ރާވައި ހިންގައިގެން ކޮށްފައިވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލު ވަނީ މަސްތުވާތަކެތި ފަދަ ނުރައްކާތެރި ކަމަކުން އާންމުން ރައްކާތެރި ކުރުމަކީ ދައުލަތަށް މުހިއްމު ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ. މަސްތުވާތަކެއްޗަކީ އާންމުންގެ މަސްލަހަތާއި ރައްކާތެރިކަމަށް ބުރޫ އަރާ ކަމެއް ކަން ފާހަގަ ކުރައްވައި، މިއީ ވައްކަމާއި، ފޭރުން، މާރާމާރީ އާއި މީހުން މެރުން ފަދަ ކުށްތައް އިތުރުވާ ކަމެއްކަމަށް ޖަމީލު ވިދާޅުވިއެވެ. މީގެ އިތުރުން ގައުމު ސަލާމަތް ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ އިތުރުން ގައުމުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން، ރައްޔިތުން މަޖިލީހުގެ ރައީސް ހިފަން ޖެހޭނެ ކަން ޖަމީލު ފާހަގަ ކުރެއްވިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ "އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް އެހީތެރިވެދިނުމަށް ގެންގުޅެންޖެހޭ އެހީތެރިކަން ސަރުކާރަށް އެނގޭ ކަމަށެވެ. އަދި ޒުވާނުންނަށް ބާރުގަދަ ޑްރަގް ދޫކުރުން، ބެހުން، އެއީ ރާވައިގެން ހިންގިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.