މިނިސްޓަރު އިމްރާން އަބްދުﷲ

ހަތެއް ފެބްރުއަރީއާ ގުޅިގެން ނެރުނު ކޯނީ ރިޕޯޓާ ގުޅިގެން ފުލުހުންނަށް ވަނީ ފިޔަވަޅު އަޅައިފައި

އިބްރާހިމް ޒަކީ

ފެބްރުއަރީ ހަތެއް، 2012 ގައި ހިނގައިދިޔަ ކަންކަމާބެހޭގޮތުން ނެރުނު ކޯނީ ރިޕޯޓްގައި ފާހަގަ ކުރެވޭ ކަންތައްތަކަށް ބަލައި، ފުލުންނާބެހޭ ތަހުގީގު ކޮށް، ފިޔަވަޅު އަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ކޯނީ ރިޕޯޓަކީ، ހަތެއް ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެން އޭރުގެ ރައީސުލް ޖުމްހޫރިއްޔާ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ން ތައްޔާރުކޮށް ނެރުނު ރިޕޯޓެކެވެ.

ފެބްރުއަރީ ހަތެއް، 2012 ގައި ހިނގައިދިޔަ ކަންކަމުގެ ތެރޭގައި ބައެއް ފުލުހުން، ސަލާމަތީ ހިދުމަތްތަކާބެހޭ އިމާރާތްތަކަށް އެއްޗެހި އުކައި ގެއްލުންދީފައިވާކަަމަށާއި، އެފަރާތަކާމެދު ފިޔަވަޅު އަޅާފައިވޭތޯ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެދު ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު، ގަބޫލުކުރަންދަތި ކިތަންމެ ކަމެއް ހިނގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ބައިވެރިވި ވަރަށްގިނަ ފަރާތްތަކާއި ރައްޔިތުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެދުވަހު ހިނގި ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ކޯނީ ރިޕޯޓް އެކުލަވާލެފައިވާއިރު، އެރިޕޯޓުން އިޝާރާތް ކޮށްފައިވާ ކަންތައްތަކަށް ބިނާކޮށް ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގައި ބައެއް ބޭފުުންނާ ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އޭގެ ތެރެއިން ބައެއްބޭފުޅުން ވަޒީފާއިން ވަކިކުރެވި، އަނެއްބައި ބޭފުޅުން އޭރު ތިއްބެވި، މަގާމުން ދަށްކުރެވި، ބައެއް ބޭފުޅުންގެ ޑިވިޝަންތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

އެކަންކަމަކީ އޭރުގެ ހާލަތަށް ބަލައި އޭރު ތިއްބެވި ވެރިން ތަހުގީގުކޮށް އަޅާފައިވާ އެކަށީގެންވާ ފިޔަވަޅުތަކެއް ކަމަށާއި، އޭގެ ނަތީޖާއެއްގެގޮތުން އުއްމީދު ކުރާފަދަ ކުރިއެރުން ލިބެމުން އަންނަ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ މިއަދު ބަދަލުވެފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.