ހުސެއިން ވަހީދު އަބްދުﷲ ގެ ބައްޕަ ވަނީ ކުރީން ނިޔާ ވެފައެވެ. އުމުރުން 84 އަހަރު ފުރި ގައި ބާރު ދެރަވެފައިވާ މަންމަ ހުންނަނީ އެއްބަނޑު އެއްބަފާ މީހެއްގެ ކައިރީ މާލޭގައެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރެއްގެ ވަޒީފާގައި އުޅޭ ހުސެއިން ވަހީދުގެ މަސައްކަތް ބުރަ ކަމުންނާއި ޗުއްޓީ އަވަސް އަވަހަށް ނުލިބޭތީ މަންމަ ގާތަށް ހުސެއިން ވަހީދަކަށް ގިނަ ގިނައަކުން ނުދެވެއެވެ. އެކަމަކު އަބަދުވެސް މަންމަގެ ހާލު ބަލައި ހަދައެވެ.
ނަމަވެސް މިއަހަރުގެ ރޯދަ މަހަށްފަހު މަންމަ ބަލިވެ އުޅޭ ހަބަރާއެކު ހުސެއިން ވަހީދު ނިންމީ ސެޕްޓެމްބަރުގައި ލިބޭ ޗުއްޓީގައި ކޮންމެ ގޮތެއް ވިޔަސް މާލެ ދާށެވެ. ހުސެއިން އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ މާލެ ދިއުމަށް ދަތުރު ފެށީ މަންމަ އާއި މާލޭގެ ހުރި އެމީހުންގެ ހަމައެކަނި ފިރިހެން ދަރިފުޅާވެސް ބައްދަލުވާނެ ކަމުގެ އުފާވެރި ފޮނި އުއްމީދުގައެވެ.
ދަތުރު އިތުރަށް އުފާވެރިވެގެން ދިޔައީ އެދެމަފިރިންނާއެކު އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ފާތުމަތު ގުރައިޝާ އާއި ކާފަ ދަރިފުޅު، އުމުރުން ފަސް އަހަރުގެ އީރާ ވެސް ބައިވެރިވާތީއެވެ. ފެށިގެން ގުނަމުން މި ދަނީ ތަގުދީރުގެ އެހެން ކަހަލަ ސަފުހާތަކެއްގެ ބިރުވެރި ފެށުމެއްގެ ވަގުތުކޮޅުކަން އެކަކަށްވެސް އިހުސާސެއް ނުކުރެވެ އެވެ.
ލޯބިވާ މީހުންގެ ގާތަށް ފެށި އުފާވެރި ދަތުރު ވެގެންދިޔައީ ހުސެއިންގެ އާއިލާގެ ފަހު ދަތުރަށެވެ. ކުރިމަތިވީ ބިރުވެރިކަމުގެ އިންތިހާގެ ހިތްދަތި ހާދިސާއަކާ އެވެ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދިޔަ ދަތުރުމަތީގައި އެމީހުން ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ހުސެއިންގެ ދެމަފިރިން މަރުވީއެވެ. އޭނާގެ އަންހެން ދަރިފުޅާއި ކާފަ ދަރިފުޅުވެސް ދުނިޔެއާ ވަކިވެގެންދިޔައީއެވެ.
ހުސެއިން ވަހީދާއި އޭނާގެ ކުޑަކުޑަ އާއިލާ މާލެ ދާން ދަތުރަށް ތައްޔާރުވިއިރު ވެސް ނޮޅިވަރަންފަރަށް މޫސުން ގޯހެވެ. ހެނދުނުން ފެށިގެން ކުރަމުންދިޔަ ވިއްސާރައިގައި އެރަށަށް ބޯކޮށް ވާރޭވެހި ރަށު ތެރޭގައި ވެސް ފެން ބޮޑުވިއެވެ. ނަމަވެސް މޫސުމުގެ ވާހަކައަށްވުރެ އާއިލާގެ އުފާވެރިކަން ބޮޑެވެ. މުޅިން ވެސް ދެކެވުނީ ދާން އޮތް މަންޒިލުގެ އުފާވެރިކަމުގެ ވާހަކައެވެ. މޫސުމުގެ ނުރައްކަލަށްވުރެ ބޮޑަށް ވިސްނުން ބެހެއްޓުނީ އަންނާން އޮތް އާއިލީ އުފަލަށެވެ.
ބަނދަރުގައި އޮތް "އައި ސްޕީޑް" ނަމަކަށް ކިޔާ 23 ފޫޓުގެ ކުޑަ ލޯންޗަކަށް ހުސެއިން ވަހީދާއި އޭނާގެ ކުޑަ އާއިލާ އިތުރު ބަޔަކާއެކު އަރައި ހަަމަޖެހިލިއެވެ. ހެނދުނު 11:30 އެހާކަންހާއިރު ލޯންޗު ނޮޅިވަރަންފަރުން ފުރައިގެން 10 ވަރަކަށް މިނެޓުން ދެވެން އޮތް ހަނިމާދުއަށް ފުރީ ފުލް ސްޕީޑުގައެވެ. އޭރުވެސް މޫސުން ރަނގަޅެއް ނޫނެވެ.
އެއާޕޯޓް ސަރަހައްދާ ދިމާގައި އޮންނަ ނެރުން ވަނުމުގެ ބަދަލުގައި ހަނިމާދޫ ކަންމަތިން ވަދެވެން އޮތް ކަނޑިންމަ ކައިރިން ވަންނަން އުޅުމުގެ ތެރޭގައި ނެގި އުސް ރާޅެއްގެ ހޮޅީދަށުގައި ލައި ލޯންޗު ބަންޑުން ޖަހާލިއެވެ. އެކަކު ވީ ތަން އަނެކަކަށްވެސް ނޭނގުނެވެ. ރޯޅި ބާރެވެ. ކަނޑުވެސް އިންތިހާއަށް ގަދައެވެ. ރާޅުތައް ބޮޑެއްޗެވެ. އިވެމުން ދިޔައީ ރުއިމާއި ބިރުވެރިކަމުގެ އަޑެވެ.
ހުސެއިން ވަހީދުގެ އާއިލާ މީހަކު "ވަން" އަށް ބުނި ގޮތުގައި ލޯންޗު ބަންޑުން ޖަހާލީ ގަދަ ކޮޅިގަނޑެއްގެ ތެރޭގައި ނޮޅިވަރަންފަރާ ދިމާއިން ހަނިމާދޫގެ ދެކުނު ކޮޅުން އޮތް ކަޑިންމައިން ވަންނަން އުޅުމުގެ ތެރޭގައެވެ.
ނަމަވެސް އެ ކަނޑިންމައަކީ ވަރަށް ކުރީ ޒަމާނުގައި ބޭނުންކުރި ކަނޑިންމައެކެވެ. އެތަނުގައި ނެރު ވަކިކުރަން އެއްވެސް ކަހަލަ ފާހަގައެއްވެސް ޖަހާފައި ނުހުންނައިރު، ހުޅަނގު މޫސުމުގައި އެއްވެސް އުޅަނދެއް ވަދެ ނުކުމެ އުޅުމަށް އެ ކަނޑިންމަ ބޭނުންވެސް ނުކުރާ ކަމަށް އާއިލާގެ މެންބަރު ބުންޏެވެ.
ހާދިސާ ހިނގީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބަންޑުން ޖަހާލައި ލޯންޗުން ދަތުރުކުރި އެންމެން ކަނޑުވީއެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި ހުސެއިން ވަހީދުގެ ދެމަފިރިންނާއި އޭނާގެ ދަރިފުޅާއި ކާފަ ދަރިފުޅު ވަކިވެ ފުންކަނޑުގެ ބާނިތަކުގެ ތެރެއަށް ޣަރަގުވެ ގެއްލުނީއެވެ. ލައިފް ޖެކެޓް ވެސް ނާޅައި ތިބުމުގެ ސަބަބުން އެ ބިޔަ ރާޅުތަކުގެ ތެރެޔަށް ގެނބިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ.
ހާދިސާގައި ހުސެއިން ވަހީދުގެ އާއިލާގެ އަވަށްޓެރިޔާ، ޖެހިގެން ހުރިގޭ އައިޝަތު އަލީވެސް ކަނޑުވެ މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ.
ދުވަސްތަކަކަށްފަހު ހުސެއިން ވަހީދުގެ ކުޑަ އާއިލާ މާލެ އަންނާތީ، މާލޭގައި އޮތް އޭނާގެ އާއިލާ ގެ ހުރިހާ މެންބަރުންވެސް ތިބީ އުފަލުން ފޮޅިފައެވެ. ބުނިހާ އެއްޗެއް ކައްކައި މަރުހަބާ ކިޔަން ތިބީ ކެތްމަދުވެފައެވެ. ނަމަވެސް މާލޭގައި އޮތް އާއިލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލި ހަބަރެވެ.
އޭރުވެސް އެއީ ހުސެއިން ވަހީދުގެ އާއިލާ ދަތުރުކުރި ލޯންޗުކަމެއް ނޭނގެއެވެ. ނަމަވެސް އުފަލުގައި އޮތް އާއިލާއަށް ދެން ލިބުނީ ލިބުނީ މާ ހިތާމަވެރި ހަބަރެކެވެ. އެއީ ހުސެއިން ވަހީދުމެން ދަތުރުކުރި ލޯންޗުކަން ޔަގީންވި އެވެ. އެ ހަބަރާއެކު މުޅި އާއިލާ ކަރުނުން ތެންމާލިއެވެ. ބާރަށް ރޯން ފެށުނެވެ.
ހުސެއިން ވަހީދުގެ އާއިލާ މެންބަރު "ވަން" އަށް އިތުރަށް ބުނީ، ހުސެއިން ވަހީދު ފުރުމުގެ އެންމެ ފަހު ވަގުތު ވެސް އޭނާގެ މަންމައަށް ފޯނުން ގުޅި ކަމަށެވެ. މާލެ ދާ ވާހަކަވެސް ބުންޏެވެ. އެއީ އެ މަންމައަށް ވެސް ލިބޭނެ އުފާވެރި ހަބަރެކެވެ. ތިން ކުދިން ތިބޭއިރު ދުރުގައި ހުރި ހަމައެކަނި ދަރިފުޅާ އެތައް ދުވަހަކަށްފަހު ބައްދަލުވާތީ އެވެ.
ނަމަވެސް އެ މަންމަ ވެސް ހިމެނޭގޮތަށް މުޅި ރާއްޖެއަށް ވެސް މިއަދު މިއީ ކަޅު ދުވަހެކެވެ. ހިތާމައިގެ ދުވަހެކެވެ. އެތައް ފިލާވަޅަކާއި އިބުރަތެއް ލިބުނު ދުވަހެކެވެ. ނިޔާވި އެންމެންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން