އެލްޖީއޭ

އެންމެ ރަނގަޅަށް މަސައްކަތްކުރި ކައުންސިލުތަކަށް އެވޯޑް ދީފި

ފާއިތުވި ދެ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި ކައުންސިލުތަކަށް އެވޯޑް ދީފިއެވެ.

ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ މިއެވޯޑް ދީފައިވަނީ 2017 އަދި 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ކައުންސިލްތަކަށެވެ.

''ކަންގަތި'' ނަމުގައި ދޭ މި އެވޯޑް ދިނުމުގައި ކައުންސިލްތައް ރޭންކުކޮށްފައިވަނީ އެލްޖީއޭގެ ގާނޫނާ އެއްގޮތަށް ލިޔެކިޔުންތައް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކައުންސިލްތަކުގެ ނަތީޖާއަށް ބެލުމަށްފަހު އެވެ.

އެވޯޑް ދިނުމުގައި ބަލާ އިންޑެކްސްތަކަކީ ގާނޫނަށް އަމަލުކުރާ މިންވަރާއި އިފެކްޓިވްނެސް، ޕާޓިސިޕޭޝަން، އެކައުންޓެބިލިޓީ، އަދި ސެކިޔުރިޓީއެވެ.

ފާއިތުވި ދެ އަހަރު އެންމެ މަތިން މާކްސް ހޯދި ތިން ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލަށް ވަނީ ހަނދާނީ ފިލާ ދީފައެވެ. އެގޮތުން 2017 ވަނަ އަހަރު ޕާފޯމަންސް އިންޑެކްސް އިން އެންމެ ރަނގަޅު މާކްސް ހޯދާފައިވަނީ އއ. މަތިވެރި ކައުންސިލާއި ކ. ހުރާ ކައުންސިލާއި އއ. އުކުޅަހު ކައުންސިލެވެ.

އަދި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުވެސް އެންމެ މަތިން މާކްސް ހޯދި އަތޮޅު ކައުންސިލުތަކަކީ ތ. އަތޮޅު ކައުންސިލާއި ށ. އަތޮޅު ކައުންސިލުގެ އިތުރުން ޅ. އަތޮޅު ކައުންސިލެވެ.

ދެހާސް އަށާރަ ވަނަ އަހަރު އެންމެ މަތިން މާކްސް ހޯދި ރަށު ކައުންސިލުތަކަކީ ފ. ނިލަންދޫ ކައުންސިލާއި ށ. ފުނަދޫ ކައުންސިލެވެ.