ވިޔަފާރި

ބީއެމްއެލް ''ކޮމިއުނިޓީ ފަންޑު''ގެ ދަށުން ފަސް ޕްރޮޖެކްޓެއް ހިންގަން އެހީ ދީފި

މަރިޔަމް ޝަހުދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު''ގެ ދަށުން ފަސް ޕްރޮޖެކްޓެއް ހިންގަން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ ''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު''އަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފްކުރި ފަންޑެކެވެ. އެގޮތުން މިފަހަރު އެހީތެރިކަން ފޯރުކޮށްދިން ފަސް ޕްރޮޖެކްޓަކީ މިއަހަރު ދެވަނަ ކުއާޓަރުގައި ބީއެމްއެލް އަށް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު ފަސް ޕްރޮޖެކްޓު ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ކޮމިއުނިޓީ ފަންޑުން މިފަހަރު ހީތެރިކަން ފޯރުކޮށްދިން ޕްރޮޖެކްޓްތައް:

* ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ - ބ. ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމް ކުރުމަށް

* ފޭދޫ އެންވަޔަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން - އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ށ. ފޭދޫގެ ރައްޔިތުންނަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމަށް

* ކޮޅުފުށީ އެކުވެރި ކުލަބް - މ. ކޮޅުފުށީ ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުމަށް

* ފަރީދާ އިބްރާހީމް - ސ. ހުޅުދޫގެ ރާފަޅާ ގޮނޑުދޮށް ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ގާއިމް ކުރުމަށް

* އަބޫބަކުރު އަލީ ފައުންޑޭޝަން - ކ. ގާފަރުގެ ސެން ކްލާސް ރޫމެއް ތަރައްގީ ކުރުމަށް

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ މުޖުތަމައުއަށް އަނބުރާ ފޯރުކޮށްދިނުން ކަމަށެވެ.

އަދި ފާއިތުވި އަހަރުގެ ތެރޭ އެކަނިވެސް ބޭންކުން މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުން 110 ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަހަރުގެ ފުރަތަމަ ކުއާޓާގައި ހޮވުނު ފަރާތްތަކުގެ ޕްރޮޖެކްޓު ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ ފަސް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ޕްރޮޖެކްޓުތައް ހިންގުމަށް 250 ހާސް ރުފިޔާގެ އެހީ އެ ބޭންކުން ދީފައިވެއެވެ.

ބީއެމްއެލް އިން ވަނީ ''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު''ގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފައެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަަނަ ދުވަހުގެ މެންދުރު 12:00 އާދެމެދު، އެ ފަންޑުގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްއަށް ހުށަހަޅާ ޕްރޮޖެކްތަކުގެ ތެރެއިން އަހަރުގެ ކޮންމެ ކުއާޓަރެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހިމެނޭ ޕްރޮޖެކްޓް ހިންގުމަށް 50،000 ރުފިޔާ ދެއެވެ.