މާދަމާ ރާއްޖޭގައި ފަށާ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅުންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސަރަހައްދީ ބައެއް ގައުމުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސް ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.
ސައުތު އޭޝިއަން ސްޕީކާސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު ރާއްޖެ ވަޑައިގަތީ، އަފްޣާނިސްތާނުގެ ގާނޫނުގަދާ މަޖިލީހުގެ ރައީސް ރަހުމާން ރަހުމީ އާއި އިންޑިއާގެ ގަނޫނުހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އާއި، އެ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ހަރިވާންޝް އެވެ.
އޭގެ އިތުރުން ބަންގްލަދޭޝްގެ މަޖިލީހުގެ ރައީސް ޑރ. ޝިރިން ޝަރުމިން ޗޯދަރީ އާއި، ބޫޓާންގެ މަޖިލީހުގެ ރައީސް ވަންގްޗުކް ނަމަގްޔާލް އާއި، ސްރީލަންކާގެ މަޖިލީހުގެ ރައީސް ކަރުނަރަތްނެ ޖަޔަސުރީ އާއި ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގާސިމް ހާން ސުރީ، މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. މި ސަމިޓުގައި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
ދެ ދުވަހުގެ މުއްދަތަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ ސްޕީކާސް ސަމިޓަކީ ސާކްގެ ހަތަރުވަނަ ސްޕީކާސް ސަމިޓެވެ. މިއީ ރާއްޖޭގައި މި ސަމިޓު ބާއްވާ ފުރަތަމަ ފަހަރެވެ.
މިއަދު ރާއްޖެ ވަޑައިގެންނެވި ގައުމުތަކުގެ ގާނޫނު ހަދާމަޖިލީހުގެ އިސް ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.