ހދ. ނޮޅިވަރަންފަރު

އީރާގެ އެންމެ ފަހު އެދުން، "މިދަނީ މާލެ، ބިސް ކައްކާފައި ބަހައްޓައްޗޭ"

މުހައްމަދު ސިމާއު

8

އުމުރުން ތިން އަހަރުގެ އީރާ ހަސަން ޝިފާޒަށް އިއްޔެއަކީ ވަރަށް އުފާވެރި ދުވަހެކެވެ. ދުވަސްތަކަކަށްފަހު މާލޭގައި ދިރިއުޅޭ ލޯބިވާ ބައްޕަ، ހަސަން ޝިފާޒުއާ ބައްދަލުވާނެތީއެވެ. ބައްޕައާއެކު ދާން ރާވާފައި އޮތް ޗުއްޓީ ދަތުރުގައި މަޖާކޮށްލުމުގެ އުއްމީދުގައި ލިބޭ އުފާވެރިކަމުގެ ބޮޑުކަމުންނެވެ.

ހެނދުނު ތެދުވި ގޮތަށް ނަލަ ހެދިގެން ގެއިން ނުކުތީ މަންމަ، ފާތިމަތު ގުރައިޝާ އާއި ކާފަ ހުސެއިން ވަހީދު އަބްދުﷲ އަދި މާމަ މަރިޔަމް މަނިކެއާ އެކުއެވެ.

އީރާގެ މި އުފާވެރި ދަތުރުގެ ވާހަކަތައް އޭނާ ދިޔައީ މާލޭގައި ތިބި އާއިލާ މެންބަރުންނާ ވެސް ހިއްސާ ކުރަމުންނެވެ. އީރާ ދެކިލުމަށްޓަކައި މާލޭގައި ތިބި އޭނާގެ ދޮންދައްތަ އާއި މުނިމާމަގެ ކެތްތެރިކަން ވެސް ދިޔައީ ކޮޅުންލަމުންނެވެ.

ނަމަވެސް މި ހުރިހާ ރޭވުންތަކާއި އުފާވެރިކަން ހިތާމައަށް ބަދަލުވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. މާލެ ދިއުމަށް ހަނިމާދުއަށް ކުރި ދަތުރުމަތީގައި ލޯންޗު ބަންޑުން ޖަހާލައި އީރާ އާއި އޭނާގެ މަންމަ ވެސް ގެނބިގެން މަރުވީއެވެ. އީރާއާއެކު އޭނާގެ ލޯބިވާ ކާފަ އާއި މާމަ ވެސް މި ދުނިޔެ ދޫކޮށް ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އެދުނު އެންމެ ފަހު އެދުން، ބިސް ކައްކައިދިނުމަށް

"އީރާ މިދަނީ މާލެއަށް، ބިސް ކައްކާފައި ބަހައްޓައްޗޭ....،"

މިއީ މާލެއަށް ފުރުމުގެ ކުރިން މާލޭގައި ހުރި އޭނާގެ ދޮންދައްތަ ހަސީނާ އަބްދުﷲއަށް ގުޅައި އީރާ އެދުނު އެންމެ ފަހު އެދުމެވެ. ފެނުކެއްކި ބިހަކީ އީރާގެ އެންމެ މީރު ކެއުމެވެ. އެހެންކަމުން ދޮންދައްތަ އާއި މާލޭގައި ތިބި އީރާގެ އާއިލާ މެންބަރުން ދިޔައީ އީރާގެ ދެމައިންނާއި ކާފަ އާއި މާމައަށް މަރުހަބާ ކިއުމަށް ގޭގައި ބޮޑު ކެއުމެއް ތައްޔާރު ކުރަމުންނެވެ. ގޭތެރެ ހަލަބޮލިވެފައި އޮތީ އާއިލާގެ ދުވަސްވީ އެއްވެލުމަށެވެ. އެންމެންވެސް ތައްޔާރުވަމުން ދިޔައީ އުފާ ފާޅުކުރުުގެ ހަފުލާއަށެވެ.

"އީރާއަށް މަދު ނުވާވަރަށް ދިހަ ބިސް ކައްކާފައި ސުފުރާމަތީގައި ހުރި،" އީރާގެ ކާފަ، ހަސަން ވަހީދުގެ އާއިލާގެ މެންބަރަކު "ވަން"އަށް ބުންޏެވެ.

ނަމަވެސް އީރާގެ އެ އެދުން ވެގެންދިޔައީ އޭނާ އެދުނު އެންމެ ފަހު އެދުމަށެވެ. އީރާމެންނަށް ދިމާވި ހިތްދަތި، ގަބޫލުކުރަން ދަތި ހިތާމަވެރި ހަބަރު އެންމެ ފުރަތަމަ އިވުނީ އެއާޕޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ އީރާގެ ބައްޕަ، ޝިފާޒަށާއި ދޮންދައްތަގެ ފިރިމީހާއަށެވެ. އެ ދެ މީހުން އޭރު ތިބީ އީރާމެންގެ އިންތިޒާރުގައި އެއާޕޯޓުގައެވެ.

ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި އެއް އާއިލާއެއްގެ ހަތަރު މެންބަރުން މަރުވި ހަބަރު ގޭގައި ތިބި އާއިލާ މެންބަރުންނަށް ލިބުނީ ފަހުންނެވެ. އުފަލުގެ އެއްވުމަކަށް ތައްޔާރުވެގެން ތިބި އާއިލާއަށް ލިބުނީ ކުއްލި ސިހުމެވެ. ވެރިވީ ހިމޭން ކަމެވެ. އީރާމެންގެ މަރާ ގުޅިގެން މުޅި އާއިލާ ކަރުނުން ތެންމާލިއެވެ. އެންމެންނަށް ވެސް ބަލައިލެވުނީ އީރާ ބުނެގެން ތައްޔާރުކުރި ބިސް ތައްޓަށެވެ. އާއިލާގެ މެންބަރުންނަށް ކޭން ތައްޔާރުކޮށް، އިންސާފު ކުރުމަށް ސުފުރާމަތީގައި އަތުރާފައި ހުރި ތަށިތަކަށެވެ. އިތުރު ކަމެއް އެކަކަށްވެސް ނުކުރެވުނެވެ. އަޑުލައި ރޮއި ގަނެވުނީއެވެ.

އީރާ މާލެ އަންނަން އުޅުނީ ބައްޕައާއެކު ޗުއްޓީއަށް ތައިލެންޑަށް ދިއުމަށް

އީރާގެ މާލެ ދަތުރަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ހާއްސަ ދަތުރެކެވެ. ނުފެނި ގިނަ ދުވަސްވީ އާއިލާއާ ބައްދަލުވާނެތީއެވެ. ހާއްސަކޮށް ގިނަ ދުވަސްތަކަކަށްފަހު ބައްޕައާ ދިމާވުމެވެ. އީރާ އާއި މަންމަ، ގުރައިޝާ ވެސް ކެތްމަދުވެފައި ހުރީ އެ ދަތުރަށެވެ. ނަމަވެސް މި ދަތުރު ހާއްސަވާ ސަބަބަކީ ދާން އޮތް ޗުއްޓީ ދަތުރެވެ.

"ވަން" އަށް މައުލޫމާތު ދިން އާއިލާ މެންބަރު ބުނި ގޮތުގައި، މިއަހަރުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް އީރާގެ އާއިލާ އޮތީ ތައިލެންޑަށް ދާން ރާވައިފައެވެ. މިއީ ޑޮކްޓަރަށް ދައްކާލައި މަޖާ ކޮށްލުމަށް ރޭވިފައި އޮތް ދަތުރެކެވެ. އަނެއްކާވެސް ޗުއްޓީ ނިންމާފައި އީރާ އެނބުރި ރަށަށް ދިއުމުގެ ކުރިން އޭނާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާތީއެވެ.

ނަމަވެސް އީރާގެ ދެމައިންގެ މަރާއެކު ބައްޕަ، ޝިފާޒުގެ ހަޔާތަށް ބިންދާލި ހިތާމައިގެ ބިޔަ ރާޅުން އޭނާއަށް ވެސް އަރައެއް ނުގަނެވުނެވެ. އެއާޕޯޓުގައި އީރާގެ އިންތިޒާރުގައި ހިނިތުންވުމާއެކު ހުރި ޝިފާޒުގެ ހިނިތުންވުމާއި އުއްމީދުތައް ކަރުނައާއި ހިތާމައަށް ބަދަލުވާން ނެގީ އެންމެ ފަޅި ސިކުންތެކެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.

ފުރަތަމަ ލިބުނީ ދަތުރުކުރި ލޯންޗު ހަބަރެއް ނުވެގެން އުޅުނު ހަބަރެވެ. ދެން އިވުނީ ލޯންޗު ބަންޑުން ޖަހާލައިގެން ބަޔަކު ގެއްލިގެން އުޅުނު ހަބަރެވެ. އެއަށްފަހު ބިޔަ ރާޅުތަކުގެ ތެރޭގައި ޝިފާޒުގެ ލޯބިވާ އަނބިމީހާ އާއި ހުރި އަލަތު ދަރިފުޅު ވަކިވެ ފުންކަނޑުގެ ބާނިތަކުގެ ތެރެއަށް ގެއްލުނު ހަބަރެވެ. ފެށި އުއްމީދުގެ ދަތުރު ނަގަމުންދިޔަ ބިޔަ ރާޅުތަކާއެކު ބެހިގެންދިޔައީއެވެ.

މި ހިތާމަވެރި ހާދިސާގައި އެންމެ ފުން އަސަރެއް ކުރީ އީރާގެ އާއިލާއަށެވެ. އެ ހިތާމައިގައި މުޅި ރާއްޖެ ބައިވެރިވާއިރު، މިއީ ކަޅު ދުވަހެކެވެ. ހިތާމައިގެ ދުވަހެކެވެ. އެހާދިސާގައި ނިޔާވި އީރާ އަށާއި އެންމެނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން