މިނިސްޓަރު އިމްރާން އަބްދުﷲ

އެއްވެސް ހުކުމެއް ނުކޮށް، 300 އަށްވުރެ ގިނަ މީހުން ޖަލުގައި އެބަތިބި: މިނިސްޓަރު އިމްރާން

އިބްރާހިމް ޒަކީ

އެއްވެސް ހުކުމެއް ނުކޮށް 300 އަށްވުރެ ގިނަ މީހުން ރިމާންޑްގައި ޖަލުގައި މިހާރުވެސް އެބަތިބިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ވާނުވާނޭނގޭގޮތަށް، ވަކި މުއްދަތެއް ނެތް ގޮތަށް އެކި ތަންތަނުގައި، ބަންދުކޮށްފައިވާ މީހުންނާ ބެހޭގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، އެގޮތަށް ބަންދު ކުރެވިފައި، 300 އަށްވުރެ ގިނަމީހުން، 400 އާ ކައިކުރާ އަދަދަކަށް އެބަތިބިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިމާންޑަށް ޖަލުގައި ބަންދުކޮށްފައިތިބި މީހުންގެ މައްސަލަ ހައްލު ކުރުމަށް މިިނިސްޓްރީން ކަންތައްތައް ކުރަމުންދާ ކަމަށާއި، އެގޮތުން ސުޕްރީމް ކޯޓާއި، ކްރިމިނަލް ކޯޓާއެކު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ކުށުގެ ހުކުމްގަ އާއި ރިމާންޑްގައި މީހުން ތިބޭ ޖަލު ތަފާކުރުމަށްޓަކައި، މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެއީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުށުގެ ތުހުމަތުގައި ކޮންމެހެން ބަންދުކުރަން ނުޖެހޭ މީހުން ބަންދު ކުރަންނުޖެހޭގޮތަށް ކަންކަން ހަމަޖެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

އެކަންތައްތަކަށް ދާއިމީ ހަލެއް ހޯދުމަށް ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް ދިނުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ތިބިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.