ރިޔާސީ އިންތިހާބު

ރައްޔިތުން ނިންމާ ނިންމުމަށް އިހުތިރާމް ކުރަން ގޮވާލަން: އުމަރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވީނަމަވެސް، އެ ނިންމުމަކަށް އިހުތިރާމް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އުމަރު ނަސީރަކީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުއްވި ފަރާތެއް ނަމަވެސް، އޭނާ ވަނީ ފަހުން ނަން އަނބުރާ ގެންދަވާފައެވެ. އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ 1،500 ސޮއި ހަމަކުރެއްވިކަންވެސް އިއުލާން ކުރެއްވި އުމަރު ނަން ނަންގެވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައި ވަނީ މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށް ވުރެ ބޮޑަށް، މި ފަހަރު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު ރިޔާސީ އިންތިހާބު އޮންނަ އިރު، އުމަރުގެ ފޭސްބުކް ޕޭޖުގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވީ ނަމަވެސް، އެ ނިންމުމަށް އިހުތިރާމް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށާއި، ސިފައިންނަށާއި، ފުލުހުންނަށް، އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ އިތުރުންވެސް އުމަރު ވަނީ ރައްޔިތުންނަށްވެސް ހާއްސަ އިލްތިމާސެއް ކުރައްވާފައެވެ. އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ކޮންމެ ފަސް އަހަރަކުން އެއް އަަހަރު، ވޯޓަކުން ވެރިއަކު ހޮވުމަށް ލިބޭ ފުރުސަތުގައި ހުރިހާ ރައްޔިތުންވެސް ބޭނުން ހިއްޕެވުމަށާއި، އަމިއްލަ ވިސްނުމަކުން ވިސްނާ ވޯޓު ދިނުމަށް ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

އުމަރު ވަނީ 2008 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެފައެވެ. ދެން ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ވާދަކުރައްވާފައިވާ އިރު، އެ ޕްރައިމަރީ ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގަތީ މިހާރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމެވެ.