އިލެކްޝަންސް ކޮމިޝަން

މާލޭގެ ދެ ދާއިރާއެއް ފިޔަވައި އެއްވެސް ދާއިރާއަކަށް ބަދަލު ނުގެންނަން އީސީން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

މާލޭގެ ދެ ދާއިރާއެއް ފިޔަވައި ރާއްޖޭގެ އެއްވެސް އިންތިޚާބީ ދާއިރާއަކަށް ބަދަލު ނުގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

''ވަން އޮންލައިން''އަށް މައުލުމާތު ދެއްވަމުން އަކުރަމް ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބަދަލު ގެނެސް، ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އީސީއަށް އެދިފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫ ދާއިރާއަށް އެއް ގޮނޑި އަދި އައްޑޫ މަރަދޫ ފޭދޫ ދާއިރާއަށް އެއް ގޮނޑި އިތުރުކުރުމަށް ހުށަހަޅާފައި ކަމަށެވެ. އަދި އޭގެ އިތުރުން ކޮލަމާފުށީ ދާއިރާގެ ނަމުގައި ގއ. އަތޮޅުގައި އެއް ދާއިރާ އިތުރުކުރުމަށް ވެސް ހުށަހެޅުމަށް ލަފާ ދީފައިވާކަމަށް އަކުރަމު ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ އެ ހުށަހެޅުންތަކާއެކު އީސީގެ ޓީމަކުން އެ ދާއިރާތަކުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ފަހު، މާލެ ދާއިރާއަށް ދެ ގޮނޑި އިތުރު ކުރުން ފިޔަވައި އެހެން އެއްވެސް އިންތިޚާބީ ދާއިރާއަކަށް ބަދަލު ނުގެންނަން ކޮމިޝަނުން މިހާރު ނިންމާފައިވާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ މާލޭ ދާއިރާގެ ތެރެއިން ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މިހާރު އޮތް ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާއާއި، އަދި މައްޗަންގޮޅި މެދު ދާއިރާ ކަމަށެވެ.

އަދި ހުޅުހެންވޭރު ދާއިރާގައި ކުރިން ހުޅުމާލޭ ހިމެނޭ އިރު، މިހާރު ހުޅުމާލޭ އޮންނާނީ ވަކި ދާއިރާއެއްގެ ގޮތުގައި ކަމަށް ވެސް އަކްރަމު ވިދާޅުވިއެވެ. މި ދާއިރާތައް ފިޔަވައި އެހެން އެއްވެސް އިންތިޚާބީ ދާއިރާއަކަށް ވެސް އަދި އިންތަކަކަށް ވެސް ބަދަލު ގެންނަން ހަމަޖެހިފައި ނުވާކަމަށް ވިދާޅުވިއެވެ.